ކ. ހިންމަފުށީގައި ސަރުކާރުން ތަރައްޤީކުރާ ފުޓްބޯޅަ ދަނޑުގެ ފެންސް ޖެހުމާއި ލައިޓް ހަރުކުރުމުގެ މަސައްކަތް މިހާރު ބާރަށް ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފި އެވެ. މި މަޝްރޫޢު ނިންމުމަށް ސަރުކާރުން ކަނޑައަޅާފައިވާ މުއްދަތުގައި ނިންމުމަށް އެމްޓީސީސީން އަންނަނީ ވަރަށް ބާރު ސްޕީޑްގައި މަސައްކަތް ކުރަމުންނެވެ.
ހިންމަފުށީ ފުޓްބޯޅަ ދަނޑުގެ ފެންސް ޖެހުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ މި އަހަރުގެ މާޗް މަހުގެ 29 ވަނަ ދުވަހުއެވެ. ޖުމްލަ 4.9 މިލިއަން ރުފިޔާގެ މި މަޝްރޫޢު، 150 ދުވަހުގެ ތެރޭގައި ނިންމާގޮތަށް ހަވާލުކޮށްފައިވާ ކަމަށް އެމްޓީސީސީން މައުލޫމާތު ދެއެވެ.
ފެންވަރު ރަނގަޅު ފުޓްބޯޅަ ދަނޑެއް ލިބުމަކީ ހިންމަފުށީގެ ޒުވާނުންނާއި ކުޑަކުދިން ދުވަހަކުވެސް ނުދެކޭ ހުވަފެނެކެވެ. މިހާރު ހިންމަފުށީގައި އޮތް ދަނޑުގައި ވަނީ ރަނގަޅު ފެންވަރެއްގެ ޓާފެއް އަޅާ، ވަށާފާރު ރާނާފަ އެވެ. ދަނޑުގައި ފެންސް ޖަހާ ލައިޓް ހަރުކޮށް ނިމުމުން، އެ ދަނޑު ވެގެންދާނީ ދުވާލާއި ރޭގަނޑުވެސް ބޭނުންކުރެވޭ ފެންވަރު ރަނގަޅު ދަނޑަކަށެވެ. މީގެ ސަބަބުން ރަށުގެ ކުޅިވަރު ތަރައްގީއަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެއެވެ.
ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި މިހާރު އަންނަނީ އަތޮޅު މުބާރާތްތަކާއި ޒޯން މުބާރާތް ކުޅުމަށް ތައްޔާރުވަމުންނެވެ. ބައެއް އަތޮޅުތަކުގައި މިހާރު އަތޮޅު މުބާރާތްވެސް ވަނީ ފަށާފަ އެވެ. ސަރުކާރުން އަންނަނީ ކުޅިވަރު ޤާނޫނުގެ ދަށުން ހުރިހާ ކުޅިވަރެއް ލާމަރުކަޒުކޮށް، މުޅި ރާއްޖެއަށް ފުޅާ ކުރުމުގެ މަސައްކަތް ކުރިއަށް އޮތް ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ނިންމުމަށް މަސައްކަތް ކުރަމުންނެވެ. ހިންމަފުށީ ފުޓްބޯޅަ ދަނޑު ތަރައްޤީ ކުރުމަކީ މި މަސައްކަތުގެ މުހިންމު ބައެކެވެ.

