އިޖުތިމާޢީ އަދި އާއިލީ ތަރައްޤީއާއި ބެހޭ ވުޒާރާއާއި، ދަތުރުފަތުރާއި މަދަނީ އުދުހުންތަކާއި ބެހޭ ވުޒާރާ ގުޅިގެން ހުޅުމާލެ ސެންޓްރަލް ޕާކުގައި “އުފާ ފެސްޓިވަލް 2025” ނަމުގައި ޚާއްސަ ފެސްޓިވަލެއް ރަސްމީކޮށް ފަށައިފިއެވެ. މި ފެސްޓިވަލަކީ ހުރިހާ އުމުރުފުރައެއްގެ މީހުންނަށް ހިތްފަސޭހަ މާޙައުލެއްގައި ތަފާތު މަޖާ ގޭމްތަކާއެކު އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލުމުގެ ފުރުޞަތު ފަހިކޮށްދިނުމަށްޓަކައި ކުރިއަށް ގެންދާ ހަރަކާތެކެވެ.
މި ފެސްޓިވަލު ކުރިއަށް ދާނީ ނޮވެންބަރު މަހުގެ 21 އަދި 22 ވަނަ ދުވަހުގެ ނިޔަލަށް، ހުކުރު އަދި ހޮނިހިރު ދުވަހު ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ. ހަރަކާތްތައް ކުރިއަށް ދާނީ ހަވީރު 16:00 އިން 18:00 އަށާއި، ރޭގަނޑު 20:00 އިން 22:00 އަށެވެ.
ފެސްޓިވަލު ހުޅުއްވައި ދެއްވީ، އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢާއިޝަތު ޝިހާމާއި، ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީނެވެ. މި ފެސްޓިވަލު އިފްތިތާޙް ކުރުމުގެ ރަސްމިއްޔާތުގައި، ފާއިތުވި 2 އަހަރުގެ ތެރޭގައި މި ދެ ވުޒާރާއިން ކުރި މުހިންމު މަސައްކަތްތަކުގެ އުސްއަލިތައް ހިމެނޭ ޚާއްސަ ބުކްލެޓްވެސް ވަނީ ނެރެފައެވެ.
ސަރުކާރުގެ ގިނަ މުޢައްސަސާތަކާއި، ކުންފުނިތަކާއި ގުޅިގެން ހިންގާ މި ހަރަކާތުގައި ކުޑަކުދިން ގަޔާވާ ފަދަ ތަފާތު ކުޅިވަރުތަކުގެ އިތުރުން، އިސްރަށްވެހިންނަށް ޚާއްސަ ޖާގައަކާއި، ތަފާތު ސްޓޭޖު އައިޓަމްތައް ފެނިގެންދާނެއެވެ.
ފެސްޓިވަލުގެ ޚާއްސަ ހަރަކާތްތަކުގެ ތެރޭގައި 21 ވަނަ ދުވަހުގެ ރޭ 20:00 އިން 22:00 އަށް ކުޑަކުދިންނަށް ޚާއްސަ މޫވީ ނައިޓެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. ކުދިންނާއި، ޢާއިލާތަކަށް ޚާއްސަ ކޮށްގެން ބާއްވާ މި މޫވީ ނައިޓަކީ، އުރީދޫއާއި މި ވުޒާރާތަކާއި ގުޅިގެން އިންތިޒާމް ކޮށްފައިވާ ހަރަކާތެކެވެ. މީގެ އިތުރުން 22 ވަނަ ދުވަހުގެ ހަވީރު 16:00 އިން 18:00 އަށް އަދި ރޭގަނޑު 20:00 އިން 22:00 އަށް ހޭވައްލާ ބޮޑުބެރު ގްރޫޕުންވެސް މި ފެސްޓިވަލްގައި ހަރަކާތްތަކެއް ހުށަހަޅާ ދިނުމަށް ވަނީ ހަމަޖެހިފައެވެ.
މި ފެސްޓިވަލްގެ ތެރެއިން “ޝާމިލް” ލޯގޯވެސް ވަނީ އިފްތިތާޙްކޮށްފައެވެ. މި ލޯގޯއަކީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުން އުފައްދާ ތަކެތި މާކެޓް ކުރުމަށް ފަރުމާ ކޮށްފައިވާ ލޯގޯއެކެވެ. “އުފާ ފެސްޓިވަލް 2025” އަކީ ރައްޔިތުންނަށް އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލުމުގެ ފުރުސަތު ފަހިކޮށްދޭނެ ކަމަށް އުންމީދު ކުރެވޭ ހަރަކާތެކެވެ.

