ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) އަށް 6 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން، އެ ކުންފުނީގެ ލޯގޯ ރީބްރޭންޑްކޮށްފިއެވެ. މިކަން ހާމަކުރީ މިއަދު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.
އާރްޑީސީގެ 6 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވި މި ރަސްމިއްޔާތުގައި، އައު ލޯގޯ އިފްތިތާހްކޮށްދެއްވީ ދަތުރުފަތުރާ މަދަނީ އުދުހުންތަކާބެހޭ ވަޒީރު މުޙައްމަދު އަމީނެވެ.
ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަނަކީ 2019 ވަނަ އަހަރުގެ ޖޫން މަހު، ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކުން އުފައްދާފައިވާ، ސަރުކާރުގެ 100% ހިއްސާ އޮންނަ ކުންފުންޏެކެވެ. މަގު ހެދުމާއި، ދާލަންތައް މަރާމާތުކޮށް ބެލެހެއްޓުމާއި، ހައިވޭތަކާއި ކޯޒްވޭތައް ހެދުމުގެ އިތުރުން، އިމާރާތްކުރުމާއި އިމާރާތްކުރާ ސާމާނު ފޯރުކޮށްދިނުމުގައި އާރްޑީސީން މުހިންމު ދައުރެއް އަދާކުރެއެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އާރްޑީސީން އަންނަނީ ޢުމްރާނީ ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ކުރިއަށްގެންދަމުންނެވެ.
ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުން ވަޒީރު މުޙައްމަދު އަމީން ފާހަގަކުރެއްވީ، ރާއްޖޭގެ އުމްރާނީ ތަރައްޤީގައި އާރްޑީސީއަކީވެސް މުހިންމު ދައުރެއް އަދާކުރާ ކުންފުންޏެއްކަމަށެވެ. އަދި އާރްޑީސީން ކުރައްވާ މަސައްކަތްތަކަށް ޝުކުރުއަދާކުރެއްވިއެވެ.
“އާރްޑީސީއަކީ މީގެ 5 އަހަރު ކުރިން މަގު ހެދުމުގެ މަޤްސަދުގައި އުފެއްދި ކުންފުންޏަކަށްވީނަމަވެސް މިއަދު ހަމަގައިމުވެސް އާރްޑީސީގެ ޚިދުމަތް މުޅި ޤައުމުގެ އެންމެ އުތުރުން ތުރާކުނުން ފެށިގެން އައްޑު އަތޮޅާ ހަމައަށް މި ކުންފުނީގެ ފަރާތުން ހިންގާ މަޝްރޫޢުތައް ކުރިއަށްނުދާ އެއްވެސް ދާއިރާއެއް މި ޤައުމުގައި ނެތް. ވުމާއެކު ޢުމްރާނީ ތަރައްޤީގެ ވަރަށް ގިނަ މަސައްކަތްތައް ކުރިއަށްގެންދިއުމުގައި މި ކުންފުނިން ކުރަމުން މިދަނީ ވަރަށް ބުރަ މަސައްކަތެއް،” ވަޒީރު އަމީން ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އާރްޑީސީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ނަޒީމް ވިދާޅުވީ، ރައްޔިތުންނާ ގުޅުންހުރި ޢުމްރާނީ ތަރައްޤީގެ މަޝްރޫޢުތައް ހަލުވި ދުވެއްޔެއްގައި ކުރިއަށްގެންދެވޭ އަދި އަރަނިވެރި ކުންފުންޏަކަށް ހެދުމަކީ ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުގެ އަމާޒެއްކަމަށެވެ. އަދި މިގޮތުން ކުރެވޭ މަސައްކަތްތަކާއެކު އެކުންފުންޏަކީ މިހާރު ހިންގާ މަޝްރޫޢުތަކަށްވުރެ ސްކޯޕް ބޮޑެތި މަޝްރޫޢުތައްވެސް ހިންގުމުގެ ޤާބިލުކަން ލިބިފައިވާ ކުންފުންޏަކަށް ހެދުމަކީ އަމާޒެއްކަމަށް ނަޒީމް ވިދާޅުވިއެވެ.
“މަސައްކަތްކުރުމަށް ބޭނުންވާ އެންމެ ފަހުގެ ޒަމާނީ ވަސީލަތްތައް ވަރަށް އަވަހަށް އާރްޑީސީއަށް ލިބޭނެކަން ރައީސް ފާހަގަކުރެއްވި. މިއީ ކުންފުނީގެ ވިޔަފާރި ފުޅާކޮށް ކުންފުނި އަރަނިވާ ކުންފުންޏަކަށް ބަދަލުކުރުމަށް ލިބިގެންދާ އެންމެ ބޮޑު އެއް ވަސީލަތް. އަޅުގަނޑުމެން ގަސްތުކުރަނީ މި 40 މެޝިން އާރބަން ސެންޓަރުތަކުގައި ބަހައްޓައިގެން ގައު އަޅާ ވިއްކާ ރަށްރަށުގައިވެސް މި ވިޔަފާރި ފުޅާކޮށްގެން އަޅުގަނޑުމެންނަށް އާމްދަނީ އިތުރުކުރުން. ކުރިއަށްއޮތް 6 އެއްކަ މަސް ދުވަސްތެރޭގައި އަޅުގަނޑުމެންނަށް މި ކުންފުނި އަރަނިވާ ކުންފުންޏަކަށް ބަދަލުކުރެވޭނެ،” އާރްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ވިދާޅުވިއެވެ.
އާރްޑީސީއަށް 6 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި މި ޚާއްސަ ރަސްމިއްޔާތުގެ ތެރެއިން ވަނީ އެކުންފުނީގައި މަސައްކަތްކުރާ މުވައްޒަފުންގެ އަގު ވަޒަންކޮށް، ތަފާތު 8 ދާއިރާއަކުން މުވައްޒަފުންނަށް ޚާއްސަ އެވޯޑްތަކެއްވެސް ޙަވާލުކޮށްފައެވެ.

