ބޮޑުބެރު ބުނުމުން އަހަރުމެން ދިވެހިންގެ ހިތަށް އަންނާނީ ވަރަށް ފޯރިއާއި ޖޯޝުގެ ހިޔާލެވެ.
މިހާރަކަށް އައިސް އެއްވެސް ހަރަކާތެއް ބޮޑުބެރާއި ނުލައި ކުރިއަށް ނުގެންދެވޭވެސް ބުނެވިދާނެއެވެ. އެގޮތުން ގއ ގެމަނަފުށި ފުރެއްދެ ބޮޑުބެރު ގުރޫޕަކީ މިހެން މިސާލަކަށް ފުދޭ އެއް ގުރޫޕެވެ.

އީދު ފާހަގަކުރުމަށްޓަކައި އެއްކޮށް އުޅޭ ރަޙްމަތްތެރި ޒުވާން ކުދިބަޔަކު ގުޅިގެން އުފައްދާފައިވާ "ފުރެއްދެ ބޮޑުބެރު" ގުރޫޕަކީ، ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި ގިނަ ބަޔެއްގެ މަޤްބޫލުކަން ހޯދައި، ރަށު ފެންވަރުގައި އަދި ރަށުން ބޭރުގައިވެސް ފާހަގަކޮށްލެވޭފަދަ ކާމިޔާބީތަކެއް ހޯދަމުން އަންނަ ޒުވާން ގުރޫޕެކެވެ. ރާއްޖޭގެ ޘަޤާފީ ރޫޙު އާލާކޮށް ދިރުވުމަށް މި ގުރޫޕުން ކުރަމުންދާ މަސައްކަތްތަކަކީ ތަޢުރީފު ޙައްޤު މަސައްކަތްތަކެކެވެ.
ފުރެއްދެ ބޮޑުބެރު ގުރޫޕަކީ މުޅިން އާ ޒުވާން ކުދިބަޔަކު ހިމެނޭ ގުރޫޕެކެވެ. ބޮޑުބެރުގެ ދާއިރާއިން ކުރިއަށް ދިޔުމުގެ ޝައުޤުވެރިކަން ހުރި ހީވާގި ޒުވާނުންތަކެކެވެ. އެމީހުންގެ ތެރެއިން ކޮންމެ މެންބަރެއްގެވެސް މަޤްސަދަކީ ދިވެހި ޘަޤާފަތް ދިރުވައި އާލާކުރުމެވެ.
މި ގުރޫޕުން އެމީހުންގެ ދަތުރު ފެށީ އީދު ފާހަގަކުރުމަށް ރޭވި ހަރަކާތްތަކުންނެވެ.

ފުރެއްދެ ބޮޑުބެރު މެންބަރުން ގުޅިގެން މިހާތަނަށް ހުރިހާ އީދު ކުލަގަދަ ކޮށް ފާހަގަކޮށްފައިވެއެވެ. މި ހަރަކާތްތަކުގެ ސަބަބުން ރަށުގެ ރައްޔިތުންނަށް އީދުގެ އުފާވެރިކަން ގެނެސްދިނުމުގައި ބޮޑު ދައުރެއް އަދާކުރެވުނެވެ.
ރަށުން ފެށި މި ގުރޫޕުގެ ޝެޑިއުލް މިހާރު ވަރަށް ބިޒީ ވެއްޖެއެވެ. ރަށުންނާއި ރަށުން ބޭރުން މި ގުރޫޕުގެ ހުނަރާއި ހަރަކާތްތެރިކަން ފާހަގަކުރެވި، ރަށު ފެންވަރުގައި އަދި ރަށުން ބޭރުގައިވެސް ގިނަ ފުރުސަތުތަކެއް މިހާރު ދަނީ ލިބެމުންނެވެ.
ގެމަނަފުށީ ކައުންސިލް ވޮލީ މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތު ފުރާލައިދިނީ ފުރެއްދެ ބޮޑުބެރު ގުރޫޕުންނެވެ. އަދި އައިޖު ފުޓްސަލް މުބާރާތް ނިމުމުގެ ރަސްމިއްޔާތުގައިވެސް މި ގުރޫޕުގެ ހުނަރުވެރި ކުޅުން ދައްކާލާފައިވާއިރު ފުވައްމުލަކު ސިޓީގައި ބޭއްވުނު ޕޮލިސް މުބާރާތެއްގެ އޮޕެނިންގް ގައި ބައިވެރިވުމުގެ ފުރުސަތު ހިމެނެއެވެ.

ގައްދޫގައި ބޭއްވުނު ހޭންޑުބޯލް މުބާރާތް ނިމުމުގެ ރަސްމިއްޔާތުގައިވެސް ފުރެއްދެ ބޮޑުބެރުގެ ހުނަރުން ފަޅުފިލުވާލަދީފައިވެއެވެ. މީގެ އިތުރުން އަޔާޑާ ރިސޯޓް، މަޝްހޫރު ރާވެރިޔާ ވޮލީ މުބާރާތުގެ ފެށުމުގެ ރަސްމިއްޔާތާއި، ޕުލްމަން ރިސޯޓާއި ރަށްރަށުގެ މުވައްސަސާތަކުގެ އެކިއެކި އިވެންޓްތައް ފުރެއްދެ ބޮޑުބެރު ގުރޫޕުން ދަނީ ހުނަރު ދައްކަމުންނެވެ. މީގެ އިތުރުން ސްކޫލުތަކުގެ ހަރަކާތްތަކުގައި ވެސް ފުރެއްދެއިން ދަނީ ޕާފޯމް ކުރަމުންނެވެ.
ފުރެއްދެ ބޮޑުބެރު ގުރޫޕުން ދަނީ އެމީހުންގެ ހުނަރު އިތުރަށް ތަރައްޤީކޮށް، ގިނަ ބަޔަކަށް އެމީހުންގެ ހުނަރު ދައްކާލުމަށް މަސައްކަތްކުރަމުންނެވެ. މިގޮތުން ވަރަށް އަވަހަށް ހުރިހާ ސާމާނާ އެކު އަމިއްލަ ސްޓޫޑިއޯއެއް ހުޅުވުމަށް ރާވަމުން ދެއެވެ. މިއީ އެމީހުންގެ ހުނަރު އިތުރަށް ކުރިއެރުވުމަށްޓަކައި މުހިންމު ފިޔަވަޅެކެވެ.

ފުރެއްދެ ބޮޑުބެރު ގުރޫޕުގެ ޚިދުމަތް ބޭނުންފުޅުވާ ފަރާތްތަކުން ބުކިންގް ހެދުމަށް 9991791 ނަމްބަރަށް ގުޅުއްވުން އެދެމެވެ. މިކަމާ ހަވާލުވެ ހުންނެވީ ފުރެއްދެގެ މެނޭޖަރ އަބްދުލް ޤަދީރު (ގައްބޭ) އެވެ.

