ދިވެހި ފުލުހުންގެ ހިދުމަތުގެ ބެލުމުގެ ދަށުގައި ހުރި 31 ކާޓަން ސިނގިރޭޓު ގެއްލުނު މައްސަލައެއް އެ އިދާރާއިން ބަލަމުންދާކަމަށް ފުލުހުން ބުނެފިއެވެ. މި ސިނގިރޭޓުތައް ގެއްލިފައިވަނީ ވިލިމާލޭ ފުލުސް ސްޓޭޝަނުގައި ބަހައްޓާފައިވަނިކޮށް ކަމަށް ފުލުހުން ހާމަކޮށްފައިވެއެވެ.
ފުލުހުންގެ ހިދުމަތުން މީޑިޔާއަށް މައުލޫމާތު ދިން ގޮތުގައި، ގާނޫނާ ހިލާފަށް ރާއްޖެއަށް އެތެރެކުރި ކަމުގެ ތުހުމަތުގައި މިދިޔަ މޭ މަހުގެ 23 ވަނަ ދުވަހު ބިދޭސީއެއްގެ އަތުން އަތުލި 32 ކާޓަން ސިނގިރޭޓު ވިލިމާލޭ ފުލުސް ސްޓޭޝަނުގައި ބަހައްޓާފައިވަނިކޮށް، އޭގެ ތެރެއިން ހަ ކާޓަން ސިނގިރޭޓު ވަނީ ގެއްލިފައެވެ.
މި މައްސަލަ ތަހުގީގު ކުރަމުންދަނިކޮށް ފުލުހުންނަށް އިތުރަށް ފާހަގަކުރެވުނީ ފާއިތުވި އަހަރުގެ ޑިސެންބަރު މަހުގެ 23 ވަނަ ދުވަހު ދެ ބިދޭސީއެއްގެ އަތުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި 25 ކާޓަން ސިނގިރޭޓުވެސް ވިލިމާލޭ ފުލުސް ސްޓޭޝަނުގައި ހުއްޓައި ގެއްލިފައިވާކަމެވެ.
ފުލުހުން ބުނެފައިވަނީ، މި ދެ މައްސަލަގައި ގެއްލުނު ސިނގިރޭޓުތަކާ ގުޅިގެން ފުލުހުންގެ ސްޓޭންޑާޑްސް ކޮމާންޑުން އިދާރީ ތަހުގީގެއް ފަށައިގެން ކުރިއަށްގެންދާ ކަމަށެވެ. އަދި ފުލުހުންގެ ހިދުމަތުން މި މައްސަލައިގެ ޖިނާއީ ތަހުގީގު ވަކިން ކުރިއަށްްގެންދާ ކަމަށްވެސް އެ އިދާރާއިން ބުންޏެވެ.
ރާއްޖެއަށް ގަވާއިދާ ހިލާފަށް ސިނގިރޭޓު އެތެރެކުރުން އިތުރުވެފައިވާއިރު، މިފަދަ ގަވާއިދާ ހިލާފު ތަކެތި އަތުލައިގަނެ ދައުލަތުގެ އިދާރާތަކުގެ ބެލުމުގެ ދަށުގައި ހުއްޓައި ވަގަށް ނަގާ މައްސަލަތައް ފެންމަތިވަމުން ދިއުމަކީ ކަންބޮޑުވުމެއް ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. އެގޮތުން، މިދިޔަ އޭޕްރީލު މަހު ކަސްޓަމްސް އިން އަތުލައިގަތް ދެ ކޮންޓެއިނަރު ސިނގިރޭޓު ހުޅުމާލޭގައި އެމްޕީއެލްގެ ބެލުމުގެ ދަށުގައި ހުއްޓާ ވަގަށް ނަގާފައިވެއެވެ.
އެމްޕީއެލްގެ ބެލުމުގެ ދަށުގައި ހުރި ސިނގިރޭޓު ކޮންޓެއިނަރު ވަގަށް ނެގި މައްސަލަ ތަހުގީގުކުރަމުންދާއިރު، އެ މައްސަލައާ ގުޅިގެން މަޝްހޫރު ދެ ވިޔަފާރިވެރިޔަކާއި، ކަސްޓަމްސް އަދި އެމްޕީއެލްގެ ބައެއް މުވައްޒަފުން ވަނީ ހައްޔަރުކޮށްފައެވެ.

