ރާއްޖޭގައި އެއަރ އެމްބިއުލަންސް ޚިދުމަތް ތަޢާރަފްކުރި ފަހުން މިހާތަނަށް، 114 މިލިއަނަށް ވުރެ ގިނަ ރުފިޔާ މާލީ އެހީގެ ގޮތުގައި ދޫކޮށްފައިވާ ކަމަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން މިއަދު ބުނެފި އެވެ. މިއީ ސަރުކާރުގެ 104 ހަފްތާގެ އަދާހަމައިގެ ތެރެއިން އެންސްޕާއިން އާއްމުކުރި ތަފާސްހިސާބެކެވެ.
އެއަރ އެމްބިއުލަންސް ޚިދުމަތް ދިނުމަށް ސަރުކާރުން އެއްބަސްވުމުގައި ސޮއިކުރީ 2024 ފެބްރުވަރީ 28 ގައެވެ. އަދި، މި ޚިދުމަތް ފަށާފައިވަނީ 2024 މާރިޗު 1 ވަނަ ދުވަހުއެވެ.
އެންސްޕާއިން އާއްމުކޮށްފައިވާ ތަފާސްހިސާބު ދައްކާ ގޮތުގައި 2024 ވަނަ އަހަރު މި ޚިދުމަތަށް 29,010,000 ރުފިޔާގެ މާލީ އެހީ ފޯރުކޮށްދީފައިވެއެވެ. އަދި، 2025 ވަނަ އަހަރުގެ މިހާތަނަށް 85,100,000 ރުފިޔާ މިހާތަނަށް މާލީ އެހީގެ ގޮތުގައި ދޫކޮށްފައިވާކަމަށް އެންސްޕާއިން ބުނެއެވެ. މި ދެ އަހަރުގެ ޖުމްލަ އަދަދަކީ 114,110,000 (ސަތޭކަ ސާދަ މިލިއަން އެއްލައްލަ ދިހަހާސް ރުފިޔާ) އެވެ.
ސިއްހީ އެމަޖެންސީ ހާލަތްތަކުގައި ބަލި މީހުން އުފުލުމަށް ޚާއްސަ ކޮށްފައިވާ މި ހިދުމަތް ދެމުން އަންނަނީ ރާއްޖޭގެ ގައުމީ އެއާ ލައިން، މޯލްޑިވިއަންގެ މަތިންދާބޯޓުގައެވެ. ޞިއްޙީ ވުޒާރާއިން އެންމެ ފަހުން އާއްމުކުރި ތަފާސްހިސާބުގައި ބުނެފައިވަނީ މިދިޔަ އަހަރުގެ މާރިޗު 1 އިން މިއަހަރުގެ ނޮވެމްބަރު 17 ވަނަ ދުވަހާ ހަމައަށް މި ޚިދުމަތުގެ ދަށުން 1372 ދަތުރުކޮށް 1556 ބަލިމީހުން އުފުލާފައިވާ ކަމަށެވެ.
ރާއްޖޭގައި ފުރަތަމަ ފަހަރަށް ފެށި އެއަރ އެމްބިއުލަންސްގެ ޚިދުމަތް ފުޅާކުރުމަށް މިހާރު ވަނީ ރާއްޖޭން ބޭރުން އެ ޚިދުމަތް ދިނުމަށް މޯލްޑިވިއަންއާ އެކު އެއްބަސްވުމަކަށް އައިސްފައެވެ. އެގޮތުން، އެއަރ އެމްބިއުލަންސްގެ ދަތުރުތައް ކުރުމަށް ތައްޔާރުވަމުން އަންނަނީ ތައިލެންޑާއި ދުބާއީއަށެވެ.

