ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މާލޭގެ އަވަށްތަކުގެ ތަރައްގީއާ ގުޅޭ ގޮތުން ރައްޔިތުންގެ ހިޔާލު ހޯއްދެވުމަށް ފައްޓަވާ މި ސިލްސިލާގެ ފުރަތަމަ ބައްދަލުވުންތައް ފެށުމުގެ ގޮތުން މާދަން ރޭ ވިލިމާލޭގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ހަމަޖެހިWQLއެވެ.
މި ބައްދަލުވުން އޮންނާނީ މާދަން، ނޮވެންބަރު 23 ވަނަ ދުވަހުގެ ރޭ 20:30 ގައި ވިލިމާލޭގެ މުހްޔިއްދީން ސްކޫލުގައެވެ. ސަރުކާރުން ވަނީ ވިލިމާލޭގައި ދިރިއުޅުއްވާ ހުރިހާ ރައްޔިތުންނަށް މި ބައްދަލުވުމަށް ވަޑައިގަތުމަށް ދައުވަތު ދެއްވާފައެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު މިއަދު އެކްސްގައި ޝާއިއުކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރައްޔިތުންނާ ގާތުން ބައްދަލުކުރައްވައި އެކި ކަންކަމުގައި ހިޔާލު ހޯއްދެވުމަކީ ރައީސުލްޖުމްހޫރިއްޔާގެ އަމާޒެއް ކަމަށެވެ. މާލޭގެ އަވަށްތަކުގެ ތަރައްގީއާ ގުޅޭގޮތުން ރައްޔިތުންގެ ހިޔާލު ހޯއްދެވުމަށް ބައްދަލުވުންތަކެއް ބާއްވަވާނެކަމަށް ރައީސް މުޢިއްޒު ވަނީ މީގެކުރިން ވެސް އިއުލާނުކުރައްވާފައެވެ.
މާލޭ ސަރަހައްދުގެ ބައްދަލުވުންތައް ފެށުމުގެ ކުރިން ވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒު ވަނީ ރާއްޖޭގެ އަތޮޅުތަކަށް ދަތުރުކުރައްވައި، ގިނަ ރަށްރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި، އެބޭފުޅުންގެ ހިޔާލާއި ކަންބޮޑުވުންތައް އޮޅުންފިލުއްވާފައެވެ. މިއީ ރައްޔިތުންނާ ގާތުން މަސައްކަތް ކުރެއްވުމަށް ރައީސް ގެންގުޅުއްވާ ސިޔާސަތެއްގެ ދަށުން ކުރިއަށްގެންދަވާ ބައްދަލުވުންތަކެކެވެ.

