ބޯންމެރޯ ޓްރާންސްޕްލާންޓް (ބީއެމްޓީ) ހެދުމަށް ސަރުކާރުގެ ފަރާތުން ހަމަޖައްސައިދޭ ޚަރަދު، ފުރަތަމަ ދެއަހަރުގެ ތެރޭގައި 24 މީހަކަށް ހަމަޖައްސައިދީފައިވާކަމަށް ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން މިއަދު ހާމަކޮށްފިއެވެ. މި ދެއަހަރުގެ ތެރޭގައި ޖުމްލަ 12.66 މިލިއަން ރުފިޔާ ވަނީ ބީއެމްޓީ ފަރުވާއަށް ޚަރަދުކޮށްފައެވެ.
އެންސްޕާއިން އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، 2023 ވަނަ އަހަރު 5 ފަރާތަކަށް، 2024 ވަނަ އަހަރު 9 ފަރާތަކަށް އަދި 2025 ވަނަ އަހަރުގެ މިހާތަނަށް 10 ފަރާތަކަށް ވަނީ ބޯންމެރޯ ޓްރާންސްޕްލާންޓްގެ ޚަރަދު ހަމަޖައްސައިދީފައެވެ. މި އަދަދުތަކަށް ބަލާއިރު، ޖުމްލަ 24 މީހުން ވަނީ ސަރުކާރުގެ އެހީގައި މި ފަރުވާ ހޯދާފައެވެ.
ޚަރަދުތަކުގެ ތަފްސީލަށް ބަލާއިރު: 2023 ވަނަ އަހަރު 3,851,946.62 (ތިން މިލިއަން އަށްލައްކަ ފަންސާސް އެއްހާސް ރުފިޔާ)، 2024 ވަނަ އަހަރު 7,303,110.34 (ހަތް މިލިއަން ތިންލައްކަ ތިންހާސް ރުފިޔާ) އަދި 2025 ވަނަ އަހަރުގެ މިހާތަނަށް 1,513,821.06 (އެއް މިލިއަން ފަސްލައްކަ ތޭރަހާސް ރުފިޔާ) ވަނީ ހަމަޖައްސައިދީފައެވެ. މިއީ ޖުމްލަ 12.66 މިލިއަން ރުފިޔާއެވެ.
ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް ރާއްޖޭން ބޭރަށް ފޮނުވުމުގެ ޚަރަދު ހަމަޖައްސަނީ، ޒަކާތު ފަންޑުން އެހީތެރިކަން ފޯރުކޮށްދިނުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ އާއި ޞިއްޙަތާ ބެހޭ ވުޒާރާއާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުންނެވެ. ބޯންމެރޯ ހެދުމަށް ކޮންމެ އަހަރަކުވެސް މަދުވެގެން 10 މީހުން ސަރުކާރުގެ ޚަރަދުގައި ފޮނުވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެކެވެ. ސަރުކާރުގެ މި ސިޔާސަތުގެ ދަށުން، މި ފަރުވާ ބޭނުންވާ ފަރާތްތަކަށް އުޞޫލުތަކުގެ ތެރެއިން ޚަރަދު ހަމަޖައްސައިދެމުން އަންނަ ކަމަށް އެންސްޕާ އިން ބުނެއެވެ.
މީގެ އިތުރުން، ތެލަސީމިއާ ޕޭޝަންޓުންނަށް ދޭ ފަރުވާގެ ޚިދުމަތް ރަނގަޅު ކުރުމަށްޓަކައި މޯލްޑިވިއަން ބްލަޑް ސަރވިސްގެ ހިންގުމަށް ވަނީ ދާދިފަހުން ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން، އެ ޚިދުމަތް ދިނުން މިހާރު ވަނީ ހުޅުމާލޭގައި ހުންނަ އޮރެންޖް ހިޔާ އިމާރާތަށް ބަދަލުކޮށްފައެވެ. މި ބަދަލުތަކަކީ ވެސް ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ޞިއްޙީ ދާއިރާއަށް ދޭ އިސްކަން ދައްކުވައިދޭ ކަމެކެވެ.

