ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އިން ވަނީ ޅ. ނައިފަރުގެ މަގުތައް ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް ފެށިގެން ކުރިއަށްދާކަން މިއަދު ހާމަކޮށްފިއެވެ. މި މަޝްރޫޢަކީ ނައިފަރު ރައްޔިތުންނަށް ދިގު މުއްދަތެއްގައި ދިމާވެފައިވާ މަގުތަކުގެ މައްސަލައަށް ހައްލެއް ހޯދައިދިނުމަށް ސަރުކާރުން އިސްކަންދީގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ.
މި މަޝްރޫޢު ސަރުކާރުން އާރުޑީސީއާ ހަވާލުކުރީ މިދިޔަ މަހުގެ ފަހުކޮޅުގައެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އޮކްޓޯބަރު 27 ގައި ނައިފަރަށް ކުރެއްވި ދަތުރުފުޅުގައި މަސައްކަތް ރަސްމީކޮށް ފައްޓަވައިދެއްވާފައެވެ. އެ ދަތުރުފުޅުގައި ރައީސް ވަނީ ނައިފަރުގެ މަގުތައް ހަދާނީ ބައިބަޔަށް ފިޔަވަހިތަކަށް ބަހާލުމެއް ނެތި، އެންމެ ފިޔަވައްސަކުން މުޅި ރަށުގެ މަގުތައް ނިމޭނެ ކަމުގެ ޔަގީންކަން ރައްޔިތުންނަށް ދެއްވާފައެވެ.
ނައިފަރުގެ މަގުތަކުގެ މައްސަލައަކީ އަޑިގުޑަން ގިނަވެ، ހިރަފުސްބޯ، އަދި ވާރޭގައި ފެންބޮޑުވާ ޒަމާންވީ މައްސަލައެކެވެ. މި މަޝްރޫޢުގެ ދަށުން މި މައްސަލަތަކަށް ދާއިމީ ހައްލެއް ލިބި، ރަށުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީވެގެންދާނެ ކަމަށް އާރުޑީސީން ބުނެއެވެ. މަގު ހެދުމުގެ މަސައްކަތް އެއް ފިޔަވައްސަކުން ނިންމާލުމަށް ރައީސް ޔަގީންކަން ދެއްވާފައިވާތީ، މަސައްކަތް އަވަސްކޮށް، ނައިފަރުގެ ރައްޔިތުންނަށް ލުއިފަސޭހަ ގޮތެއްގައި ދަތުރުފަތުރު ކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

