ހއ. ދިއްދޫގައި އިމާރާތްކުރާ އެ އަތޮޅު ހޮސްޕިޓަލުގެ އާ ފަސްބުރީގެ އިމާރާތުގެ ބިންގާ، މިއަދު ހަވީރު އަޅައިފިއެވެ. ހއ. އަތޮޅުގެ ރައްޔިތުންނަށް ދެމުންދާ ޞިއްޙީ ޚިދުމަތުގެ ފެންވަރު މަތިކުރުމުގެ މުހިންމު މަޤްޞަދެއްގައި ސަރުކާރުން ޢިމާރާތްކުރާ މި ހޮސްޕިޓަލުގެ ބިންގާ އަޅުއްވައިދެއްވީ، ހެލްތު މިނިސްޓަރ ޢަބްދުﷲ ނާޒިމް އިބްރާހީމްއެވެ.
މި ބިންގާ އެޅުމުގެ ރަސްމިއްޔާތު އޮތީ މިއަދު ހަވީރު ހއ. ދިއްދޫގައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޒަޢާމަތުގައި ޢިމާރާތްކުރެވޭ މި ހޮސްޕިޓަލްވެގެންދާނީ ޒަމާނީ ފެންވަރަށް ގާއިމްކުރެވޭ ޖާގަ ތަނަވަސް ހޮސްޕިޓަލަކަށެވެ. މި މަޝްރޫޢުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އެމް.ޓީ.ސީ.ސީ (މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ) އާއެވެ.
މި ރަސްމިއްޔާތުގައި، ހެލްތު މިނިސްޓަރ ޢަބްދުﷲ ނާޒިމް އިބްރާހީމްގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ މެންބަރު ޢަބްދުއްލަޠީފު މުޙައްމަދާއި، ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ މުޙައްމަދު މާހިރާއި، އެމް.ޓީ.ސީ.ސީގެ މެނޭޖިންގ ޑިރެކްޓަރ، ޑީ.ސީ.ޕީ ރިޓަޔަރޑް އަޙުމަދު ސައުދީ އާއި، ހއ. ދިއްދޫ ކައުންސިލުގެ ރައީސް ޢަބްދުﷲ ރަޝީދު އަދި ހއ. އަތޮޅު ހޮސްޕިޓަލްގެ މެނޭޖަރ ހެލްތު ސަރވިސް މޫސާ ނަޞީރު ވެސް ބައިވެރިވެވަޑައިގަތެވެ.
ފަންސާސް އެނދުގެ މި ހޮސްޕިޓަލް ޢިމާރާތްކޮށް ނިމޭއިރު، ޒަމާނީ ފެންވަރުގެ އެތައް ޚިދުމަތްތަކެއް ހޯދޭނެއެވެ. އެގޮތުން، އައިސޮލޭޝަން ފެސިލިޓީއަކާއި، ރޭޑިއޮލޮޖީ ޑިޕާޓްމަންޓްގައި އެކްސްރޭ، ސީޓީ، އެމް.އާރު.އައި، މެމޮގްރަފީ އަދި އަލްޓްރާ ސައުންޑް ސްކޭންގެ ޚިދުމަތްތައް ލިބެން ހުންނާނެއެވެ. ހޮސްޕިޓަލް ޢިމާރާތް ކުރުމުގެ މި ޕްރޮޖެކްޓްގެ ތެރޭގައި ވޭސްޓް މެނޭޖްމަންޓް ސެންޓަރަކާއި، އިންޑަސްޓްރިއަލް ލޯންޑްރީއަކާއި، އޮކްސިޖަން ޕްލާންޓެއް ގާއިމްކުރުން ވެސް ހިމެނެއެވެ.
މި މަޝްރޫޢުގެ ސަބަބުން ހއ. އަތޮޅުގެ ޞިއްޙީ ޚިދުމަތްތަކަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް އުންމީދު ކުރެވެއެވެ.

