ކުޑަ ކުއްޖަކަށް ޖިސްމާނީ އަނިޔާވެދާނެ ޢަމަލެއްކޮށް، ބިރުދެއްކިކަމަށް ތުހުމަތުކުރެވޭ ފުލުހެއްގެ މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތުން ބަލަން ފަށައިފިއެވެ. މިމައްސަލަ ފުލުހުންނަށް ހުށައެޅިފައިވަނީ މިދިޔަ ހޮނިހިރު ދުވަހުއެވެ.
ފުލުހުން ވިދާޅުވީ މިކަން ހިނގާފައިވަނީ ހުކުރު ދުވަހު ހަވީރުގެ ވަގުތެއްގައި ސައުތް ސެންޓްރަލް ސަރަޙައްދުގެ ރަށެއްގެ ފުޓްސަލް ދަނޑުގައި ކަމަށެވެ. އެރަށުގެ ފުޓްސަލް ދަނޑުގައި ކުޅެން އުޅުނު ކުދިންތަކެއްގެ މެދުގައި އުފެދުނު ހަމަނުޖެހުމަކާއި ގުޅިގެން، އެތަނުން ކުއްޖެއްގެ ޢާއިލީ މަސްލަޙަތު އޮންނަ ފުލުހަކު އެހެން ކުއްޖަކަށް ޖިސްމާނީ އަނިޔާވެދާނެ ޢަމަލެއްކޮށް ބިރުދައްކާފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ފުލުހުންނަށް ހުށައަޅާފައިވާކަމަށް ފުލުހުން ހާމަކުރެއެވެ.
މިމައްސަލައިގެ ޖިނާޢީ ތަހުގީގެއް ދިވެހި ފުލުހުންގެ ޚިދުމަތުން މިހާރު ކުރިއަށްގެންދާކަމަށް ފުލުހުން ވިދާޅުވެއެވެ. މީގެ އިތުރުން، މިމައްސަލައިގައި ތުހުމަތު ކުރެވެނީ ފުލުހެއްގެ މައްޗަށްކަމަށްވުމުން، އެކަމާ ގުޅިގެން އިދާރީ މައްސަލައެއްވެސް ވަނީ ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑުން ބަލަން ފަށާފައެވެ.
މިމައްސަލަ ތަޙުގީގުކުރަމުންދާއިރު، މިހާތަނަށް މިމައްސަލައާއި ގުޅޭ އިތުރު މަޢުލޫމާތެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

