ގޮނޯރިއާ: ޖިންސީ ގުޅުމުގެ ޒަރީޢާއިން ފެތުރޭ ނުރައްކާތެރި ބައްޔެއް:
ގޮނޯރިއާ، ނުވަތަ "ކިހުނުވުން" އަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވަރަށް އާންމުކޮށް ފެންނަ، ޖިންސީ ގުޅުމުގެ ޒަރީޢާއިން ފެތުރޭ (STI) ނުރައްކާތެރި ބައްޔެކެވެ. މި ބަލި ޖެހެނީ "ނީސެރިއާ ގޮނޯރިއާ" (Neisseria gonorrhoeae) ކިޔާ ބެކްޓީރިއަމްގެ ސަބަބުންނެވެ. ގިނަ ފަހަރު މި ބަލީގެ އަލާމާތްތައް ފެންނަނީ ވަރަށް ކުޑަކޮށް ނުވަތަ އެއްވެސް އަލާމާތެއް ނުފެނި ހުންނާތީ، މި ބަލި ފާހަގަ ނުކުރެވި ގިނަ ބަޔަކަށް ފެތުރިގެން ދިއުމުގެ ބިރު ބޮޑެވެ. ޚާއްޞަކޮށް 15 އަހަރާއި 24 އަހަރާ ދެމެދުގެ ޒުވާނުންގެ މެދުގައި މި ބަލި އާންމުކޮށް ފެންނަ އިރު، ފަރުވާ ނުކޮށް ދޫކޮށްލައިފިނަމަ ދިގު މުއްދަތުގެ ސިއްޙީ ނުރައްކާތަކާ ކުރިމަތިލާން ޖެހެއެވެ.
ބަލި ޖެހޭ ގޮތާއި އަލާމާތްތައް:
ގޮނޯރިއާ ފެތުރޭ މައިގަނޑު ގޮތަކީ ރައްކާތެރި ނޫން ގޮތްގޮތަށް ޖިންސީ ގުޅުން (އެނަލް، އޯރަލް، ނުވަތަ ވެޖައިނަލް) ހިންގުމުގެ ޒަރީޢާއިންނެވެ. މީގެ އިތުރުން، ބަލި ޖެހިފައިވާ މައިމީހާގެ ފަރާތުން ވިހާ ވަގުތު ކުއްޖާއަށް ވެސް މި ބަލި ވާރުތަވެއެވެ. މި ބެކްޓީރިއާ އާންމުކޮށް އަސަރުކުރަނީ ހަށިގަނޑުގެ ހޫނު އަދި އޮމާން ގުނަވަންތައް ކަމަށްވާ ކުޑަކަމުދާ ހޮޅި (ޔޫރެތްރާ)، ކަރުތެރެ، އަދި އަންހެނުންގެ ރަހިމުގެ ކަރު (ސާރވިކްސް) އަށެވެ. ބަލީގެ ޖަރާސީމް ހަށިގަނޑަށް ވަންނަތާ 7 އާއި 21 ދުވަހާ ދެމެދުގެ ތެރޭގައި އަލާމާތްތައް ފެންނަން ފަށައެވެ.
އަލާމާތްތަކުގެ ތެރޭގައި އެންމެ އާންމުކޮށް ފެންނަނީ ކުޑަކަމުދާ އިރު ތަދުވުން ނުވަތަ ދިލަނެގުމެވެ. އަންހެނުންނަށް ޑިސްޗާޖު އައުން (އަންނަ ޑިސްޗާޖުފުލުއިޑްސް ގައި، ކުލަ ބަދަލުވެފައި (ފެހިކުލައަކަށްދާ ގޮތަކަށް) ހުރުމާއ ނުބައި ވަސް ދުވުމަކީ ވެސް އާންމު ކަމެކެވެ. ބައެއް ފަހަރު ޖިންސީ ގުޅުން ހިންގުމުގައި ތަދުވުން ނުވަތަ ލޭ އައުން ވެސް ކުރިމަތިވެދާނެއެވެ. ނަމަވެސް، ގިނަ އަންހެނުންނަށް އެއްވެސް އަލާމާތެއް ނުފެނި ހުރުމަކީ މި ބަލީގެ އެންމެ ބޮޑު ނުރައްކަލެކެވެ.
ފިރިހެނުންނަށް ކުރިމަތިވާ ނުރައްކާތައް:
ގޮނޯރިއާ އަށް ފަރުވާ ނުކޮށް ދޫކޮށްލައިފިނަމަ، ފިރިހެނުންނަށް ތަފާތު ނުރައްކާތެރި ސިއްޙީ މައްސަލަތައް ކުރިމަތިވެދާނެއެވެ. އޭގެ ތެރޭގައި ކުޑަކަމުދާ ހޮޅި ދުޅަވުން (ޔޫރެތްރައިޓިސް) އަދި ޕްރޮސްޓޭޓް ގްލޭންޑް ދުޅަވުން ހިމެނެއެވެ. މީގެ އިތުރުން، މަނި ރައްކާކުރާ ތަން (އެޕިޑިޑައިމިސް) ދުޅަވުން (އެޕިޑިޑައިމައިޓިސް) އަކީ ވެސް ޢާންމުކޮށް ދިމާވާ ކަމެކެވެ. މިކަންކަމުގެ ސަބަބުން ދާއިމީ ރިހުމާއި، ދަރިމައިވުމަށް ހުރަސް އެޅި، ފިރިހެނުން ދަރިމައިނުވުމުގެ ފުރުޞަތު ބޮޑުވެގެން ދެއެވެ. ބައެއް ދިރާސާތަކުން ދައްކާ ގޮތުގައި، މި ބަލި ދިގުލައިގެން ދިއުމަކީ މަސާނާގެ ކެންސަރު ޖެހުމުގެ ފުރުޞަތު ވެސް އިތުރުކޮށްފާނެ ކަމެކެވެ.
އަންހެނުންނަށް ކުރިމަތިވާ ނުރައްކާތައް: ދަރިމައިވުމަށް އޮތް ނުރައްކާ:
އަންހެނުންނަށް ގޮނޯރިއާގެ ސަބަބުން ކުރިމަތިވާ ނުރައްކާތައް މާ ނުރައްކާތެރިވެފައި ދާއިމީ އަސަރުތައް ކުރުމުގެ ފުރުޞަތު ބޮޑެވެ. އެންމެ ނުރައްކާތެރި ކަމަކީ ޕެލްވިކް އިންފްލެމޭޓަރީ ޑިޒީސް (PID) ކުރިމަތިވުމެވެ. PID އަކީ ރަހިމާއި، ބިސްދަތުރުކުރާ ހޮޅިތަކާއި، ބިސްއުފައްދާ ގުނަވަންތަކަށް އަސަރުކުރާ ސީރިއަސް އިންފެކްޝަނެކެވެ. މި ބަލީގެ ސަބަބުން ބިސްދަތުރުކުރާ ހޮޅީގެ ތެރޭގައި ފައިބަރަސް ޓިޝޫ އުފެދި، ހޮޅި ބެދިގެން ދެއެވެ. ނަތީޖާއެއްގެ ގޮތުން ދަރިމައިނުވުން ނުވަތަ ރަހިމުން ބޭރުގައި ގަރުބަގަތުން (އީކްޓޮޕިކް ޕްރެގްނެންސީ) ފަދަ ނުރައްކާތައް ކުރިމަތިވެއެވެ. މީގެ އިތުރުން، ދަންބަނޑުގައި ދާއިމީ ރިހުމެއް ހުރުމާއި، ބާރތޮލިން ގްލޭންޑްތައް ދުޅަވުން ވެސް އަންހެނުންނަށް ދިމާވެދާނެއެވެ.
ފަރުވާ ދިނުމާއި ދިމާވާ ގޮންޖެހުންތައް:
ގޮނޯރިއާ އަކީ އެންޓިބަޔޮޓިކް ބޭސް ބޭނުންކޮށްގެން ފަރުވާ ކުރެވޭ ބައްޔެކެވެ. ނަމަވެސް، މި ބަލި ޖައްސާ ބެކްޓީރިއާގެ ބައެއް ވައްތަރުތައް އެންޓިބަޔޮޓިކް ބޭހަށް ދެކޮޅު ހެދުމުގެ (Antibiotic Resistance) މައްސަލަ ދުނިޔޭގައި ދަނީ އިތުރުވަމުންނެވެ. އެހެންކަމުން، ގޮނޯރިއާ ޖެހިއްޖެނަމަ ގޭތެރޭގެ ފަރުވާތަކަށް ބަރޯސާ ނުވެ، ޑޮކްޓަރެއްގެ ބެލުމުގެ ދަށުން އެންމެ އެކަށީގެންވާ ފަރުވާ ހޯދުން މުހިންމެވެ. ފަރުވާ ފުރިހަމަ ކުރިތާ 7 ދުވަސް ވަންދެން ޖިންސީ ގުޅުން ހިންގުން ހުއްޓާލަން ޖެހެއެވެ. އަދި ބަލި މުޅިން ރަނގަޅުވީތޯ ޔަޤީންކުރުމަށް، ފަރުވާއަށް ފަހު ތިން މަސް ތެރޭގައި އަލުން ޓެސްޓު ހެދުމަކީ ވެސް ވަރަށް މުހިންމު ކަމެކެވެ.
ރައްކާތެރިވުމުގެ މުހިންމުކަން:
ގޮނޯރިއާ އިން ރައްކާތެރިވުމަށް އެންމެ މުހިންމު ގޮތަކީ ރައްކާތެރި ޖިންސީ ގުޅުން ހިންގުމެވެ. ރައްކާތެރިވެ ހިންގާ ރަނގަޅު ގުޅުންތަކަކީ ބޭނުންކުރުމަކީ ބަލި ފެތުރުން ހުއްޓުވުމަށް އެޅޭނެ ވަރަށް މުހިންމު ފިޔަވަޅެކެވެ. މީގެ އިތުރުން، ކައިވެނީގެ ބޭރުން ގުޅުން ހިންގުމުން ދުރުހެލިވެ، ޖިންސީ ގުޅުމުގައި އަމާނާތްތެރިވުމަކީ ވެސް މިފަދަ ނުރައްކާތެރި ބަލިތަކުން ސަލާމަތްވުމަށް އެޅޭނެ އަސާސީ ފިޔަވަޅެކެވެ. ގޮނޯރިއާ ފަދަ ބަލިތަކާ މެދު އާންމުން ހޭލުންތެރިކުރުވައި، އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ޓެސްޓުކޮށް ފަރުވާ ހޯދުމަކީ މުޖުތަމަޢުގެ ސިއްޙަތު ރައްކާތެރިކުރުމަށްޓަކައި ކޮންމެހެން ބޭނުންވާ ކަމެކެވެ.
ކިހުނުވުމަކީ ބަލީގެ ކުރީކޮޅުގައި ފަރުވާ ކުރެވިއްޖެނަމަ މުޅިން ރަނގަޅުވެދާނެ ބައްޔެކެވެ. ނަމަވެސް، ފަރުވާ ނުކޮށް ދޫކޮށްލައިފިނަމަ، އޭގެ ސަބަބުން ދަރިމައިވުމަށް އަސަރުކޮށް، ދިގު މުއްދަތުގެ ސިއްޙީ މައްސަލަތަކާއި، ހަށިގަނޑުގެ އެހެން ގުނަވަންތަކަށް ވެސް އިންފެކްޝަން ފެތުރިގެން ދިއުމުގެ ނުރައްކާ އެބަހުއްޓެވެ. އެހެންކަމުން، މި ބައްޔާ ބެހޭ މައުލޫމާތު ހޯދައި، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަކީ ކޮންމެ ފަރުދެއްގެ ވެސް ޒިންމާއެކެވެ.

