ރާއްޖޭގެ މިނިވަންކަމަށްޓަކައި ދޮންބަންޑާރައިން (ސުލްޠާން ޙަސަން ޢިއްޒުއްދީން) ކުރެއްވި ޤައުމީ ޖިހާދުގެ ހަނދާންތަކަކީ، ޝުކުރުވެރިކަމާއެކު މި ފަސްގަނޑުގައި އަބަދުމެ ދިރިދިރި ހުންނާނެ ހަނދާންތަކެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިފަދައިން ވިދާޅުވީ، މިއަދު ފާހަގަކުރަމުންދާ ފަޚުރުވެރި ހުރަވީ ދުވަހުގެ މުނާސަބަތުގައެވެ.
ރައީސުލްޖުމްހޫރިއްޔާ މި ވާހަކަފުޅު ދެއްކެވީ މިއަދު ހެނދުނު މީސްމީޑިއާގައި ކުރެއްވި ޚާއްޞަ ޕޯސްޓެއްގައެވެ. މިއަދަކީ ހޮޅީންގެ ނުރައްކަލުން ރާއްޖެ މިނިވަންކުރެއްވިފަހުން ފާހަގަކުރާ 281 ވަނަ އަހަރު ފުރޭ ދުވަހެވެ. ހުރަވީ ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ޖުމާދަލްއާޚިރާ މަހުގެ 3 ވަނަ ދުވަހުއެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ އެދުވަސްވަރު ހޮޅީން ދިވެހި ޤައުމަށް ދިން އަނިޔާތަކުގެ ހަނދާންތައް އާކުރައްވާފައެވެ. އެގޮތުން، އެމަނިކުފާނު ވިދާޅުވިއެވެ: “މާލޭގެ އެތައް ތަނެއްގައި ހުޅުޖަހާ، އޭރު ހުންނެވި ރަދުން ރަހީނުކޮށް، ލާއިންސާނީ އެތައް އަނިޔާއެއް ދިވެހީންނަށް ދީ، އަޅުވެތިކަމުގެ ނާމާން ދުވަސްތަކެއް މި ޤައުމަށް ގެނައި ހޮޅީންގެ ނުރައްކަލުން ރާއްޖެ މިންޖުކޮށްދެއްވި ހިތްވަރު ގަދަ ޤައުމީ ޖިހާދަށް މިއަދަށް 281 އަހަރުވީ.”
ރައީސުލްޖުމްހޫރިއްޔާ އިތުރަށް ވިދާޅުވީ ދޮންބަންޑާރައިންގެ ޙިކްމަތާއި، ހުޝިޔާރުކަމާއި، މި ވަޠަންގެ މައްޗަށް އޮތް ކުލުނު ހާމަވި މި ތާރީޚީ ޙާދިސާއަށް 3 ގަރުނު ވާން ކައިރިވީ އިރުވެސް، އެ ހަނދާންތައް ޝުކުރުވެރިކަމާއެކު މި ފަސްގަނޑުގައި ދިރިދިރި ހުންނާނެ ކަމަށެވެ.
މި މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ފަޚުރުވެރި ހުރަވީ ދުވަހުގެ ތަހުނިޔާ ދިވެހި ރައްޔިތުންނަށް އަރިސްކުރައްވާފައެވެ. އަދި، ދިވެހިރާއްޖެ އަބަދުމެ މިނިވަންކަމާއި ފާގަތިކަމުގައި ލެހެއްޓެވުން އެދި އެމަނިކުފާނު ވަނީ ކީރިތި ﷲގެ ޙަޟްރަތުގައި ދުޢާ ދަންނަވާފައެވެ.

