ކުރިއަށް އޮތް ރަމަޟާން މަހަށް ހާއްސަކޮށް ސަރުކާރުން ރައްޔިތުންނަށް ދޭ ރޯދަ ހަދިޔާގެ މަސްދަޅު ކޭސް އުފެއްދުމުގެ މަސައްކަތް އަންނަ ޖެނުއަރީ މަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް ޤައުމީ މަސްކުންފުނި، މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން ބުނެފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ވެރިކަމާ ހަވާލުވުމަށް ފަހު، ކޮންމެ ރޯދަމަހަކުވެސް ރޯދަ ހަދިޔާގެ ގޮތުގައި ދަނީ ގޭބިސީތަކަށް މަސްދަޅު ކޭސް ދެމުންނެވެ. މިގޮތުން، މިދިޔަ ރޯދަމަހެކޭ އެއްގޮތަށް، ކުރިއަށް އޮތް ރޯދަމަހުވެސް ކޮންމެ ގޭބިސީއަކަށް މަސްދަޅު ކޭހެއް ދިނުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. މިކަމަށްޓަކައި ބޭނުންވާ މަސްދަޅު އުފެއްދުމުގެ ތައްޔާރީތައް މިހާރު ވަނީ ފަށާފައެވެ.
ސަރުކާރުން ރޯދަ ހަދިޔާގެ ގޮތުގައި ދޭ މަސްދަޅު އުފައްދަނީ މިފްކޯއިންނެވެ. މި މަސައްކަތާ ގުޅޭގޮތުން ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މިފްކޯއިން ވިދާޅުވީ، ރޯދަ ހަދިޔާ ދިނުމަށް ބޭނުންވާ މަސްދަޅު އުފެއްދުމުގެ މަސައްކަތް މިދިޔަ އޮކްޓޯބަރު މަހުގެ 27 ވަނަ ދުވަހު ފެށިފައިވާ ކަމަށެވެ. އެގޮތުން، މިހާތަނަށް މިމަސައްކަތުގެ 33 އިންސައްތަ ނިމިފައިވާއިރު، އަމާޒަކީ ކުރިއަށް އޮތް ޖެނުއަރީ މަހުގެ ދެވަނަ ހަފްތާއަށް މަސައްކަތް ނިންމާލުން ކަމަށް އެކުންފުނިން ވަނީ ހާމަކުރައްވާފައެވެ.
މިފްކޯއިން އިތުރަށް ވިދާޅުވީ، މަސްދަޅު އުފައްދަނީ މިދިޔަ އަހަރު ރައްޔިތުންނަށް ރޯދަ ހަދިޔާ ދިނުމަށް އުފެއްދި މިންވަރަށް ރިޢާޔަތްކޮށްގެން ކަމަށެވެ. އަދި މިމަސައްކަތަށް ދުރާލާ ތައްޔާރުވެ މަސައްކަތް ފަށާފައިވާކަންވެސް އެކުންފުނިން ފާހަގަކުރިއެވެ.
މިދިޔަ ރަމަޟާން މަހު ސަރުކާރުން ވަނީ ރޯދަ ހަދިޔާގެ ގޮތުގައި ޖުމްލަ 111,231 މަސްދަޅު ކޭސް ހަދިޔާކޮށްފައެވެ. މީގެ ތެރޭގައި މާލޭގެ ގޭބިސީތަކަށް ހަދިޔާކުރި 50,519 މަސްދަޅު ކޭހާއި، އަތޮޅުތެރޭގެ ގޭބިސީތަކަށް ހަދިޔާކުރި 60,712 މަސްދަޅު ކޭސް ހިމެނެއެވެ.
މަސްދަޅު ކޭސްގެ އިތުރުން، ކުރިއަށް އޮތް ރަމަޟާން މަހު ރާއްޖޭގެ ޑޮމެސްޓިކް ރޭޓުގައި ބިލް ކުރާ ކޮންމެ ގޭބިސީއަކަށް އެންމެ ބޮޑުވެގެންވެސް ލިބޭނީ 400 ރުފިޔާގެ ކަރަންޓު ބިލެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ. މިގޮތުން، ކަރަންޓު ބިލުން ޑިސްކައުންޓް ދިނުމަށްވެސް ސަރުކާރުން ވަނީ ނިންމަވާފައެވެ.

