މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމުގެ މަގާމަށް، ގެމަނަފުށީ ދާއިރާގެ ކުރީގެ މެމްބަރު ޖަމީލު ޢުޘްމާން އައްޔަންކުރައްވައިފިއެވެ. މިކަން ހާމަކުރެއްވީ ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިންނެވެ.
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން ވިދާޅުވީ، އެމްއޭސީއެލްގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމުގެ މަގާމަށް، ހުޅުމާލެ ގޯތި ނަންބަރ 10718 އޯކިޑްހިޔާ، ޖަމީލު ޢުޘްމާން އައްޔަނުކޮށްފައިވާ ކަމަށެވެ. ޖަމީލު ޢުޘްމާން ވަނީ 18 ވަނަ މަޖިލީހުގެ ގެމަނަފުށީ ދާއިރާގެ މެމްބަރުކަން އަދާކުރައްވާފައެވެ. އަދި މިހާރު އޭނާ ހުންނެވީ ޓްރީ ޓޮޕް ހޮސްޕިޓަލްގެ ހެޑް އޮފް ސްޕެޝަލް ޕްރޮޖެކްޓްސް އޮޕަރޭޝަންގެ މަގާމުގައެވެ.
އެމްއޭސީއެލްގެ ހިންގުން ހަރުދަނާ ކުރުމަށާއި، އޮޑިޓް އަދި ރިސްކު ފަދަ ކޮމިޓީތައް ރަނގަޅަށް ހިންގުމަށްޓަކައި، އެ ކުންފުނިން ދާދި ފަހުން ވަނީ ބޯޑުގެ މެމްބަރުންގެ އަދަދު 7 އިން 9 އަށް އިތުރުކޮށްފައެވެ. މި ބަދަލާއެކު، ބޯޑުގެ މަސައްކަތްތައް އިތުރަށް ހަރުދަނާވެ، ކޯޕަރޭޓް ގަވަރނަންސް ރަނގަޅުވާނެ ކަމަށް ބެލެވެއެވެ.
ޖަމީލު ޢުޘްމާން އައްޔަންކުރެއްވުމާއެކު، އެމްއޭސީއެލްގެ ބޯޑުގައި މި ވަގުތު ޖުމްލަ 8 މެމްބަރުން އެބަތިއްބެވެ. އެމީހުންނަކީ ޗެއާޕާސަން އައިޝާ ނޫރައިން ޖަނާހް އާއި، އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދު އާއި، ސަހާ ވަހީދު އާއި، އިބްރާހިމް ސިޔާދު ގާސިމް އާއި، މުހައްމަދު މިހާދު އާއި، އިބްރާހިމް މަހުދީ، އަދި މުޖުތަބާ ލަތީފްއެވެ.
މި ސަރުކާރުން ގިނަ އަދަދެއްގެ ބޮޑެތި ޕްރޮޖެކްޓުތައް މި ފަހުން ވަނީ އެމްއޭސީއެލްއާ ހަވާލުކޮށްފައެވެ. އެހެންކަމުން، ބޯޑަށް މިފަދަ ބަދަލުތަކެއް ގެނެސްފައިވާއިރު، އެ ފަދަ ޕްރޮޖެކްޓުތައް ހިންގުމަށްޓަކައި ވަކި ކުންފުންޏެއް މި މަހު ވަނީ އުފައްދައިފައެވެ. މިއީ އެމްއޭސީއެލްގެ ހިންގުމުގެ ދާއިރާ އިތުރަށް ހަރުދަނާކުރުމަށް އަޅާފައިވާ ފިޔަވަޅެކެވެ.

