ވިލިމާލެ ހޮސްޕިޓަލުގެ ޚިދުމަތްތައް ވަގުތީގޮތުން އަމާން ހިޔާއަށް ބަދަލުކުރުމަށްޓަކައި އެތަން މަރާމާތުކުރުމުގެ މަސައްކަތް ރޯޑު ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރް.ޑީ.ސީ) އާ ޙަވާލުކޮށްފިއެވެ. މިއީ، ވިލިމާލޭގައި 100 އެނދުގެ އައު ހޮސްޕިޓަލެއް ތަރައްޤީކުރުމަށްޓަކައި މިހާރު ހުރި ހޮސްޕިޓަލުގެ ޢިމާރާތް ތަޅާލުމުގެ ކުރިން، ޚިދުމަތްތައް މެދުކެނޑުމެއްނެތި ދިނުމަށް ހަމަޖެއްސި އިންތިޒާމެކެވެ.
މިކަމާ ގުޅޭ އެއްބަސްވުމުގައި ވިލިމާލެ ހޮސްޕިޓަލުގެ ފަރާތުން ސޮއިކުރެއްވީ މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް (އެމް.ސީ.ޖީ.އެޗް)ގެ ސީއީއޯ އިބްރާޙީމް ޢަބްދުއްރައްޒާޤު ޙަލީމެވެ. އަދި އާރްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ނަޒީމެވެ. މި އެއްބަސްވުމުގެ ދަށުން، ވިލިމާލެ ހޮސްޕިޓަލުގެ ޚިދުމަތްތައް ވަގުތީ ގޮތުން ބަދަލުކުރުމަށް އަމާން ހިޔާގެ އިމާރާތް މަރާމާތުކޮށް ތައްޔާރުކުރުމުގެ މަސައްކަތް އާރްޑީސީއާ ވަނީ ހަވާލުކުރެވިފައެވެ.
ވިލިމާލޭގައި މިހާރު ޚިދުމަތްދޭ ހޮސްޕިޓަލު ތަޅާލައި، ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން 100 އެނދުގެ އައު ހޮސްޕިޓަލެއް ތަރައްޤީކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. މި އައު ހޮސްޕިޓަލުގެ ޢިމާރާތާއި ވަޞީލަތްތައް ޤާއިމުކުރުމުގެ ހުރިހާ މަސައްކަތެއް ކުރާނީ ޗައިނާ ސަރުކާރުންނެވެ.
ވިލިމާލެ ހޮސްޕިޓަލުގެ ޚިދުމަތް ވަގުތީ އިމާރާތަށް ބަދަލުކުރުމާ ގުޅޭގޮތުން އެމް.ސީ.ޖީ.އެޗުން ވިދާޅުވީ، ޚިދުމަތް ބަދަލުކުރާ އިމާރާތުގެ ކުރެހުންތައް މިހާރު ނިމިފައިވާ ކަމަށެވެ. އެމް.ސީ.ޖީ.އެޗުގެ އަމާޒަކީ، މި އަހަރުގެ ނިޔަލަށް ވިލިމާލެ ހޮސްޕިޓަލުގެ ވަގުތީ އިމާރާތުގެ ސެޓަޕުގެ މަސައްކަތް ނިންމައި، ޚިދުމަތްތައް އެތަނަށް ބަދަލުކުރުން ކަމަށްވެސް އެ އިދާރާއިން ހާމަކުރެއްވިއެވެ.
މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްއިން ވިދާޅުވާ ގޮތުގައި، މިހާރު ހުރި ހޮސްޕިޓަލު ތަޅާލައި އައު ހޮސްޕިޓަލުގެ ޢަމަލީ މަސައްކަތް މިއަހަރު ފަހުކޮޅު ނުވަތަ އަންނަ އަހަރު ކުރީކޮޅު ފެށުމަށް ދަނީ ތައްޔާރުވަމުންނެވެ. ޗައިނާގެ އެހީގައި ތަރައްޤީކުރާ މި ހޮސްޕިޓަލުގައި ދެ އިމާރާތް ހުންނާނެއެވެ. އަދި އައުޓް ޕޭޝަންޓް، އިންޕޭޝަންޓް، އިމަރޖެންސީ، ޑައިގްނޯސްޓިކް، އައިސީޔޫ އަދި ހީމޯޑައިލިސިސް ފަދަ ޚިދުމަތްތަކަށް ޚާއްޞަ އެނދުތަކެއްވެސް ޤާއިމުކުރެވޭނެއެވެ.
އާބާދީގައި 15,000އެއްހާ މީހުން ދިރިއުޅޭ ވިލިމާލޭގެ މިހާރުގެ ހޮސްޕިޓަލަކީ އެއާބާދީއަށް ފުދޭވަރަށް ޚިދުމަތް ފޯރުކޮށްދެވޭނެ އިންތިޒާމު ނެތް ތަނެކެވެ. މިހާރު ހުރި ހޮސްޕިޓަލުގައި ބަލި މީހުން ބެލުމަށް ހުރީ އެންމެ 3 ކޮޓަރިއެވެ. އަދި އިމަރޖެންސީގައި ބޭނުންކުރަނީ 5 އެނދެވެ. އެހެންކަމުން، ޢާންމު ކަންކަމުގައިވެސް އައިޖީއެމްއެޗަށް ނުވަތަ ދަރުމަވަންތަ ހޮސްޕިޓަލަށް ބަރޯސާވުމަކީ ވިލިމާލެ ރައްޔިތުންގެ ބޮޑު ކަންބޮޑުވުމެކެވެ. އައު ހޮސްޕިޓަލަކާއެކު މިކަންކަމަށް ހައްލެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

