ކޮންމެ އިންސާނެއްގެވެސް ދިރިއުޅުމުގައި ރަހުމަތްތެރިން ބޭނުންވެއެވެ. ދިރިއުޅުމުގެ ކޮންމެ ހިސާބެއްގަވެސް، އާއިލާގެ މީހުން ނޫން ބަޔެއްގެ އެހީތެރިކަން ބޭނުންވެއެވެ. އެއީ ރަހުމަތްތެރިން ކަމަށް ގަބޫލު ކޮށް، ކަންކަމާއި މަޝްވާރާކުރުމުގެ އިތުރުން އެކިކަންމަުގައި އެހީ ހޯދާއި ހަދައެވެ. ރަހުމަތްތެރިންގެ ތެރެއިންވެސް އެކަކު ނުވަތަ ދެތިން މީހަކު ވަރަށް ބޮޑަށް ގާތްކޮށް ރަހުމަތްތެރިޔާގެ މަގާމު "އެންމެ ގާތް އެކުވެރިޔާ" ނުވަތަ "ބެސްޓު ފްރެންޑު" ގެ މަގާމަށް ޕްރޮމޯޓު ކުރެވި އިތުބާރު ކުރެވެއެވެ. ހަމަ މިފަދައިން، ރަހުމަތެރިންގެ ތެރެއިން ގޯސް ރައްޓެހިންވެސް ވަކި މަގާމަކަށް ބަދަލުވެގެން ދަނީ ތިމާ އަށް އެމީހެއްގެ ސަބަބުން ކޮންމެވެސް ފިލާވަޅެއް ލިބޭ ދުވަހުން ފެށިގެންނެވެ.
ގޯސް ރައްޓެހިން ނުވަތަ އާންމުކޮށް މިހާރު ކިޔާ ގޮތުންނަމަ ‘ފޭކް ފްރެންޑްސް، އަކީ އެބައެއްގެ ސަބަބުން ތިމާގެ އެތައް ވަގުތަކާއި ހަކަތައެއް ބޭކާރުކޮށްލާ ބައެކެވެ. ކަންމިހެން އޮތްއިރު ސުވާލަކީ މިފަދަ ‘ފޭކް ފްރެންޑްސް، ދެނެގަންނާނެ ގޮތެކެވެ. އެގޮތުން މި ހިމަނާލަނީ މިފަދަ ރައްޓެހިންގެ ގައިން ފެންނާނެ ބައެއް ސިފައެކެވެ.
ފޭކް ރައްޓެހިން ދެނެގަންނާނެ އެންމެ ފުރަތަމަ ގޮތަކީ އެ މީހުން ތިމާގެ ވާހަކަތަކަށް ދޭ ސަމާލުކަން ބެލުމެވެ. އެގޮތުން ކަމަކާއި ހިތްހަމަނުޖެހިގެން ވާހަކައެއް ކިޔާދިނުމުން އޭނާގެ އަމިއްލަކަންތަކުގައި މާ ބުރަކޮށް އުޅެ އަޑުއިވޭކަމަށް ނުހެދުމާއި ހުރިހާ ވާހަކައެއް އަޑުއަހާފައި ތީ އަދި އެއްވެސް އެއްޗެއް ނޫނޭ ބުނެ އޭނާއަށް ދިމާވެފަ ހުރި ކަންތަކެއް ކިޔާދޭން ފެށުމަކީ ފޭކު ރައްޓެހިންގެ ފަރާތުން ފެނިގެންދާނެ ސިފައެކެވެ.
ދެވަނަ ކަމަކަށް ބަލާއިރު މިފަދަ މީހުން ތިމާ އާ ދިމާވެ، ވަގުތު ހޭދަކުރަން ބޭނުންވާނީ އެކަމުން އެމީހުނަށް ކޮންމެވެސް މަންފާއެއް ހާސިލް ވާނަމަ އެކަންޏެވެ. އެނޫން ކަމެއް އަބަދުވެސް ކޮންމެވެސް ބަހަނާއެއް ދައްކާނެއެވެ. ނުވަތަ ތިމާއަށް ހަބަރެއް ނުވާނެއެވެ.
އަދި މިފަދަ މީހުންގެ އިތުރު ސިފައަކީ ތިމާ ކިތަންމެ ބިޒީކޮށް އުޅުނުކަމުގައި ވިޔަސް އެމީހުނަށް ވަގުތު ނުދީފިނަމަ ރުޅި އައިސް ޝަކުވާ ކުރުމެވެ. މިފަދަ މީހުނަށް ތިމާ ބުރަކޮށް އުޅެނީ ކޮންކަމާތޯ ނުވަތަ ކޮން ސަބަބަކާ ލައިގެން ކަމެއް ވެސް މުހިންމެއް ނުވާނެއެވެ.
ފޭކު ރަހުމަތްތެރިއެއް ނަމަ އޭނާ އެހެން މީހުންގެ ކުރިމަތީގައި ތިމާ ލަދުގަންނަ ވާހަކަ ދައްކާ މަލާމާތްކުރާނެއެވެ. އެމީހުންގެ ބޭނުމަކަށް ވާނީ އެހެން މީހުން ކުރިމަތީގައި ތިމާގެ އަގު ވައްޓާލައިގެން ވެސް އަމިއްލަ މީހާގެ މޮޅުކަން ދެއްކުމެވެ. ނަމަވެސް ހަނދާން ކުރާށެވެ. އެހެން މީހުންގެ ކުރިމަތީގައި ތިމާގެ އަގު ވައްޓާލަން އެ މަސައްކަތް ކުރަނީ އެމީހަކު ތިމާގެ އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ގެއްލުވާލާށެވެ.
ތިމާގެ ރަހުމަތްތެރިއެއްގެ ކިބައިން މިފަދަ ސިފަތައް ފެންނަ ނަމަ އެންމެ ރަނގަޅުގޮތަކީ އެމީހަކާ ނުވަތަ އެބަޔަކާ ދުރުވުމެވެ. އަދި އެއީ ތިމާ އާ ކިތަންމެ ގާތް މީހެއް ނަމަވެސް މެއެވެ.

