ޅ. އޮޅުވެލިފުށީ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން، މިހާރު ކުރިއަށްދަނީ ބަނދަރު ފުންކުރުމުގެ މަސައްކަތް ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން މިއަދު ބުނެފި އެވެ. މި މަޝްރޫޢަކީ އެ ރަށުގެ ރައްޔިތުންނަށް ދިގުދެމިގެންދާ ފަސޭހަތަކެއް ގެނެސްދޭނެ ކަމަށް ބެލެވޭ މަޝްރޫޢެކެވެ.
ބަނދަރު ތަރައްޤީކުރުމުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފަށާފައިވަނީ މި އަހަރުގެ އޮގަސްޓް މަހު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެރަށަށް ކުރެއްވި ޒިޔާރަތުގަ އެވެ. މި މަޝްރޫޢުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާބެހޭ ވުޒާރާގެ ވަޒީރު ޑރ. ޢަބްދުﷲ މުއްތަލިބު އެވެ.
މި މަޝްރޫއުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މައިގަނޑު މަސައްކަތްތަކަކީ:
- 7,534 ކިއުބިކް މީޓަރުގެ ސަރަޙައްދެއް ފުންކުރުން
- 49,857 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ އާ ހާބަރ ބޭސިން ފުންކުރުން
- 14,160 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ނެރު ފުންކުރުން
- 164 މީޓަރުގެ ސަރަޙައްދެއްގެ ރިވެޓްމެންޓް ޖެހުން
- 172 މީޓަރުގެ ސަރަޙައްދެއްގައި ބޭރު ތޮށިލުން
- 156 މީޓަރު ސަރަަޙައްދެއްގައި ބޭރު ވެލި ތޮށްޓެއްލުން
- 156 މީޓަރުގެ ސަރަޙައްދެއްގެ އެތެރެވަރިން ވެލި ތޮށްޓެއްލުން
- 246 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމު ތޮށިލުން
- 11 މީޓަރު ދިގު 11 މީޓަރު ފުޅާ ރޭމްޕެއް ހެދުން
- 27 މީޓަރު ދިގު ފަސް މީޓަރު ފުޅާ އާރްސީ ބްރިޖެއް ހެދުން
- 132 މީޓަރު ދިގު ދެ މީޓަރު ފުޅާ އާރްސީ ޖެޓީއެއް ހެދުން
- 1,149 އަކަ މީޓަރު ސަރަޙައްދެއްގައި ހާބަރ ޕޭވްމެންޓް ހެދުން
މީގެ އިތުރުން ބަނދަރު ބައްތި އާއި ނެރު ބައްތި ހަރުކުރުމުގެ މަސައްކަތްވެސް މި މަޝްރޫޢުގެ ދަށުން ކުރިއަށްދާނެ އެވެ.
މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 450 ދުވަސްތެރޭ ނިންމާ ގޮތަށް 66.40 މިލިއަން ރުފިޔާއަށެވެ. އެމްޓީސީސީން ވާނީ ވޭތުވެދިޔަ 44 އަހަރުތެރޭ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޢުމްރާނީ ގިނަ މަޝްރޫޢުތަކެއް ހިންގައި ކާމިޔާބު ކަމާއެކު ނިންމައިފަ އެވެ.

