ދައުލަތުގެ މަސައްކަތްތައް ރަސްމީ ގަޑި ނޫން އެހެން ގަޑިތަކުގައި ވެސް ކުރެވޭނެ އުސޫލެއް ކަމަށްވާ “ފްލެކްސިބްލް ވޯކިން ޓައިމް” ގެ ދަށުން މިހާރު ތަންފީޒު ކުރެވޭނެ ކަމަށް ނޭޝަނަލް ޕޭ ކޮމިޝަނުން ހާމަކޮށްފިއެވެ. މި އުސޫލު ތަންފީޒު ކުރުމުގެ ހުއްދަ ދީފައިވަނީ، ދައުލަތުގެ ޕޭ ފްރޭމްވޯކަށް މިދިޔަ މަހު ގެނެވުނު އިސްލާހަކާ ގުޅިގެންނެވެ.
ޕޭ ކޮމިޝަނުން ހާމަކުރި ގޮތުގައި މި އުސޫލު ތައާރަފް ކުރެވުނީ ބައެއް އޮފީސްތަކުގެ މަސައްކަތުގެ އުސޫލު ހުރި ގޮތުން، ވަކިވަކި މުވައްޒަފުންނަށް ރަސްމީ މަސައްކަތު ގަޑީގައި މާ ގިނަ މަސައްކަތްތަކެއް ކުރެވޭނެ ގޮތް ހަމަޖެހިފައި ނުވާތީއެވެ. މިކަމުގެ އެންމެ ބޮޑު ބޭނުމަކީ މަސައްކަތުގެ އެފިޝަންސީ އިތުރުކޮށް، މަސައްކަތުން ނަތީޖާ ނެރުމަށް މަގުފަހިކުރުމެވެ.
ޕޭ ކޮމިޝަނުގެ އޮފިޝަލަކު މިކަމާ ގުޅިގެން ވާހަކަ ދައްކަވަމުން ފާހަގަ ކުރެއްވި ގޮތުގައި، މެއިންޓަނެންސް މަސައްކަތް ކުރާ މުވައްޒަފުންނަށް ގިނަ ފަހަރު މަސައްކަތްތައް ކުރެވޭނީ އޮފީހުން މުވައްޒަފުން ނުކުތުމަށް ފަހުއެވެ. ކުރިން މިފަދަ މުވައްޒަފުން ހެނދުނު 8 އިން މެންދުރު 2 ޖަހަންދެން އޮފީހުގައި ތިބެފައި، އޭގެ ފަހުން އޯވަޓައިމް ނަގަންޖެހޭ ހާލަތްތައް ދިމާވެއެވެ. މިކަމަކީ އެންމެ އެފިޝަންޓް ގޮތް ނޫންކަން އޮފިޝަލް ވަނީ ފާހަގަކުރައްވާފައެވެ.
މެއިންޓަނެންސް މުވައްޒަފުންގެ އިތުރުން، އެކި ކަހަލަ އިންސްޕެކްޝަންތަކާއި ސާވޭތައް ކުރާ މުވައްޒަފުންނާއި އައިޓީ ދާއިރާގައި ސޮފްޓްވެއާ ޑިވެލޮޕަރުންގެ ގޮތުގައި ހަރަކާތްތެރިވާ މުވައްޒަފުންނަށް ވެސް މިހާރު މި “ފްލެކްސިބްލް ވޯކިން ޓައިމް” އަށް އަމަލުކުރެވޭނެ ގޮތަށް އޮފީސްތަކަށް ވަނީ ފަހިކޮށްދީފައެވެ. ޕޭ ކޮމިޝަންގެ އޮފިޝަލަކު ވިދާޅުވީ، ނަތީޖާ ހާސިލްކުރުމަށް މިހާރު މަސައްކަތުގެ ގަޑިތައް ފްލެކްސިބްލްކުރުމަށް ހުއްދަ ދީފައިވާ ކަމަށެވެ. އެގޮތުން، ހަމައެކަނި ރަސްމީގަޑީގައި އޮފީހަށް ހާޒިރުވުމުގެ ބަދަލުގައި، ރައްޔިތުންނަށް ރަނގަޅު ހިދުމަތެއް ދިނުމަށް ވޯކިން އެންވަޔަރުމެންޓުގެ ކަލްޗާ ބަދަލުކުރުން މުހިންމު ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މިކަމާ ގުޅޭގޮތުން ފިނޭންސް މިނިސްޓްރީން ބުނެފައިވާ ގޮތުގައި، ދައުލަތުގެ ޕޭ ފްރޭމްވޯކަށް 2022 ގައި އަމަލުކުރަން ފެށި ފަހުން، މި މަހުން ފެށިގެން ދައުލަތުގެ ވަޒީފާގައި މަސައްކަތްކުރާ ގިނަ ބަޔަކަށް މުސާރައިގެ ކުރިއެރުން ލިބޭނެއެވެ. އެގޮތުން، އެއްވެސް މުވައްޒަފެއްގެ އަސާސީ މުސާރަ 7،400ރ. އަށް ވުރެ ދަށްނުވާނެ ކަމަށް ސަރުކާރުން ބުނެފައިވެއެވެ. ޕޭ ކޮމިޝަނުން ފާހަގަކުރާ ގޮތުގައި ކުރިން ބައެއް މުވައްޒަފުންނަށް 3،100ރ. ވެސް ލިބިފައިވެއެވެ.
މި އައު ފްރޭމްވޯކާއެކު ފުރަތަމަ މުސާރައިގެ ކުރިއެރުން ދެވުނީ ތައުލީމީ، ސިއްހީ އަދި ޔުނިވަރސިޓީ ދާއިރާގެ މުވައްޒަފުންނަށެވެ.

