ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިލިމާލެއަށް ވަޑައިގަތުމުން އެމަނިކުފާނަށް ހޫނު މަރުޙަބާއެއް ދަންނަވައިފިއެވެ. ރައީސް ވިލިމާލެއަށް ވަޑައިގެންނެވީ، އެ އަވަށުގެ ރައްޔިތުންނާ ގާތުން ބައްދަލު ކުރައްވައި، އެކި ކަންކަމުގައި އެމީހުންގެ ޚިޔާލާއި މަޝްވަރާ އަޑު އެއްސެވުމަށް ކަމަށް ރައީސް އޮފީހުން މަޢުލޫމާތު ދެއްވައެވެ.
މާލެ ސަރަޙައްދުގައި ދިރިއުޅުއްވާ ރައްޔިތުންނާ ބައްދަލު ކުރެއްވުމަށް ކުރިން އިޢުލާނު ކުރެއްވި އިޢުލާނާ އެއްގޮތްވާ ގޮތުގެމަތީން، ވިލިމާލޭގެ ރައްޔިތުންނާ ބައްދަލު ކުރެއްވުން ކުރިއަށް ދާނީ މުޙްޔިއްދީން ސްކޫލުގައެވެ. މި ބައްދަލުވުމުގައި ވިލިމާލޭގެ ތަރައްޤީއާއި ރައްޔިތުންގެ ދިރިއުޅުމާ ގުޅޭ ކަންކަމަށް އަލިއަޅުވާލާނެ ކަމަށް ލަފާ ކުރެވެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވީ ރައްޔިތުންނާ ގާތުން މަސައްކަތް ކުރައްވާނެކަމުގެ ވައުދުފުޅާއެކުގައެވެ. އެ ވައުދުފުޅާ އެއްގޮތަށް މިހާތަނަށް އެމަނިކުފާނު ވަނީ ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ޒިޔާރަތްކުރައްވައި އެ ރަށްރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާފައެވެ. މިއީ ރާއްޖޭގެ ވެރިޔަކު ވެރިކަމުގެ ކުޑަދުވަސްކޮޅެއްގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށަކަށް ވަޑައިގެންނެވި ފުރަތަމަ ފަހަރެވެ.
ރައީސްގެ މި ދަތުރުފުޅުތަކުގައި އެމަނިކުފާނު ވަނީ ކޮންމެ ރަށެއްގެ ރަށު ކައުންސިލްތަކާ ބައްދަލުކުރައްވައި، އެ ރަށެއްގެ ރައްޔިތުންނާއި ކައުންސިލްތަކުގެ ކަންބޮޑުވުންތައް އަޑުއައްސަވާފައެވެ. އަދި އެކަންކަން ހައްލުކުރެއްވުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން ވަނީ ކައުންސިލްތަކާއި، ރައްޔިތުންގެ ފަރާތުން ފެންނަ މީހުންނާ މަޝްވަރާ ކުރައްވާފައެވެ. ވިލިމާލެއަށް ކުރައްވާ މި ޒިޔާރަތަކީ ވެސް އެ ސިލްސިލާގެ ދަށުން ކުރިއަށްދާ ޒިޔާރަތެކެވެ.

