ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިލިމާލޭގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާއެއްގައި، ވިލިމާލޭގައި ޒަމާނީ ބޮޑު މިސްކިތެއް ބިނާކުރުމުގެ މަސައްކަތް އަމިއްލަ ފަރާތެއް ކަމަށްވާ ފިޔަ ފައުންޑޭޝަނާ ހަވާލުކޮށްފިއެވެ. މިކަމާގުޅޭ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ކުރިއަށް ގެންގޮސްފައިވަނީ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި އެ ޖަލްސާގައެވެ.
މި އެއްބަސްވުމުގައި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދުއެވެ. އަދި ފިޔަ ފައުންޑޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެތަނުގެ މުއައްސިސް މުޙައްމަދު ވިޝާމްއެވެ.
ވިލިމާލޭގައި ޒަމާނީ ބޮޑު މިސްކިތެއް ބިނާކުރުމަށް ހަމަޖެހިފައިވަނީ، އެ ރަށުގައި ދުވަސްވީ މިސްކިތެއްކަމަށްވާ މަސްޖިދުއްސަލާމް މިސްކިތް ހުރި ތަނުގައެވެ. ފިޔަ ފައުންޑޭޝަންގެ ދީލަތި އެހީތެރިކަމާއެކު ބިނާ ކުރާ މި މިސްކިތަކީ 850 މީހުންގެ ޖާގައިގެ، ދެ ފަންގިފިލާގެ މިސްކިތެކެވެ. މި މިސްކިތުގައި ނަމާދު ކުރާ ބައިގެ އިތުރުން 2 ކުލާސްރޫމާއި އޮފީސް ބައެއް ވެސް ހިމެނޭނެއެވެ.
މާލެ ސަރަހައްދުގައި ހުރި ދުވަސްވީ މިސްކިތްތަކުގެ ބަދަލުގައި ޒަމާނީ އާ މިސްކިތްތައް ބިނާކުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ މަޝްރޫޢުތަކުގެ ތެރޭގައި ހިމެނޭ މި މަސައްކަތަކީ، މާލޭ ސަރަޙައްދުގެ ރައްޔިތުންނަށް ދިމާވާ މިސްކިތުގެ ދަތިކަމަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން ކުރިއަށް ގެންދާ މުހިއްމު މަޝްރޫއުއެކެވެ.

