ވިލިމާލޭގައި އަޅާ 300 ހައުސިން ޔުނިޓު ޚާއްސަ ވެގެންދާނީ ހަމައެކަނި ވިލިމާލޭގައި ދިރިއުޅޭ ރައްޔިތުންނަށްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިކަން ހާމަކުރެއްވީ ވިލިމާލޭ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވިދާޅުވީ ރިޔާސީ އިންތިޚާބުގައި ވިލިމާލޭގެ ރައްޔިތުންނަށް ވެވަޑައިގެންނެވި ބޯހިޔާވަހިކަމުގެ ވައުދު ހަނދާން ނުނެތޭ ކަމަށާއި، މި މަސައްކަތް މި އަހަރުގެ ތެރޭގައި ފެށިގެންދާނެ ކަމަށެވެ.
ރައީސް މުޢިއްޒު ވިދާޅުވީ މި ހައުސިން މަޝްރޫޢަކީ 3 ކޮޓަރީގެ އެޕާޓްމަންޓްތައް އެކުލެވޭ 300 ޔުނިޓުގެ މަޝްރޫޢެއް ކަމަށެވެ. މި މަޝްރޫޢު ކުރިއަށްގެންދަނީ ވަޒީރުންގެ މަޖިލީހުން ނިންމެވި "ނެޝަނަލް ހައުސިންގ އެފޯޑަބިލިޓީ އެންޑް އެކްސެސިބިލިޓީ" ޕްރޮގްރާމްގެ ދަށުންނެވެ. މި ނިޒާމުގެ ދަށުން މާލީ އިދާރާތަކުގެ އެހީތެރިކަމާއެކު ތަރައްޤީކުރާ ޔުނިޓުތައް އާންމު ރައްޔިތުންނަށް މިލްކުކުރެވޭނީ ‘ލީޒް-ޓު-އޯން، މޮޑެލްގެ ދަށުންނެވެ. މި މަސައްކަތަށް ބޭނުންވާ ފައިސާ ވަނީ ހަމަޖެހިފައިވާތީ، ފައިސާގެ އެއްވެސް ދަތިކަމެއް ނެތްކަމަށް ރައީސް ވިދާޅުވިއެވެ.
މި 300 ޔުނިޓަކީ މާލެ ސަރަހައްދުގައި ތަރައްޤީކުރާ 3000 ހައުސިން ޔުނިޓުގެ ތެރެއިން ވިލިމާލެއަށް ޚާއްސަކުރެވޭ ބައެކެވެ. ބާކީ 2700 ޔުނިޓު ހުޅުމާލޭގެ ދެ ފިޔަވައްސަށް ބަހާލެވޭނެއެވެ. މި މަޝްރޫޢުތައް މި އަހަރުގެ ތެރޭގައި ފެށުމަށްޓަކައި ސަރުކާރުން ވަނީ ހުރިހާ ތައްޔާރީތަކެއް ވެފައެވެ.
ބޯހިޔާވަހިކަމުގެ މަޝްރޫޢުގެ އިތުރުން ވިލިމާލޭގެ ރައްޔިތުންނަށް ވެވަޑައިގެންނެވި އަނެއް މުހިންމު ވައުދަކީ ހޮސްޕިޓަލް އެޅުމުގެ މަސައްކަތް ކަމަށް ރައީސް މުޢިއްޒު ފާހަގަކުރެއްވިއެވެ. އެމަނިކުފާނު ވިދާޅުވީ އައު ހޮސްޕިޓަލް އެޅުމުގެ މަސައްކަތް ފެށުމަށްޓަކައި، މިހާރުގެ ހޮސްޕިޓަލްގެ ޚިދުމަތްތައް ވަގުތީ ގޮތުން ކުޑަކުދިންގެ ހިޔާ ހިންގި އިމާރާތަށް ބަދަލުކުރުމުގެ ތައްޔާރީތައް މިހާރު ވަމުންދާކަމަށެވެ. މިކަމަށްޓަކައި ހުރިހާ ތައްޔާރީތަކެއް ވެ ނިމިފައިވާކަން ރައީސް ހާމަކުރެއްވިއެވެ.

