ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އަންނަ އަހަރު ވިލިމާލެއަށް ހާއްސަކޮށް ބޮޑެތި ތަރައްޤީގެ މަޝްރޫޢުތަކެއް ހިންގަވާނެކަން ހާމަކުރައްވައިފިއެވެ. ވިލިމާލޭ މުޙްޔިއްދީން ސްކޫލުގައި އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ، 1200 މީހުންގެ ޖާގައިގެ ސްޕޯޓްސް ކޮމްޕްލެކްސްއެއް އެޅުމުގެ މަސައްކަތް ފެށުމުގެ އިތުރުން، ވިލިމާލޭގައި ޑޮލަރު އޭޓީއެމްއެއް ބަހައްޓަވާނެކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މުޅި ރާއްޖޭގައި ޒުވާނުންނަށް ކުޅިވަރުގެ ވަސީލަތްތައް ޤާއިމުކޮށްދިނުމަކީ ސަރުކާރުގެ ވަރަށް މުހިންމު ސިޔާސަތެއް ކަމަށެވެ. މިގޮތުން ވިލިމާލޭގައި ބޮޑު އާބާދީއެއް ދިރިއުޅޭއިރު ކުޅިވަރު ކުޅެވޭނެ ވަސީލަތްތައް ބިނާވެފައި ހުންނަން ޖެހޭނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އެގޮތުން، އަންނަ އަހަރުގެ ތެރޭގައި ހިންގޭނެ އެންމެ ބޮޑު އެއް މަޝްރޫޢަކީ ސްޕޯޓްސް ކޮމްޕްލެކްސްއެއް ޤާއިމުކުރުން ކަމަށް ރައީސް ވިދާޅުވިއެވެ. “އެއީ ބާރަސަތޭކަ މީހުންގެ ޖާގައިގެ ސީޓިން ކެޕޭސިޓީ ހިމެނޭގޮތަށް އިންޑޯ ކުޅިވަރުތައް ކުޅެވޭގޮތަށް ތަރައްޤީ ކުރެވޭނެ މަރުކަޒެއް” ކަމަށް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން، ވިލިމާލޭގައި މިހާރު އޮތް ފުޓްބޯޅަ ދަނޑު އަޕްގްރޭޑްކޮށް، ފީފާ ސްޓޭންޑާޑަށް ގެންދިއުމަށް ބޭނުންވާ މަސައްކަތްތައް ބަޖެޓުގައި ހިމަނައިގެން ކުރިޔަށް ގެންދަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ ފުޓްބޯޅަ ދަނޑު ފީފާ ސްޓޭންޑަޑް ދަނޑަކަށް ހެދުމަށް ކުރަންޖެހޭ ހުރިހާ ކަމެއް ކޮށްދެއްވާނެ ކަމަށާއި، ކުޅިވަރުގެ ދާއިރާއިން ގިނަ ކަންތައްތަކެއް ބަޖެޓުގައި ހިމަނާފައިވާ ކަމަށެވެ.
އިޤްތިޞާދީ ޚިދުމަތްތައް ފުޅާކުރުމުގެ ގޮތުން، ވިލިމާލެއަށް ޚާއްސަ އިތުރު ޚިދުމަތެއް ޤާއިމުކުރައްވާނެކަން ރައީސް ހާމަކުރެއްވިއެވެ. އެގޮތުން، އަންނަ އަހަރު ރާއްޖޭގެ 70 ރަށުގައި ޑޮލަރު އޭޓީއެމް ބެހެއްޓުމަށް ނިންމާފައިވާއިރު، އެ ލިސްޓުގައި ވިލިމާލެ ހިމެނޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒު ވިދާޅުވިއެވެ. މިކަމުގެ ސަބަބުން ރައްޔިތުންނަށް ފައިސާގެ މުޢާމަލާތްތައް ކުރުމުގައި އިތުރު ފަސޭހަތަކެއް ލިބިގެންދާނެއެވެ.
ކުޅިވަރުގެ ދާއިރާއިންނާއި އިޤްތިޞާދީ ޚިދުމަތްތަކުގެ ދާއިރާއިން ވިލިމާލެއަށް މުހިންމު ތަރައްޤީތަކެއް ގެނައުމަށް ސަރުކާރުން ނިންމާފައިވާއިރު، މި މަޝްރޫޢުތައް އަންނަ އަހަރުގެ ތެރޭގައި ފެށިގެން ދާނެއެވެ.

