ފައްޔާޒް އިސްމާއީލް އެމްޑީޕީގެ ޗެއާޕާސަން ކަމުގެ މަގާމުން ރޭ އިސްތިއުފާ ދެއްވައިފިއެވެ.
އޭނާ މި މަގާމަށް އިންތިހާބު ކުރެއްވީ މީގެ ތިން އަހަރު ކުރިން، 2022 މެއި 23 ގައި ބޭއްވި އެތެރޭގެ އިންތިހާބުގައި 27,841 ވޯޓާއެކުއެވެ.
ފައްޔާޒް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މަގާމުގައި ހުރި މުއްދަތުގައި ޕާޓީގެ ހަރަކާތްތަކަށް އެހީތެރިވި ހިތްވަރުގަދަ އާންމު މެންބަރުންނާއި ގައުމީ މަޖިލީހާއި ސެކްރެޓޭރިއޭޓުގެ މެންބަރުންނަށް އިޚްލާސްތެރިކަމާއެކު ޝުކުރު ދަންނަވާ ކަމަށެވެ. އަދި އަސާސީ ހައްގުތަކާއި ރައްޔިތުންގެ ބާރުވެރިކަން ހޯދައިދިނުމަށް ޕާޓީގެ މެންބަރުންނާއެކު ގާތުން މަސައްކަތް ކުރެވުމަކީ ހަޔާތުގައި ލިބުނު އެންމެ ބޮޑު އެއް ޝަރަފު ކަމަށް އޭނާ ވިދާޅުވިއެވެ. ކުރިއަށް އޮތްތަނުގައި ވެސް އެ ޕާޓީގެ ގައުމީ މަޖިލީހާއި އާންމު މެންބަރެއްގެ ގޮތުގައި އިސްލާހީ މަސައްކަތުގައި ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ވެސް ފައްޔާޒް ވަނީ ވިދާޅުވެފައެވެ.

