އުތުރު ހުވަދޫ ފަންނު އެކްސްޕޯ ކާމިޔާބު ކަމާއިއެކު ނިންމާލައިފިއެވެ.
މިއީ ގއ އަތޮޅު ރަށްރަށުގައި ތިބި މަސައްކަތްތެރިންގެ ހުނަރުތައް ދައްކާލުމާއި ، މަސައްކަތްތެރިކަން ކުރިއަރުވާ ތަރައްގީ ކުރުމުގެ މަގުސަދުގައި ބޭއްވި އެކްސްޕޯއެކެވެ.
މި އެކްސްޕޯގައި މަސައްކަތްތެރިކަމުގެ އެކިދާއިރާތަކުން ފަންނުވެރިން އުފައްދަން ބާރުއަޅާ މަސައްކަތްތެރިން އުފައްދާ ތަކެއްޗަށް މާކެޓް ހޯދުމުގެ ފުރުޞަތުތައް ފަހިކޮށް ޒުވާން ޖީލު މަސައްކަތްތެރިކަމަށް ޝައުގުވެރި ކުރުވުމަށް ބާރުއަޅުއްވާފައިވެއެވެ.
މިއީ ގއ. އަތޮޅުކައުންސިލާއި، ގއ. ވިލިނގިލި ކައުންސިލާއި ، ވިލިނގިލީ ޕޮލިޓެކްނިކާއި ، އަދި ވިލިނގިލީ ބިޒްނަސް ސެންޓަރ ގުޅިގެން ބޭއްވުނު އެކްސްޕޯއެކެވެ.
މި އެކްސްޕޯގައި 11 ސްޓޯލް ބެހެއްޓިފައިވާއިރު އަތްތެރި މަސައްކަތުގެ ތަފާތު އެކިއެކި ތަކެތި ވަނީ ދައްކާލާފައެވެ.
އެކްސްޕޯ ހުޅުއްވައި ދެއްވީ ގއ. އަތޮޅުކައުންސިލްގެ ރައީސް އަލްފާޟިލް އިބްރާހީމް ޝަހީން އެވެ.
ގއ އަތޮޅުގައި ފުރަތަމަ ފަހަރަށް މި ބޭއްވި އެކްސްޕޯއަށް ބޮޑު ތަރުހީބެއް ލިބިފައިވާއިރު ގިނަބަޔަކު އެދެމުންދަނީ މިފަދަ ފުރުސަތުތައް ގިނަގިނައިން ހޯދައި ދިނުމަށެވެ.

