ދިވެހިރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަންގެ ވައިޑް-ބޮޑީ މަތިންދާ ބޯޓުން މިހާތަނަށް 46،000 އަށްވުރެ ގިނަ ފަސިންޖަރުން އުފުލާފައިވާކަމަށް މޯލްޑިވިއަނުން ހާމަކޮށްފިއެވެ. މި ބޯޓު މޯލްޑިވިއަންގެ ޚިދުމަތަށް ގެނައީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ރިޔާސީ ވައުދެއް ފުއްދެވުމުގެ ގޮތުންނެވެ.
މޯލްޑިވިއަންގެ ފްލީޓަށް ވައިޑް-ބޮޑީ މަތިންދާ ބޯޓު ގެނައީ މިދިޔަ ޖަނަވަރީ މަހުގެ 6 ވަނަ ދުވަހުއެވެ. މިއީ މޯލްޑިވިއަންގެ ޚިދުމަތަށް ފުރަތަމަ ފަހަރަށް ގެނައި ވައިޑް-ބޮޑީ ބޯޓެކެވެ. 264 މީހުންގެ ޖާގައިގެ މި ބޯޓަކީ އެއަރބަސް އޭ330ގެ 200 ވޭރިއަންޓްގެ މަތިންދާ ބޯޓެކެވެ.
މި ބޯޓުގެ ދަތުރުތައް ފަށާފައިވަނީ ޖަނަވަރީ މަހުގެ 22 ވަނަ ދުވަހުއެވެ. އެންމެ ފުރަތަމަ ދަތުރު ފަށާފައިވަނީ ޗައިނާގެ ޗެންޑޫއަށެވެ. މޯލްޑިވިއަނުން ވިދާޅުވި ގޮތުގައި މިހާތަނަށް ވައިޑް-ބޮޑީ މަތިންދާ ބޯޓުގައި ޖުމްލަ 140 ދަތުރުކޮށްފައިވެއެވެ. މި ދަތުރުތައް ކޮށްފައިވަނީ 3 ޤައުމަކަށެވެ. ޗައިނާގެ 3 މަންޒިލަކަށް ވައިޑް-ބޮޑީ މަތިންދާ ބޯޓުން ދަތުރުތައް ކުރަމުން އަންނައިރު، ޗައިނާއަށް މުޅި ޖުމްލަ 117 ދަތުރު ވަނީ ކޮށްފައެވެ. ސައުދީ އަރަބިއްޔާއަށް 14 ދަތުރު އަދި އިންޑިއާއަށް 9 ދަތުރު ވަނީ ކޮށްފައެވެ. މި ހުރިހައި ދަތުރުތަކާއިއެކު މޯލްޑިވިއަންގެ ވައިޑް-ބޮޑީ މަތިންދާ ބޯޓުގައި މިހާތަނަށް 46،000 ފަސިންޖަރުން އުފުލާފައިވާކަމަށް އެ ކުންފުނިން ވިދާޅުވިއެވެ.
ފަސިންޖަރުންނާއެކު ވައިޑް-ބޮޑީ މަތިންދާ ބޯޓުގައި ދަނީ އެކި މަންޒިލްތަކަށް މުދާވެސް އުފުލަމުންނެވެ. އެގޮތުން މިހާތަނަށް 1,159,000 ކިލޯގްރާމްގެ ކާގޯ ވަނީ އުފުލާފައެވެ.
މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަނުން ވިދާޅުވީ އަންނަ އަހަރުގެ ތެރޭގައި އިތުރު ވައިޑް-ބޮޑީ މަތިންދާ ބޯޓެއް ގެނެސް އިތުރު މަންޒިލްތަކަށް ޚިދުމަތްތައް ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށެވެ. އެގޮތުން އިތުރު މާކެޓްތައް ދިރާސާކުރުމުގެ މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުންނެވެ. އޭގެތެރޭގައި ދެކުނު ކޮރެއާ އަދި ދެކުނު އެފްރިކާ ފަދަ ޤައުމުތައް ހިމެނެއެވެ. މިކަމުގެ ސަބަބުން މޯލްޑިވިއަންގެ ބައިނަލްއަޤްވާމީ ޚިދުމަތްތައް އިތުރަށް ފުޅާވެ، ދިވެހިރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެއެވެ.

