މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ށ. މިލަންދޫ ފަރަށް ބޭރުގެ ޓަގު ބޯޓެއް އަރައި ފަރަށް ގެއްލުންވުމުގެ ސަބަބުން، އެ ބޯޓު އޮޕަރޭޓްކުރި ކުންފުނި 12 މިލިއަން ރުފިޔާއިން ޖޫރިމަނާ ކުރަން އެންވަރަމަންޓް ރެގިއުލޭޓަރީ އޮތޯރިޓީ (އީއާރްއޭ) އިން ނިންމައިފިއެވެ. މި ޖޫރިމަނާގެ ފައިސާ ދެއްކުމަށް އެ ކުންފުންޏަށް އެއް މަސްދުވަހުގެ މުއްދަތެއް ވަނީ ދީފައެވެ.
އީއާރްއޭއިން ހާމަކުރެއްވި ގޮތުގައި، މިލަންދޫ ފަރަށް އަރާފައިވަނީ “ޝްވޭ ލިން ޔޯން” ކިޔާ ޓަގު ބޯޓެކެވެ. މި ބޯޓަކީ ރިޕަބްލިކް އޮފް ނިޔޫގައި ރަޖިސްޓްރީކޮށްފައިވާ ބޯޓެއް ކަމަށްވާއިރު، މިއީ ސިންގަޕޫރުގެ ގްލޯހާ މެރިޓައިމް ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏަކުން އޮޕަރޭޓްކުރާ ބޯޓެކެވެ. މި ހާދިސާ ހިނގާފައިވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައެވެ.
އީއާރްއޭއިން މި މައްސަލަ ބެލުމަށްފަހު ނިންމާފައިވާ ގޮތުގައި، މި ބޯޓު ފަރަށް އެރުމުގެ ސަބަބުން މިލަންދޫ ފަރުގެ 477 އަކަފޫޓުގެ ސަރަހައްދަކަށް ސީދާ ގެއްލުންވެފައިވެއެވެ. މި ގެއްލުންތަކުގެ ބަދަލެއްގެ ގޮތުގައި، ބޯޓު އޮޕަރޭޓްކުރާ ސިންގަޕޫރުގެ ގްލޯހާ މެރިޓައިމް ޕްރައިވެޓް ލިމިޓެޑުން 12 މިލިއަން ރުފިޔާ ދެއްކުމަށް ވަނީ އަންގާފައެވެ. މި ފައިސާ ދެއްކުމަށް އެ ކުންފުންޏަށް އެއް މަސް ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށް ވެސް އެ އޮތޯރިޓީން މައުލޫމާތު ދެއްވައެވެ.
މީގެ ކުރިން ވެސް ރާއްޖޭގެ އެކި ހިސާބުތަކުގެ ފަރުތަކަށް ބޭރުގެ ބޯޓުފަހަރު އަރައި، ދިވެހި ކަނޑުގެ ދިރުންތަކަށް ބޮޑެތި ގެއްލުންތައް ދީފައިވެއެވެ. މިފަދަ ހާދިސާތަކުގައި ލިބިފައިވާ ގެއްލުންތަކާ ގުޅިގެން ބޮޑެތި އަދަދުތަކުން ބޭރުގެ ބޯޓުތަކާއި އެ ބޯޓުތައް އޮޕަރޭޓްކުރާ ކުންފުނިތައް ޖޫރިމަނާކޮށްފައިވާ ނަމަވެސް، މިފަދަ ހާދިސާތައް ތަކުރާރުވަމުންދާކަމީ ކަންބޮޑުވާ ކަމެއް ކަމަށް ތިމާވެށީގެ ދިފާއުގައި މަސައްކަތްކުރާ ފަރާތްތަކުން ބުނެއެވެ. މިކަމުގެ ސަބަބުން ރާއްޖޭގެ ނާޒުކު ކަނޑުގެ މާހައުލަށް ދަނީ ބޮޑެތި ގެއްލުންތަކެއް ލިބެމުންނެވެ.

