ކުނި މެނޭޖްކުރުމުގެ ދާއިރާގައި ހޭލުންތެރިކަން އިތުރުކުރުމަށް މުޅި ރާއްޖެއަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ޤައުމީ މަހާސިންތާ “މަގޭ ސާފު ރާއްޖެ” ފަށައިފިއެވެ. “މަގޭ ސާފު ރާއްޖެ ޤައުމީ މަހާސިންތާ 2025” ގެ ނަމުގައި ހައްދުންމަތީ ގަމުގައި ކުރިއަށްދާ މި މަހާސިންތާ އޮންނާނީ ހޯމަ ދުވަހުން ފެށިގެން ބުދަ ދުވަހުގެ ނިޔަލަށެވެ. މި މަހާސިންތާގެ މައިގަނޑު މަޤުޞަދަކީ ކުނި މެނޭޖުކުރުމުގެ ދާއިރާގައި ދިމާވާ ދަތިތަކަށް ޙައްލު ހޯދައި، މި ދާއިރާއިން ކުރިއެރުންތައް ހޯދުމަށް މަޝްވަރާކުރުމެވެ.
ފަތުރުވެރިކަމާއި ތިމާވެށްޓާ ބެހޭ ވުޒާރާއިން މި މަހާސިންތާ އިފްތިތާޙުކުރެއްވީ މިއަހަރުގެ ޖޫން މަހުގެ 19 ވަނަ ދުވަހުއެވެ. މި މަހާސިންތާ ބާއްވަނީ ދެމެހެއްޓެނިވި ގޮތުގައި ކުނި މެނޭޖްކުރާނެގޮތުގެ މައުލޫމާތު އަދި ކުނި މެނޭޖުކުރުމުގެ މަސައްކަތް ދެމެހެއްޓެނިވި ގޮތެއްގައި ހިންގުމުގައި ހުރި ގޮންޖެހުންތަކާއި ދަތިތަކާމެދު ޤައުމީ ފެންވަރުގައި މަޝްވަރާކުރުމަށްޓަކައެވެ. މިއީ ސާފުތާހިރު ރާއްޖެއެއް ބިނާކުރުމަށް ކުރެވޭ ޤައުމީ މަސައްކަތުގެ މުހިންމު ބައެއްކަމަށް ތިމާވެއްޓާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.
މި މަހާސިންތާ ބާއްވަނީ ވޯލްޑް ބޭންކްގެ އެހީތެރިކަމާއެކުގައެވެ. މަހާސިންތާގެ ތެރެއިން ރައްކާތެރި އަދި ދެމެހެއްޓެނިވި ގޮތުގައި ކުންޏާއި ވަޞީލަތްތައް މެނޭޖުކުރުމާ ގުޅޭގޮތުން ޚިޔާލުތަކާއި ތަޖުރިބާތަކާއި މުހިންމު މަޢުލޫމާތުތައް ހިއްސާކުރުމަށް ވަނީ ހަމަޖެހިފައެވެ. މިގޮތުން، ކުނި މެނޭޖްކުރުމާއި ތިމާވެއްޓާއި ގުޅުންހުރި ތަފާތު ސިޔާސަތުތަކާއި ޤާނޫނުތަކާއި ޤަވާޢިދުތަކުގެ އިތުރުން ދިމާވާ ގޮންޖެހުންތަކާ ބެހޭގޮތުން މަޝްވަރާކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި ކުނި މެނޭޖްކުރުމުގައި ދުނިޔޭގެ އެކި ގައުމުތަކުގައި ގެންގުޅޭ ތަފާތު މޮޑެލްތަކާއި ރާއްޖެ ފަދަ ކުދި ޖަޒީރާ ގައުމެއްގައި މިކަން ދެމެހެއްޓެނިވި އުސޫލެއްގެ ތެރެއިން ކުރެވޭނެ ގޮތްތަކާ ބެހޭގޮތުން މަޢުލޫމާތު ދިނުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
މަހާސިންތާގައި ބައިވެރިންގެ މެދުގައި ޚިޔާލު ބަދަލުކޮށް، އެކުލަވާލެވޭ ރޭވުންތަކުގެ ތެރެއިން، ރާއްޖެއަށް ފައިދާހުރި ދެމެހެއްޓެނިވި ޙައްލުތަކެއް ހޯދުމަށް މަޝްވަރާކުރުމަށް ހަމަޖެހިފައިވާއިރު، ކުންޏާއި ވަސީލަތްތައް މެނޭޖުކުރުމުގެ ޤާނޫނީ އޮނިގަނޑަށް ބައިވެރިން އަހުލުވެރިކުރުވޭނެއެވެ. މީގެ އިތުރުން، ކުންޏާއި ވަސީލަތްތައް މެނޭޖުކުރުމުގައި ތަޖުރިބާކާރުންނާއި ނަމޫނާ ގޮތެއްގައި މަސައްކަތް ކުރާ ފަރާތްތަކުގެ މަސައްކަތްތައް ހިއްސާކޮށް، ދާއިރާގައި ހަރަކާތްތެރިވާ ހިއްސާދާރުންގެ މެދުގައި ގުޅުންބަދަހިކުރެވޭނެއެވެ. ލ. ގަމުގައި ބާއްވާ މިމަހާސިންތާގައި ސަރުކާރުގެ އިސްވެރިންނާއި ދާއިރާގެ ތަޖުރިބާކާރުންނާއި ދެމެހެއްޓެނިވި ތަރައްޤީއަށް މަސައްކަތްކުރާ އެކި ފަރާތްތައް ހިމެނޭހެން 200 މީހުން ބައިވެރިވެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ “ހަފްތާ 14” ރޯޑްމެޕްގައިވެސް ތިމާވެށި ރައްކާތެރިކުރުމާއި ކުނި މެނޭޖްކުރުމަށް ބޮޑު އިސްކަމެއް ދެއްވާފައިވާއިރު، މިފަދަ ސެޝަންތަކަކީ އެކަންކަމަށް ހިތްވަރުލިބިގެންދާނެ ކަމެކެވެ. ސެޝަންގައި ބައިވެރިވި ފަރާތްތަކުން ވަނީ އެބޭފުޅުންގެ ތަޖުރިބާތައް ހިއްސާކޮށް، ކުރިމަތިވި ގޮންޖެހުންތަކާއި، އެކަންކަމުން އަރައިގަތުމަށް ބޭނުންކުރި އުކުޅުތައް ބަދަލުކޮށްފައެވެ. މި ސެޝަންގެ ސަބަބުން، ރަށްރަށުގެ ތިމާވެށީގެ ކަންކަމަށް އިތުރަށް ހޭލުންތެރިކަން އުފައްދައި، ދެމެހެއްޓެނިވި ގޮތެއްގައި ކުނި މެނޭޖްކުރުމުގެ އާ އުސޫލުތަކަށް މަގުފަހިވެގެންދާނެކަމަށް އުންމީދުކުރެވެއެވެ.
މި ޕްރޮގްރާމުގެ ދަށުން ރާއްޖޭގެ އެކި ރަށްރަށުގައި ތިމާވެށީގެ ދާއިރާއިން ކާމިޔާބު މަސައްކަތްތައް ކުރުމަށް އާންމުން ބާރުވެރިކުރުވައި، ގައުމީ ފެންވަރުގައި ސާފުތާހިރު ރާއްޖެއެއް ބިނާކުރުމަށް އެހީތެރިވެދެއެވެ.

