ސްޓެލްކޯއިން އަންހެނުންނަށް ޚާއްސަކޮށްގެން ކުރިއަށްގެންދިޔަ ފަށާ ފެންވަރުގެ ކަރަންޓު މަސައްކަތުގެ ކޯސް “ބިގިނަރސް އިލެކްޓްރިކް ކޯސް ފޯ ވިމަން” 116 އަންހެނުން ފުރިހަމަކޮށްފިއެވެ. މި ކޯސް ފުރިހަމަކުރި ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކުރުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، ސެޓްފިކެޓް ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދުއެވެ.
ސްޓެލްކޯއިން ފަހިކޮށްދިން މި ފުރުޞަތުގެ މައިގަނޑު މަޤްޞަދަކީ، ކަރަންޓުގެ މަސައްކަތްތަކަށް އަންހެނުންގެ ޝައުގުވެރިކަން އިތުރުކޮށް، ފިރިހެނުންނެކޭ އެއްގޮތަށް މިފަދަ ހުނަރާއި ތަޖުރިބާ ލިބިފައިވާ ބަޔަކަށް ހެދުމެވެ. މިއީ އަންހެނުން ބާރުވެރިކުރުމަށްޓަކައި ކުރިއަށްގެންދިޔަ މުހިންމު މަސައްކަތެކެވެ.
އާއްމުކޮށް ހުޅުވާލައިގެން ސްޓެލްކޯއިން ކުރިއަށްގެންދިޔަ މި ޕްރޮގްރާމް 116 އަންހެނުން ފުރިހަމަކުރިއިރު، ސެޓްފިކެޓް ހަވާލުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން 80 އަންހެނުންނަށް ވަނީ ސެޓްފިކެޓް ހަވާލުކޮށްފައެވެ. ޖުމްލަ 7 ބެޗަކަށް ބަހާލައިގެން ކުރިއަށްގެންދިޔަ މި ޕްރޮގްރާމްގައި، ކޮންމެ ބެޗެއްގެ ތަމްރީން 3 ދުވަހަށް، ކޮންމެ ދުވަހަކު 3 ގަޑިއިރަށް ހިންގާފައިވެއެވެ. ކޯހުގެ ބައިވެރިންނަށް ކަރަންޓުގެ މަސައްކަތްތަކާ ގުޅޭ އަސާސީ ތަމްރީންތަކާއި ތަޖުރިބާ ވަނީ ދީފައެވެ.
އެގޮތުން ގޭތެރޭގައި އާއްމުކޮށް ބޭނުންކުރާ ކަރަންޓުގެ ވަސީލަތްތަކަށް ދިމާވާ ދަތިތައް ރައްކާތެރިގޮތުގައި ޙައްލުކުރުމާއި، އެކަމަށް ބޭނުންވާ ވަސީލަތްތަކާއި، އަދި ގޭތެރޭގައި ކަރަންޓު އިޤްތިޞާދު ކުރާނެ ގޮތްތަކުގެ މައުލޫމާތު މި ކޯހުގެ ބައިވެރިންނަށް ކިޔައިދީފައިވެއެވެ.
ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ އަޙްމަދު ޝަމާހު ރަޝީދު ވިދާޅުވީ، މިއީ ސަރުކާރުގެ ތަޞައްވުރާ އެއްގޮތަށް އެކި ދާއިރާތަކުން އަންހެނުންނަށް ހަމަހަމަ ފުރުޞަތު ފަހިކޮށްދިނުމަށް ހިންގަން ނިންމި ޕްރޮގްރާމެއްކަމަށެވެ. މި ޕްރޮގްރާމްގެ ސަބަބުން އަމިއްލަ ހުނަރުތައް ތަރައްޤީވުމުގެ އިތުރުން، އާމްދަނީ ހޯދޭނެ ދާއިރާތަކަށް ދޮރު ހުޅުވާލަދިނުންވެސް ހިމެނޭކަމަށް ޝަމާހު ވިދާޅުވިއެވެ.
ޝަމާހު އިތުރަށް ވިދާޅުވީ، “ތަމްރީން ދީފައިވަނީ ސްޓެލްކޯގެ އެންމެ ތަޖުރިބާކާރުން. މިއީ އިތުރަށް ތަރައްޤީކޮށް އާމްދަނީ ހޯދުމަށްވެސް ބޭނުންކުރެވޭނެ ފުރުޞަތެއް. ބޮޑު ތަރުހީބެެއް ވަނީ ލިބިފައި.” ކަމަށެވެ.
މިއީ ސްޓެލްކޯގެ އިޖުތިމާޢީ ޒިންމާގެ ދަށުން، 16 އަހަރުން މަތީގެ އަންހެނުންނަށް ހުޅުވާލައިގެން، މުޅިން ހިލޭ ކުރިއަށްގެންދިޔަ ޕްރޮގްރާމެކެވެ. މި ކޯހުގައި އެކި އުމުރުފުރައިގެ ގިނަ އަންހެނުން ވަނީ ހިއްސާވެފައެވެ.
މިދާއިރާއިން ތަމްރީނާއި ހުނަރު ތަރައްޤީކުރުމަށް ޚާއްސަކޮށް، ސްޓެލްކޯއިން ވަނީ ކ. ތުލުސްދޫގައި، ސްޓޭޓް ޔުޓިލިޓީ ސްކިލްސް އެކެޑެމީގެ ނަމުގައި ޚާއްސަ ޓްރެއިނިން ސެންޓަރެއްވެސް ވުޖޫދުކޮށްފައެވެ. މިއީ އެއްފަހަރާ 50 މީހުންނަށް ތަމްރީންދެވޭ ވަސީލަތްތަކާއެކު ތަރައްޤީކޮށްފައިވާ ތަނެކެވެ.

