ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މާދަމާރޭ މާލޭގެ އަވަށެއް ކަމަށްވާ މައްޗަންގޮޅީގައި ދިރިއުޅޭ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ނިންމަވައިފިއެވެ. މި ބައްދަލުކުރެއްވުން ކުރިއަށް ދާނީ މާދަމާރޭ 20:30 ގައި އަމީނިއްޔާ ސްކޫލުގައެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި މެސެޖެއްގައި ވިދާޅުވީ، މި ބައްދަލުކުރެއްވުމަކީ ރައްޔިތުންނާ ގާތުން ބައްދަލުކުރައްވައި އެކި ކަންކަމުގައި ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯއްދެވުމަށް މާލެ ސަރަޙައްދުގައި ދިރިއުޅުއްވާ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ކުރިން އިޢުލާނުކުރެއްވި އިޢުލާނާ އެއްގޮތްވާ ގޮތުގެމަތީން ބާއްވާ ބައްދަލުކުރެއްވުމެއް ކަމަށެވެ. ސަރުކާރުން ވަނީ، މައްޗަންގޮޅީގައި ދިރިއުޅޭ ހުރިހާ ރައްޔިތުންނަށް މި ބައްދަލުވުމަށް ދައުވަތު އަރުވާފައެވެ.
މާލެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ރައީސް މުޢިއްޒު ފެއްޓެވި މި ހަރަކާތުގެ ތެރެއިން ރޭ ވަނީ ވިލިމާލޭގެ ރައްޔިތުންނާ ބައްދަލުކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި އެމަނިކުފާނު ވަނީ، ވިލިމާލޭގައި ސަރުކާރުން ކުރިއަށް ގެންދާ މަޝްރޫއުތަކުގެ މައުލޫމާތު ހިއްސާކުރައްވާފައެވެ. އަދި އެ އަވަށުގައި ދިރިއުޅޭ ރައްޔިތުންގެ ކަންބޮޑުވުންތައް އެމަނިކުފާނު ވަނީ އޮޅުންފިލުއްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެ ވަޑައިގެންނެވީ، ރައްޔިތުންނާއި ގާތުން މަސައްކަތް ކުރައްވާނެ ކަމުގެ ވަޢުދުފުޅާ އެކުގައެވެ. އެ ވަޢުދުފުޅާ އެއްގޮތަށް މިހާތަނަށް އެމަނިކުފާނު ވަނީ، ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ޒިޔާރަތްކުރައްވައި، އެ ރަށްރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާފައެވެ. މިއީ، ރާއްޖޭގެ ވެރިޔަކު ވެރިކަމުގެ ކުޑަދުވަސްކޮޅެއްގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށަކަށް ވަޑައިގެންނެވި ފުރަތަމަ ފަހަރެވެ. ރައީސްގެ މި ދަތުރުފުޅުތަކުގައި ރަށު ކައުންސިލްތަކާއި ބައްދަލުކުރައްވައި، އެ ރަށެއްގެ ރައްޔިތުންނާއި ކައުންސިލްތަކުގެ ކަންބޮޑުވުން އަޑުއައްސަވައި އެކަންކަން ޙައްލުކުރެއްވުމަށް ކުރެވިދާނެ ކަންކަމާއި ގުޅޭގޮތުން ވަނީ މަޝްވަރާ ކުރައްވާފައެވެ.

