ސަރީނާ އޭނާ ބޮލުގައި ފިރުމަން އިނދެފައި އަހާލިއެވެ.
ސަރީނާ: އަޅ އަލީ އެ ސިއްރުގުޅުމެއް ބާއްވަނީ ކާކާބާ؟ އަހަރެންނަކަށް އެނގިފައެއް ނެތް. އޭނާ ލޯފޮހެމުން އިސްއުފުލާލިއެވެ.
ނިޝްރާ:” ނޭނގެ. އަހަރެންނަށް އެ ފެނުނު ސިޓީގަ އަންހެން ކުއްޖެއްދެކެ ވަރަށް ލޯބިވާ ވާހަކަ ބުނެފަ އޮތް. އަޅެ ބުނެބަލަ. ސަރީ ދަންނަމެއްނު އަލީގެ ފްރެންޑް ތޮއްޔިބު. އޭނަ ކުރެން އެއްޗެއް އޮޅުން ފިލުވޭތޯ އަހާލަންވީނު؟
ސަރީނާ:” ނޫނޭ. އަހަރެންނަކަށް ލާހިކެއް ނޫން. ތޮއްޔިބު އަހަރެން ފަހަތުން އުޅުނަސް އެއީ އަހަރެންގެ ޓައިޕެއް ނޫންވީމަ އަހަރެން ބަލަނީ އޭނައާ ވީހާވެސް ދުރުގަ އުޅެވޭތޯ. އެހެން ނޫނަސް ތޮއްތިބަށް އަލީގެ އެކަހަލަ ވަގު ބިޓެއް ކުރާކަން އެނގުނަސް އަހަރެން ނޫނީ ނިޝްގާތު އެވާހަކަ ދައްކާނެ ހެނެއް ހިޔެއްނުވޭ.
އޭނާ ވިސްނާލިއެވެ. ސަރީ އެބުނީ މުޅިން ދޮގުވާހަކައެއް ނޫނެވެ. ނިޝްރާ:” އަޅާނުލާ. އެބަޔަކު ކުރިކަމެއް އެމީހަކަށް. އަހަރެންނަށް ފަހުން ކޮންމެވެސް އެހެން ގޮތެއް ވާން މެދުވެރިވީމަ ކަންނޭނގޭ މިއަދު މިހެން ކަރުނަ އަޅަން މި ޖެހެނީ. ދެން އެވާހަކަ ބާއްވަމާދޯ.
ސަރީނާ:” އާނ. މާޒީ ހަނދާން ނައްތާލާ. އެކަހަލަ މަކަރުވެރި އަކު ހަޔާތުން ދިޔުން އެންމެ ރަނގަޅުވާނީ. އަދި މިހުރީ ވާހަކައެއް ބުނަން ހަނދާން ވެސް ނެތިފައޭ.
ނިޝްރާ:” ކޮން ވާހަކައެއް. އޭނާ ހަމަޖެހިލިއެވެ.
ސަރީނާ:” އަހަރެންނަށް އެއްކަހަލަ ބުނި ކޯހުގަ ބައިވެރިވާން ފުރުސަތު ލިބިއްޖެ.
ނިޝްރާ:” އަސްލުވެސްތަ؟ އަހަރެން ވަރަށް އުފާވެއްޖެ. އެކަމަކު ދެރައީ މިފަދަ ދަނޑިވަޅެއްގަ ސަރީވެސް މާދުރަށް ދާން ޖެހޭތީވިއްޔާ.
ސަރީނާ:” އެހާ ކަންބޮޑުނުވޭ. އަހަރެން އެކޮޅަށް ގޮއްސަ ތީނައަށް ގުޅާ އީމެއިލްވެސް ކުރާނަމޭ. އޭނާ ހިނިތުންވެފައި ނިޝްއަތުގައި ހިފާލިއެވެ. މި ދެ އެކުވެރިން އެހުރިހާ ވާހަކަތަކެއް ދައްކާފައި އެރޭ ނިޝްއަށް ނިދުނީ ކުޑަ ހަމަޖެހުމެއް ހިތަށް ލިބިގެނެވެ. އެއީ އޭނާއަށް ސަރީނާކަހަލަ ހެޔޮ އޯގާތެރި ރަޙްމަތްތެރިއަކު ލިބުނީމައެވެ.
ދުވަސްތަކެއް ފާއިތުވަމުން ދިތަ-ޔައެވެ
ސަރީނާ ރާއްޖެ ދޫކޮށްފައި ދިޔަފަހުން ފަސްމަސް ވެއްޖެއެވެ. އޭނާ ފުރަތަމަ ދިޔަ ދުވަސްތަކުގައި ވަރަށް ފޯނުން ގުޅައި އަދި އީމެއިލްތައް ކޮށް ޚަބަރު ވިއެވެ. އެހެނަސް އެ ފޯނުކޯލުތަކާ އީމެއިލްތައް ކުއްލިއަކަށް ހުއްޓިއްޖެއެވެ. އެވީ ކިހިނެއްކަމެއް ނޭނގުނަސް ނިޝްރާ އުއްމީދުކުރީ ހުރިހާ ކަމެއް ރަނގަޅުވާނެ ކަމަށެވެ.
ވިއްސާރސއ ފިނި ދުވަހެކެވެ. އޭނާ ފިހާރަކަށް ވަދެފައި ގެއަށް ނުދެވިފައި ފިހާރަ ދޮރުމަތީގައި ހުއްޓައި ސައިކަލަކުން ދިޔަ މީހަކު އޭނާ ފެނުމުން ނިޝްރާ ކުރިމައްޗަށް ހުއްޓިއްޖެއެވެ. އެއީ އަލީގެ ރަހްމަތްތެރި ތޮއްޔިބެވެ. އިސްދަށަށް ޖަހައިގެން ހުރި ނިޝްރާ ފޫހިގޮތަކަށް އޭނާއާ ދިމާއަށް ބަލާލީ ނުހުރުންވެފައެވެ.
ތޮއްޔިބު: ނިޝްރާ. އަހަރެން ވަރަށް ނިޝްރާ ހޯދާފިން.
ނިޝްރާ:” އަހަރެން ހޯދަން ޖެހޭ ސަބަބަކީ ކޮބާ؟ އޭނާ އަނެއްފަރާތައް މޫނު އަނބުރާލިއެވެ.
ތޮއްޔިބު: އަހަރެން ބުނަން އޮތީ އެއްވެސް މީހަކު އަހަރެންނާ ދޭތެރޭގަ ކުށްހީއެއްގަ ބުރަހިތެއް ނުބާއްވައްޗޭ.
އޭނާ އެމީހާއަށް ބަލާލިއެވެ. ނިޝްރާ:” ތިބުނި އެއްޗެއް ނުވިސްނުނު.
ތޮއްޔިބު:” އެވާހަކަ މިތާނގައެއް ނުދެއްކޭނެ. ހިނގާ އަހަރެންނާ އެކު ކޮފީއަކަށް އެހެރަ ކެފޭއަށް. އަހަރެން ބޭނުން ހުރިހާ ހަޤީޤަތެއް ނިޝްރާއަށް އޮޅުން ފިލުވަން.
އޭނާގެ ހިތް ތެޅިގަތެވެ. ކޮން ހަޤީޤަތެއްބާ. ކަމެއް ފޮރުވިފައި އޮތަސް އެނގޭނީ އެހެންމީހަކު ދައްކާ ވާހަކައިގެ ތެދުދޮގު އެނގިގެނެވެ. އޭނާ ތޮއްޔިބާ އެކު ކޮފީއަކަށް ދިޔައެވެ. ދެމީހުން ދެމެދު ދެކެވުނު ވާހަކަ ތަކުން ހިތަށް ކުރި ފުން އަސަރުން ނިޝްރާ އަނބުރައިގެން ވެއްޓުނެވެ. އެ ހިނދުން އޭނާ ނަގައިގެން އޭ.ޑީ.ކޭ ހަސްފަތާލަށް ގެންދެވުމުން އައިވީއެއް ގުޅައި ހޭއެރުމުން އިތުރު ގޯހެއްނެތުމުން ދޫކޮށްލިއެވެ.
ނިޝްރާ:” އެރޭން ފެށިގެން ކަންތައް ވީގޮތް ޤަބޫލު ކުރާނީ ކިހިނެއް. އެވަރުގެ ދޮގެއް މަކަރެއް އޭނައެއް ނަހަދާނެ.
އޭނާވީ ދެރައިން ރޮވެންފެށުމުން ތޮއްޔިބު އޭނާގެ އެއްވެސް ކުޝެއްނެތް ކަން ހާމަ ކުރަން ދެއްކި ކާޑު އެކަމަށް ހެކިދެއެވެ. ނިޝްރާ އޭނާގެ ލޮލުން ފޭބިކަރުނަތަކަށް އަލްވަދާޢު ކިޔުމަށް ފަހު އޭނާގެ ދިރިއުޅުން އެހެން ދިމާއަކުން ހުންގާނު މިސްރާބު ޖަހާލަން ޢަޒުމް ކަނޑައެޅިއެވެ. އޭނާ އެކިގޮތްތަކުން އިތުރަށް ކިޔަވަން މަސައްކަތްކުރިއެވެ. ނަސީބު ކަންދިމާވި ގޮތުން ވަރަށް ރަނގަޅެވެ. އޭނާއަށް ވަޒީފާ ލިބުމުން ފުރުމަށް ތައްޔާރީތައް ވިއެވެ.
(ސަރީނާއަށް ލިބުނީ ޤަބޫލު ކުރަން ދަތި ޚަބަރެކެވެ. )
ދުވަސްތައް ފާއިތުވާން ފެށިއެވެ. އެދުވަހު ކާއިލް އެބުނާ ދިމާއަކަށް ގޮސް ޚަބަރެއް ނުވެގެން އޮފީހަށް ގުޅުމުން އޭނާވީ ޤައުމުން ބޭރަށް ފުރާފައި ކަމަށް އެނގުނެވެ. އޭނާ ބުނި ހަފްތާ ދިގުދަމައިގެން މިހާރު އަންގާލުމަކާނުލައި މިރަށުންވެސް ފުރީއެވެ. ކޮންކަހަލަ މީހެއްބާ؟ އޭނާ ގާތުގައި ނުވެސް ބުނެ ފުރައިގެން އެ ދިޔައީ ކޮންތާކަށް ބާ؟
ތިން ދުވަހެއް ފާއިތުވީ އޭނާއަށް މޭނުބައިކޮށް ހޮޑުލުމާ ހަށިގަނޑުން ލޭފެބުންފަދަ ވޭނުގައެވެ. އޭނާ އުޅުނީ ވަަރަށް ބަލިކޮށެވެ. އޭނާ ހިތްވަރުކޮށްފައި ދެގަޑިއިރު ދުއްވާފައި ހޮސްޕިޓަލަށް ދިޔައެވެ. ޑޮކްޓަރަށް ދައްކައި ޓެސްޓުތައް ދެއްކިގޮތުގައި ނޯމަލެވެ. އެދުވަހު ގެއަށް އާދެވުނީ ހަވީރު ވަގުތެއްގައެވެ. އިއްތިފާޤުން އޭނާ ގެއަށް ވައިން ގަޑިއަށް ޕޯސްޓުން އައި ފޮށިގަނޑެއް ޑެލިވަރީމީހާއާ ދޮރުބުޑުގައި ބަހައްޓާފައި ދާން ހިނގާގަތް ވަގުތާއެވެ. ފޮށިގަނޑު ނަގައި އަވަހަށް ގެއަށް ވަދެފައި ފެންފޮދެއް ބޯލައި ހަމަޖެހިލިއެވެ. ލިބުނު ފޮށިގަނޑު ކަނޑާލުމުން އޮތީ ބޮޑު ސިޓީއުރައެކެވެ. ހައިރާންވިއެވެ. ހިތް ނުތަނަވަސް ނޫންކަމެއް ވެރިނުވާ ކަހަލައެވެ. އަވަހަށް އެ ސިޓީއެއް ކަނޑާލިއެވެ. އޭގައި އޮތް އެއްޗެއް ފެނިފައި ހިތް ނުހުއްޓުނީ ކިރިއާއެވެ.
ހިތްމަރުވާ ހާލު އޭނާ އެ ކިޔަމުން ގިސްލާފައި ރޮނީއެވެ. މިކަން ޤަބޫލުކުރާނީ ކިހިނެއް. އޭނާއަށް މި ސިޓީއެއް ފޮނުވީ އޭނާގެ ފިރިމީހާއެވެ. އޭގައި އޭނާ ވަރިކުރިކަން އަންގައިދޭ ސޮއިކޮށްފައިވާ “ވަރީގފ=ެފކޯޓު އަމިރެއެއޮތެވެ. އެއަށް ވުރެބޮޑަށް ހިތް އެތެރެހައްޓަށް ގިރިގެން ފޭބި ފަދަ އިޙްސާސްވީ ދެން މިއޮތް ލިޔުމަކުންނެވެ.
ސަރީނާ:” އޭގައި އެވާގޮތުން… ނޫން. އެހެން އެކަމެއް ނުވާނެ.” އަމިއްލަ ނަފްސަށް ވާހަކަ ދެއްކެނީއެވެ. އޭނާ ރޮމުން ބިންމައްޗަށް ވެއްޓިގެން އޮވެ ބާރަށް އަޑުން އަޑުނަގާފައި ރޮނީއެވެ. ކާއިލްއަކީ ދަރިން ނުލިބޭ މީހެއްކަމަށް އޮތް ލިޔެކިޔުމާ ޓެސްޓުގެ ނަތީޖާއެވެ. އޭނާއަށް ދަރިން ނުލިބޭ މީހަކަށް ނުވަންޏާއި ސަރީނާ ބަނޑުގައި މިއޮތް ގޮތްނޭނގޭ “އޮށުން ފަޅާފައިވާ ގަހަކީ” އެތަނުން ކާކުގެ ދަރިއެއްހެއްޔެވެ. އޭނާއަށް ވެސް އެކަން ބުނެދޭނީ ކިހިނެއް. އެކިފަހަރުމަތީން ކާއިލްގެ އެކި ރަހްމަތްތެރިން ފަރާތުން ލިބުނު އަނިޔާއާ ވޭނުން ސަރީނާގެ ކިބައިން އެމީހުން ހިތްހަމަ ޖައްސައެވެ. އެބައެއްގެ އެދުމާއި އަރާމާއި އުފާތައް ފަޅުފިލުވަން މަޖްބޫރުވާތީ އެއެއް މިއެއް އެނގޭބާ. ކާއިލް އޭނާގެ އަނބިމީހާ އެހެން ހިލޭ ފިރިހެނުންނަށް ހަދިޔާކުރަނީ އޭނާއަކީ ގެންގުޅޭ އަޅެއްފަދައިން ކުޅޭ އެއްޗެއްހެނެވެ. ސަރީނާ ހަދާނެ ގޮތް ހުސްވިއެވެ. އޭނާ އަދު ނިޝްރާގެ ހަނދާން ވަރަށް ވިއެވެ. އެއްކަލަ ރޭ ކަންތައް ވީގޮތެވެ.
( މާޒީގައި އޭނާއަށް އެކަން ފެށުނު ގޮތް =)
އެރޭ ފިލްމު ބަލަން ތިބެފައި އިންޓަވަލަށް މެދުކަނޑާލުމާ އެކު އެންމެން ތިބީ ކަރުހިއްކައި ބަނޑު ހައިވެފައެވެ. އަލީއާއެކު ނިޝްރާ ޕޮޕްކޯން ގަންނަން ދިޔައެވެ. ސަރީނާވެސް ލޭޑީސްރޫމަށް ވަދެލައި ފްރެޝްވެލިއެވެ. ލުއިކާނާއާ ފިޒީ ބުއިންތައް ހިފައިގެން ހީނ ސަކަރާތް ޖަހައި އައިސް ގޮނޑިބަރިތަކުގައި އެންމެނަށް އިށީނދެވުނީ ކުރިން ތިބި ތަރުތީބަކުން ނޫނެވެ. ސަރީނާޖެހިގެން އިނީ އަލީއެވެ. އޭނާއާއި ޖެހިގެން ނިޝްރާ ދެން ތޮއްޔިބެވެ. މެދުކަނޑާލެވިފައިވާ ފިލްމް ފެށިގެން ކުރިއަށް ދިޔައެވެ. އަނދިރިވެފައިވާ މުޅި މާޙައުލުގައި އެކިދިމާތަކުގައި ލޯބިވެރިން މާތައް ފޮޅުވަން ތިއްބެވެ. ސަރީނާއަށް އެއްލިކަޅިން ފެނުނީ ނިޝްރާ އަލީގެ ކޮނޑުގައި ބޯއަޅައިގެން ކުޑަކޮށް ނިދިފައި އޮތްވައެވެ. ޕޮޕްކޯން ކާން އިން އަލީ ސަރީނާއާ ދިމާއަށް ވައްކަޅިން ބަލާލިއެވެ. ގޮތަކަށް ހިނިތުންވިއެވެ. އަދި ނޫން ކަމަށް ހަަދައި އޭނާ ކާން އިންބަކެޓުން ޕޮޕްކޯން ނަގައި ސަރީނާގެ އަނގައަށް ލައްވާދިނެވެ. އޭނާ ބޮއެފައި ހުރި ކޯކުދަޅުވެސް ދިއްކޮށްލިއެވެ. އެރޭ އެ ފިލްމެއް ނިމި ބޮކިދިއްލާލެންދެން އަލީއާއި ސަރީނާ އެކަކު އަނެކާތިބީ އަތްތިލައިގައި ހިފައި ފިއްތާލައިގެނެވެ.
އަލީ ކާއިލާއި ސަރީނާގެ ގުޅުން އެރެއިން ފެށިގެން ސިއްރުބައްދަލުވުން ތަކުގައި ކުރެވެންފެށިއެވެ. އެފެށުނު ގުޅަމަކީ އޭނާގެ އެންމެ ގާތް ރަޙްމަތް ތެރިއާއަށް ދޭނެ ހިތްދަތި ހަދިޔާއަށް ވެގެންދިޔައެވެ. ރޭގަނޑެއް ދުވާލެއް ނޭނގޭނެހެން އެދެމީހުން ލޯބީގެ ކުލަތައް ޖައްސައި ކުރިއަށް ގެންދިޔައީ ބޮޑެތި ރޭވުންތައް ކުރަމުންނެވެ. ނިޝްރާއަށް އެނގޭނީ ކޯޗެއްހެއްޔެވެ؟ އޭނާއަކަށް ކާއިލް ކަހަލަ ފިރިހެނެކަށް ބޭނުންވާ ގޮތައް ޚަރުދުކުރެވޭނެ ހެއްޔެވެ؟ ކާއިލް ބޭނުންވާ ގޮތައް ޔޫކޭއިން ވަޒީފާ ހަމަޖައްސާދިނީ ވެސް ސަރީނާގެ އެހީގައެވެ. އެ ދެމީހުންގެ ގުޅުން ކުރިއަށް ގެންދެވޭނީ މި ފަސްގަނޑުން ބޭރުވެވިގެންވީތީ މަކަރުވެރި ރޭވުންތައް ރާވައި ވަގުތު ޖެހުމުން ދެމީހުންވެސް އެކި ބަހަނާތައް ދައްކައި ރާއްޖޭން ދިރިއުޅުން ބަދަލުކުރިއެވެ. އެ ހުރިހާ ކަމެއް އެންމެ ގާތުން ތޮއްޔިބަށް ވެސް އެނގުނީ އޭނާއަށް އަލީ ކާއިލާއި ފާތިމަތް ސަރީނާގެ އަލަތު ކައިވެނީގެ ކާޑު ފޮނުވުމުންނެވެ.
އެއްކަލަ ދުވަހަކު ނިޝްރާ ހިތް ހަލާކުވާ ހާލު ރޮއެރޮއެ ހުރިހާ ވާހަކަތަކެއް ޙިއްސާކުރީ އޭނާގެ ދުޝްމިނާގެ ފައިގާ ބޯއަޅައިގެންކަމެއް ޚުދް އޭނާއަށް އެނގޭނީ ކިހިނެއް؟ މިވީހާ ހުރިހާ އަހަރުތަކާއި ދުވަހެއްގައި އޭނާއަށް ކުރިމަތިލާން ޖެހުނު ހުރިހާ އެހީއަކާ ދިން އެކުވެރިކަމާ އޯގާތެރިކަމުގެ ބަދަލު ސަރީނާ އެދިޔައީ ވަގަށް ނަގައި ހިފައިގެނެވެ. ދުވަހަކުވެސް ބަދަލު ނުވާނެ ކަމަށް ބުނަމުން އައި ބެސްޓް ފްރެންޑުގެ ހަޤީޤަތް އެނގުނު ވަގުތު އޭނާވަނީ މަކަރު ވެރިކަމާއެކީ އޮޅުވާލައިގެން މާދުރަށް ފިލައިގެން ގޮހެވެ.
އެހެނަސް ފަހުން ކަންތައް އެވީ އެދެމީހުން އުއްމީދުކުރި ކަހަލަ ދިރިއުޅުމަކަށް ނޫނެވެ. އޭރުގައި ކާއިލް ބޭނުންވި ގޮތައް ސަރީނާގެ އެހީގައި ހުރިހާ ކަމެއް ފައިސާގެ އެހީގައި ފުއްދިއެވެ. ކައިވެންޏަށް ފަހުގައި ފެށިފައި އޮތް ދިރިއުޅުން ފަނޑުވާން ފެށީ ކާއިލް ކުރި ޓެސްޓަކުން އޭނާއަށް ދަރިން ނުލިބޭނެކަން އެނގުމުންނެވެ. އެހެނަސް އެކަމެއް ސަރީނާ ނުދެނަހުއްޓެވެ. ކާއިލް ބޭނުންވީ ދުނިޔޭގައި ދަތުރުފަތުރު ކުރުމާ މަޖަލާ އުފާކުރުމެވެ.ކާއިލް އޭނާގެ ރައްޓެހިން މެދުވެރިކޮށް ސަރީނާގެ ނާޖާއިސްފައިދާ ނަގަމުންއައެވެ. އޭނާ ކުޅެން ގެންގުޅޭ ބުދެއްހެން ހިތަށް އެރިގޮތަކަށް ކަންތައް ކުރަމުން އައެވެ. ރެއާދުވާލު އެހެންމީހުންގެ ޝިކާރައަށް ވެފައި ހިތްހަމަ ޖައްސާދޭން ހުންނަ ކުޅޭ އެއްޗެއް ފަދައިންނެވެ. ސަރީނާއަށް އަދު ކުރެވޭނެ އެއެްވެސް ކަމެއް ނެތެވެ. އޭނާ ބަނޑުގައި އޮތް މި ދަރިފުޅުގެ ބައްޕައަކީ އެތަނުން ކާކުގެ ދަރިއެއްކަމެއް ނޭނގެއެވެ. އަދު އޭނާ ދެރަވެގެން ލޮލުން ކަރުނަ އޮހޮރުވަނީ ކާއިލް ގެއްލިގެނެއްނޫނެވެ. އެކަމަކު އޭނާގެ އެންމެ ގާތް ބެސްޓުފްރެންޑަށް ބޭއިންސާފުން ހައްޤުންކަމަކާއި ނުލައި އޮޅުވާލައި އޭނާގެ އުފާތައް ފޭރިގަނެވުނީމައެވެ. ނިޝްރާއަކީ އަބަދުވެސް ހިތްތިރި ރީތި ހިނިތުންވުމެއް ހުރި ލަދުރަކި އަންހެން ކުއްޖެކެވެ. އޭނާގެ އެކަނިވެރި ނިކަމެތި ހަޔާތައް އައި އެ ކުޑަހިތްހަމަ ޖެހުންވެސް ނިގުޅާގަނެ ހަލާކުވީ އަހަރެންނާހެދިއެވެ. އެކަމަކު ހަޤީޤަތުގައި އަހަރެންނަށް ކުރެވުނު އެ ކަމަކުން ބަރުބާދުވީ އަހަރެންގެ އަމިއްލަ ހަޔާތެވެ. އޭނާ އަމިއްލަ ނަފްސަށް ކުށްވެރިކޮށް ކިތައްމެ ވަރަކަށް ކަރުނަ އަޅާރޯން އިނަސް އަދު އެހީވާން އަންނާނީ ކާކުހެއްޔެވެ؟ ދުވަސްތައް ފާއިތުވާން ފެށިއެވެ.
މައިންބަފައިންނަށް ޚަބަރު ދޭންޖެހުނީ ލަދުވެތި މާޔޫސް މޫނަކާއިގެނެވެ. އެކަމުގެ ސަބަބުން ދެން ރާއްޖޭގެ ފަސްގަނޑަށް ފައިއަޅާލަންވެސް ލަދުގަނެވެ. ސަރީނާއަށް ލިބުނީ ފިރިހެން ކުއްޖެކެވެ. ލޯބި ފުށްގަނޑެއްހެން އިން ދައުސްގެ ބައްޕައަކީ ޚުދް އޭނާއަށް ވެސް ނޭނގެއެވެ. އަހަރުގެ ފިނިމޫސުމަށް ބަދަލުވާން އުޅޭތީ ގަސްތަކުގެ ފަތްތައް ފީވެގެން ފައިބާ މުޅި މާޙައުލުގައި ފެތުރިފައިހުއްޓެވެ. ސަރީނާ އޭނާގެ ދެލޯފަދަ ދަރިފުޅު އުރާލައިގެން ހިނގާލަން ދިޔައެވެ. ކާއިލް މަސައްކަތް ކުރަން އުޅުނު އޮފީސް ހުންނަ އިމާރާތް ހުރި ހިސާބުގައި މީހުން ހިނގާބިގާ އުޅުނެވެ. ފެންނަން ހުރި ސަރަހައްދަށް އައިސް އެ މަޑުކޮށްލީ ބޮޑު ހުދުކުލައިގެ ލިމޯއެކެވެ. މި އިމާރާތުގެ ވެރިފަރާތް އޭނާގެ އަނބިދަރިން ގޮވައިގެން ކޮންމެވެސް ހަފްލާއެއް ނިންމާފައި ކުޑަ ޢާއިލާ ކާރަށް އަރަނީއެވެ. ޒުވާން ރީތި ދެ އަންހެންކުދިން ގޮސް ކާރަށް އެރުމުން ޑްރައިވަރު ދޮރުލައްޕާލިއެވެ. އަދި އޯނަރާއި އޭނާގެ އަނބިމީހާ ކާރަށް އެރުމުން ދޮރުލއްޕާލިއެވެ. ސަރީނާއަށް މި މަންޒަރުފެނިފައި އަނގައިން ބަސްހުއްޓުނެވެ. ކާރުގައި އެކުދިންގެ މަންމައަކަށް އެއިނީ އޭނާއެވެ. އެއްކަލަ ދުވަހު ސަރީނާއަށް އެ އޮފީހުން ފެނުނު ތަސްވީރުގައި އައިނެއް އަޅައި ދިގު އިސްތަށިގަނޑެއް ވެރި އަންހެން މީހާއަކީ ކާކުކަން ނޭނގުނަސް އަދު އެއީ ކާކުކަން ދެނެގަނެވިއްޖެއެވެ. އެއީ ނިޝްރާއެވެ.
އެއްޒަމާނެއްގައި އޭނާގެ އެންމެ ގާތް ބެސްޓްފްރެންޑެވެ. އަދު އެއީ ބޮޑު މަހުޖަނެއްގެ ލޯބިވާ ރީތި އަނބިކަމަނާގެ މަޤާމުގައި ތަޙްތެއްގައި ވެޑުވިފައި އިން ރާނީއެއް ފަދައެވެ. ސަރީނާ ލޮލުން ކަރުނަ ހިލުނެވެ. ހިތަށް އަރުވާނެ އެއްޗެއް ނޭނގުނަސް ގެންލަދުން އަމިއްލައަށް އިސްދަށަށް ޖަހާލެވުނެވެ. އެދުވަހު ނިޝްރާގެ ލޮލުގައި ވިހަ އަނދުނެއް އަޅުވައި އޭނާގެ އުފާތައް އަހަރެން ފޭރިގަތީމެވެ. އޭނާ ހިތުގައި ޖައްސައި ނިކަމެތިކޮށްލައި އޭނާއަކީ ނިކަމެއްޗަކަށް ވީމައި އަހަރެންނާއި އޭނާއާއި ދެމިތުރުން ފަރަޤުކުރެވުނީއެވެ. ނިޝްރާގެ ލޮލުން ވެއްޓުނު ކޮންމެ ހިތްދަތި ވޭނުން ފުރިފައިވާ ކަރުނަތިއްކެއްގެ އަގު އަހަރެންނަށް ވަޒަން ކުރެވޭނެ ހެއްޔެވެ. ކޮންމެ ކަމެއްވެސް ވާނީ ރަނގަޅަކަށޭ ބުނާ ގޮތައް އެދުވަހު ނިޝްރާގެ ހަޔާތުން މި މަކަރުވެރި ޚިޔާނާތްތެރި ދެ މީހުން ގެއްލިގެން ދިޔައީ އަދު ނިޝްރާއަށް ގެއްލިގެން ދިޔަ އެއްޗަކަށް ވުރެ މާ ފުރިހަމަ އުފާވެރި ހަޔާތެއް ލިބޭށެވެ. އަދު އަހަރެންނަކަށް އޭނާގެ ކުރިމައްޗަށް އަރާނެ ހިތްވަރެއްނެތެވެ. އަމިއްލަ ނަފްސަށް ވަރަށް ލަދުގަނެ ކުށްވެރި ކުރެވެނީއެވެ. އެހާމެ ދެރަވެސް ވެއެވެ. އަހަރެންގެ ހިތް ހިތާމައިން ފުރިފައިވިއަސް އަދު މިއީ އަހަރެންނަށް މާޒީގައި ކަންތައް ކުރެވުނު ގޮތަކުން އޭގެ ބަދަލު ހައްޤުގޮތުގައި ލިބެން މެދުވެރި ހާލަތެކެވެ. އަހަރެންގެ ހިތަށް އަރާ މި ސުވާލު ނިޝްރާ ކުރެން އަހާލާނެ ހިތްވަރެއް ލިބޭނެ ދުވަހަކަށް އިންތިޒާރު ކުރަމެވެ. އެއީ ނިޝްރާގެ ހިތް އަހަރެންގެ މައްޗަށް ބުރަވެ ކުނި ބުނިން ފުރިފައިވާ ސާފުނުވާނެ ކިލަނބު ހިތަކަށް މެނުވީ ނުވާނެކަން ޔަޤީންވާތީއެވެ.
ލިޔުނީ: =މަންދު=

