މަސްތުވާތަކެތި އުފައްދައި އެކި ޤައުމުތައް ހުރަސްކޮށް އެތަކެތީގެ ވިޔަފާރި ކުރުން ފަދަ ޓްރާންސްނޭޝަނަލް ކުށްތަކާ ދެކޮޅަށް ކުރާ މަސައްކަތުގައި އިންޓަޕޯލްގެ މެމްބަރު ޤައުމުތަކުގެ މެދުގައި ވަގުތުން މައުލޫމާތުތައް ޙިއްސާ ކުރުމަށް ކޮމިޝަނަރ އޮފް ޕޮލިސް (ސީޕީ) އިސްމާޢީލް ނަވީން ގޮވާލައްވައިފިއެވެ. ސީޕީ ނަވީން މިގޮތަށް ގޮވާލެއްވީ، މޮރޮކޯގައި ކުރިއަށްދާ އިންޓަޕޯލްގެ 93 ވަނަ އާންމު މަޖިލީހުގައި ބައިވެރިވެވަޑައިގެންނެވި ދުނިޔޭގެ އެކި ޤައުމުތަކުގެ ޤާނޫނު ތަންފީޒުކުރާ މުވައްސަސާތަކުގެ އިސްވެރިންނާއެކު ބޭއްވެވި ބައްދަލުވުންތަކުގައެވެ.
މި ބައްދަލުކުރެއްވުންތަކުގައި، ސީޕީ ނަވީން ވަނީ މަސްތުވާތަކެތި އުފައްދައި އެކި ޤައުމުތައް ހުރަސްކޮށް އެތަކެތީގެ ވިޔަފާރި ކުރުމާއި، ޤާނޫނާ ޚިލާފަށް ކުރާ ދުންފަތުގެ ވިޔަފާރިއަކީ ރާއްޖެއަށާއި ސަރަހައްދީ ޤައުމުތަކަށާއި އަދި އެހެން ޤައުމުތަކަށްވެސް އޮތް ބޮޑު ނުރައްކަލެއްކަން ފާހަގަކުރައްވާފައެވެ. އެމަނިކުފާނު ވަނީ މިފަދަ ކުށްތަކާ ދެކޮޅަށް ޤައުމުތަކުން ކުރާ މަސައްކަތުގައި މެމްބަރު ޤައުމުތަކުގެ މެދުގައި ވަގުތުން މައުލޫމާތުތައް ޙިއްސާ ކުރުމާއި ގުޅުން ބަދަހިކުރެއްވުމަށް އެދިވަޑައިގެންނެވިއެވެ.
ސީޕީ ނަވީން ވަނީ، ރާއްޖޭގައި ހިންގާ ކުށުގެ އަމަލުތަކަށް ފައިސާ ފޯރުކޮށްދީ، އެކަންކަން ރާވާ ހިންގާ ބޭރުގެ ޤައުމުތަކުގައި ހަރަކާތްތެރިވާ ކުށުގެ ޖަރީމާތައް ހިންގާ ނެޓްވޯކްތައް ދެނެގަނެ، އެނެޓްވޯކްތަކުގެ ހަރަކާތްތައް ހުއްޓުވުމުގެ މުހިއްމުކަން ފާހަގަކުރައްވާފައެވެ. އަދި ޓްރާންސް ނޭޝަނަލް ކުށްތަކާއި، ރޭވިގެން ހިންގާ ކުށްތަކާއި، ބޭރުގައި ހަރަކާތްތެރިވާ ފަރާތްތަކާ ދެކޮޅަށް ހިންގާ އޮޕަރޭޝަންތަކަށް ބޭނުންވާ އިންޓެލިޖެންސް މައުލޫމާތުތައް ވަގުތުން ހިއްސާ ކުރުމުގެ މުހިންމުކަން އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.
ސީޕީ ނަވީން ވިދާޅުވީ، ދިވެހި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ކުރާ މަސައްކަތުގައި ޤާނޫނު ތަންފީޒުކުރުމުގައި ހަރަކާތްތެރިވާ ބޭރުގެ ފަރާތްތަކާއި އޮންނަ ގުޅުންތައް ބަދަހިކޮށް ގުޅިގެން މަސައްކަތް ކުރުމުގައި ދިވެހި ފުލުހުންގެ މުވައްސަސާ ދެމިއޮންނާނެ ކަމަށެވެ. އެގޮތުން ބައިނަލްއަޤްވާމީ ފެންވަރުގައި ހިންގާ ކުށްތަކާ ދެކޮޅަށް މަސައްކަތް ކުރުމަށް ދިވެހި ފުލުހުންގެ މުވައްސަސާގެ ފަރާތުން ފުރިހަމަ އެއްބާރުލުން ދިނުމަށް ތައްޔާރަށް ތިބިކަން ސީޕީ ވަނީ ޔަޤީންކޮށްދެއްވާފައެވެ.
އިންޓަޕޯލްގެ 93 ވަނަ އާންމު މަޖިލީސް މި މަހުގެ 24 އިން 27 އަށް މޮރޮކޯގައި ކުރިއަށްދާއިރު، މި މަޖިލީހުގައި ދުނިޔޭގެ އެކި ޤައުމުތަކުގެ ޤާނޫނު ތަންފީޒުކުރާ މުވައްސަސާތަކުގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.

