މޯލްޑިވްގޭސް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (މޯލްޑިވްގޭސް) އިން މާލެ ސަރަހައްދުގެ ގޭބީސީތަކަށް ގޭސް ޑެލިވަރީކޮށްދޭ ވަގުތު މިދިޔަ ހުކުރު ދުވަހުން ފެށިގެން އިތުރުކޮށްފައިވާ ކަމަށް ހާމަކޮށްފިއެވެ. މި ބަދަލާއެކު، މާލެ، ހުޅުމާލެ އަދި ވިލިނގިލީގެ ގޭބީސީތަކަށް ގޭސް އޯޑަރުކުރެވޭނެ އެންމެ ފަހު ވަގުތު ރޭގަނޑު 10:00 އަށް ވަނީ އިތުރުކޮށްފައެވެ.
މި ބަދަލަކީ، ރައްޔިތުންނަށް ދެވޭ ހިދުމަތްތައް އިތުރަށް ހަރުދަނާކޮށް، ގޭސް ޑެލިވަރީގެ ހިދުމަތް ފަސޭހަކޮށްދިނުމަށް މޯލްޑިވްގޭސްއިން ގެނައި މުހިންމު ބަދަލެކެވެ. ކުރިން ރޭގަނޑުގެ ވަގުތު ގޭސް ހުސްވެއްޖެނަމަ، 8:30 އަށް ފަހު ޑެލިވަރީ ހިދުމަތް ނުލިބި، ގޭސްފުޅި ހިފައިގެންގޮސް ހިދުމަތް ހޯދަން ޖެހޭ ދަތިކަން ވަރަށް ގިނަ ފަހަރު ދިމާވެފައިވެއެވެ.
އާންމުކޮށް ގޭބީސީތަކާއި ކެފޭ ރެސްޓޯރެންޓްތަކުގައި ރޭގަނޑުގެ ވަގުތަކީ ބަދިގެ ބޭނުންކުރާ އެންމެ ގިނަ ވަގުތުކަމަށްވާއިރު، ގޭސް ހުސްވެގެން ދިމާވާ ދަތިކަން މި ބަދަލާއެކު ހައްލުވެގެންދާނެއެވެ. މިހާރު ރޭގަނޑު 10:00 އާ ހަމައަށް މޯލްޑިވްގޭސްގެ ކޯލް ސެންޓަރުން ގޭސް ޑެލިވަރީއަށް އޯޑަރު ކުރެވޭނެއެވެ.
މި ފަސޭހައިގެ ސަބަބުން، ރޭގަނޑު ކެއްކުންފަދަ ކަންކަމަށް ގޭސް ބޭނުންކުރާ ވަގުތު ގޭސް ހުސްވެގެން ދިމާވާ ހާލަތްތަކުގައި، ލަސްވުމެއްނެތި ގޭސް ޑެލިވަރީގެ ހިދުމަތް ލިބިގެންދާނެއެވެ. މިއީ މާލެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ލިބޭ ވަރަށް ބޮޑު ފަސޭހައެއް ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

