ރާއްޖެއަށް މުދަލެއް އަންނަ ހިސާބުން ފެށިގެން އެ މުދަލުގެ ލިޔެކިއުން ނިންމާ މުދާ ދޫކުރުމާ ހަމައަށް އެކި މަރުހަލާތަކުގައި ހޭދަވާ ވަގުތުތައް ދެނެގަތުމަށްޓަކައި މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ދިރާސާއެއް ފަށައިފިއެވެ. “ޓައިމް-ރިލީސް ސްޓަޑީ”ގެ ނަމުގައި ހިންގާ މި ދިރާސާއަކީ، ދުނިޔޭގެ ކަސްޓަމްސް ޖަމްއިއްޔާ (WCO) ގެ މިންގަނޑުތަކަށް ފެތޭ ގޮތަށް، އެ ޖަމްއިއްޔާގެ ކަމާއި ބެހޭ މާހިރުންނާ ގުޅިގެން ކުރިއަށް ގެންދާ މަސައްކަތެކެވެ.
މި ދިރާސާއަށް ބޭނުންވާ މައުލޫމާތު އެއްކުރުމުގެ މަސައްކަތް އިއްޔެއިން ފެށިގެން މި މަހުގެ 27 ގެ ނިޔަލަށް ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ. މި މަސައްކަތުގައި ކަސްޓަމްސްގެ އިތުރުން ބަނދަރުތައް ހިންގާ ފަރާތްތަކާއި، އިމްޕޯޓް އެކްސްޕޯޓާއި ގުޅޭ ދައުލަތުގެ މުއައްސަސާތަކާއި، ކަސްޓަމްސް ބްރޯކަރުން ވެސް ހިމެނެއެވެ. މި ދިރާސާގެ ތެރެއިން މުދަލެއް ރާއްޖެއަށް އައިސް ބަނދަރަށް ބޭލުމަށް ހޭދަވާ ވަގުތާއި، ލިޔެކިއުން ހުށަހެޅުމާއި، ލިޔެކިއުން ނިންމުމަށް ހޭދަވާ ވަގުތު ދެނެގަތުން ހިމެނެއެވެ. މީގެ އިތުރުން ދައުލަތުގެ އިދާރާތަކުން ނިންމަންޖެހޭ ކަންކަން ނިންމުމަށް ހޭދަވާ ވަގުތާއި، ކަސްޓަމްސްއިން ބަލައި ފާސް ކުރުމަށް ހޭދަވާ ވަގުތު، އަދި ބަނދަރުން މުދާ ދޫކުރުމަށް ހޭދަވާ ވަގުތުތައް ވެސް ދެނެގަނެވޭނެއެވެ.
މިފަދަ ދިރާސާއެއްގެ މައިގަނޑު ބޭނުމަކީ، ރާއްޖެއަށް މުދަލެއް ގެންނައިރު، އެ މުދާ ކްލިއަރކޮށް ދޫކުރުމަށް ހޭދަވާނެ ވަގުތުތައް ދުރާލާ ވިޔަފާރިތަކަށް އެނގިގެން ދިއުމާއި، ކަސްޓަމްސްއާއި ބަނދަރުތައް އަދި އިމްޕޯޓް އެކްސްޕޯޓް މުދަލާއި ގުޅޭގޮތުން ދައުލަތުގެ ކަމާބެހޭ އިދާރާތަކުގައި އިތުރަށް ހަރުދަނާ ކުރުމަށް ހުރި ކަންކަން ދެނެގަނެ އެކަން ކަމަށް މަސައްކަތް ކުރުމަށް ފުރުޞަތު ލިބުމެވެ. މި ދިރާސާގެ ސަބަބުން ވިޔަފާރިތަކަށް އިތުބާރު ހުރި ވާދަވެރި ވިޔަފާރީގެ މާޙައުލެއް ޤާއިމުކޮށްދިނުމަށް މަގުފަހިކުރެވިގެންދާނެ ކަމަށް ކަސްޓަމްސްއިން ވިދާޅުވެއެވެ.
މިއީ، މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ކުރިއަށް ގެންދާ މިފަދަ ދެވަނަ ދިރާސާއެވެ. އެންމެ ފުރަތަމަ ޓައިމް ރިލީޒް ސްޓަޑީއެއް ހަދާފައިވަނީ، 2021 ވަނަ އަހަރުއެވެ. ކަސްޓަމްސްއިން ވިދާޅުވާ ގޮތުގައި، މި ދިރާސާގެ ސަބަބުން 2021 ވަނަ އަހަރުން ފެށިގެން ވޭތުވެދިޔަ 4 އަހަރުގެ ތެރޭގައި މުދާ ކްލިއަރ ކުރުމަށް ހޭދަވާ ވަގުތު ކުޑަކުރެވިފައިވާ މިންވަރާއި، އެކަންކަމަށް ގެނެސްފައިވާ ކުރިއެރުންތައް ދެނެގަނެވޭނެއެވެ. އަދި މުދާ ކްލިއަރ ކުރުމުގެ ޕްރޮސެސްތަކަށް ގެނެސްފައިވާ ތަރައްޤީއާއި އިތުރަށް ހަރުދަނާ ކުރަންޖެހޭ ކަންކަންވެސް މި ދިރާސާގެ ސަބަބުން ދެނެގަނެވިގެންދާނެއެވެ.
މި ދިރާސާއަށް އެއްކުރާ މަޢުލޫމާތުގެ އަލީގައި، ހޯދޭ ހޯދުންތަކުގެ ރިޕޯޓް ޝާއިޢު ކުރުމަށް ހަމަޖެހިފައިވަނީ، އަންނަ އަހަރުގެ މެއި މަހުގެ ތެރޭގައެވެ. ކަސްޓަމްސްއިން ވިދާޅުވާ ގޮތުގައި، މި ދިރާސާގެ ސަބަބުން ސިޔާސަތުތައް ކަނޑައެޅުމަށާއި، އިދާރާތަކުގެ މެދުގައި ގުޅިގެން މަސައްކަތް ކުރުން ހަރުދަނާ ކުރެވޭނެއެވެ. އަދި ކަސްޓަމްސްގެ އިޖުރާޢަތުތައް ޒަމާނީ ކުރުމަށް ކުރާ މަސައްކަތްތަކަށް އެހީތެރިވެދޭނެ މުހިއްމު މައުލޫމާތުތަކެއް މި ދިރާސާއިން ލިބިގެންދާނެއެވެ.

