މާލެ ސަރަހައްދުގައި އިންފްލުއެންޒާއާއި ޑެންގީ ހުން ވަރަށް ގަދައަށް ފެތުރެމުންދާތީ، އާންމުން ސަމާލުވުމަށް ކުޑަކުދިންގެ ބަލިތަކަށް ޚާއްސަ ޑޮކްޓަރު އަހުމަދު ފައިސަލް އިލްތިމާސްކުރައްވައިފިއެވެ. މާލޭގައި އިންފްލުއެންޒާގެ ހާލަތު ގޯސްވަމުންދާއިރު، މާލެ އަތޮޅުގެ ބައެއް ރަށްރަށުގައި ޑެންގީ ހުން ފެތުރޭ މިންވަރު އިތުރުވެފައިވާކަން ފާހަގަކުރައްވާ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އޭނާ ވަނީ އިލްތިމާސްކުރައްވާފައެވެ.
ޑރ. ފައިސަލް "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މާލޭގައި އިންފްލުއެންޒާ ވަރަށް ބާރަށް ފެތުރެމުންދާއިރު، މާލެ އަތޮޅުގައި ޑެންގީ ހުން ވަރަށް ބޮޑަށް ފެތުރެމުންދާ ކަމަށެވެ. ޚާއްސަކޮށް މާލެ އަތޮޅު މާފުއްޓާއި، ހިންމަފުށީގައި ޑެންގީގެ ކޭސްތައް އިތުރުވެފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ. އިންފްލުއެންޒާ ޖެހޭ ބައެއް ކުދިންގެ ގައިގައި ރިއްސާވަރުން ނުހިނގޭ ހާލަތަށް ވެސް ދާ ކަމަށް ޑރ. ފައިސަލް ވިދާޅުވިއެވެ. އޭނާ އިތުރަށް ވިދާޅުވީ އިންފްލުއެންޒާއިން ރައްކާތެރިވުމަށް ވެކްސިން ޖެހުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށެވެ.
އިންފްލުއެންޒާ އަދި ކޮވިޑް ފަދަ އަރިދަފުސް ރޯގާގެ ބަލިތަކުން ރައްކާތެރިވުމަށްޓަކައި އާންމު ސާފުތާހިރުކަމަށް ޚާއްސަ ސަމާލުކަމެއް ދިނުމަކީ މުހިއްމު ކަމެކެވެ. އޭގެ ތެރޭގައި ސައިބޯނިލައިގެން އަތްދޮވުން ހިމެނެއެވެ. އަރިދަފުސް ރޯގާޖެހިއްޖެ ނަމަ ކެއްސާ، ކިނބިހި އަޅާއިރު އަނގަމަތީގައާއި ނޭފަތުގައި ޓިޝޫއެއް ފަދަ އެއްޗެއް އެޅުމާއި، ބޭނުންކޮށްފައިވާ ޓިޝޫފަދަ ތަކެތި ހާމައަށް އެއްލާނުލުމަށް ޑޮކްޓަރުން އިލްތިމާސްކުރައްވައެވެ. ރޯގާ ޖެހިފައިވާ ނަމަ މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުމާއި، ޚާއްސަކޮށް މިފަދަ ތަންތަނަށް ކުޑަކުދިން ނުގެންދިއުމަށް ނަސޭހަތްތެރިވެއެވެ. އަދި ރޯގާ ޖެހިފައިވާ ނަމަ ކުޑަކުދިންނާ ދުރުހެލިވެ އުޅުމަކީ ވެސް މުހިއްމު ކަމެކެވެ.
ބަލި ޖެހުމުން ނުރައްކާ ވުމުގެ ފުރުސަތު ބޮޑު މީހުން އިންފްލުއެންޒާއިން ރައްކާތެރިވުމަށް ވެކްސިން ޖެހުމަށް އިލްތިމާސްކުރައްވައެވެ. އަދި މި ފަރާތްތައް ރޯގާ ޖެހި ހުން އަންނަ ނަމަ ޑޮކްޓަރެއްގެ ލަފާ ހޯދުމަކީ މުހިއްމު ކަމެކެވެ. ބަލިވެގެން ޑޮކްޓަރަށް ދައްކާއިރު ބަލިމީހާ އާއެކު ވީހާ ވެސް މަދުމީހުން ހޮސްޕިޓަލަށް ދިއުމަށް އިލްތިމާސްކުރެއެވެ. ހަމައެހެންމެ، ބަލިމީހުންނަށް ޒިޔާރަތް ކުރުމަށް ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންނާއި މާބަނޑުމީހުން ނުދިއުމާއި، ކޮންމެހެން ހޮސްޕިޓަލަށް ދާންނުޖެހޭ ހާލަތްތަކުގައި މެނުވީ ހޮސްޕިޓަލަށް ދިއުން މަދުކުރުމަށް ވެސް ވަނީ އިލްތިމާސްކުރައްވާފައެވެ.
ޑެންގީއަކީ އީޑީޒް މަދިރީގެ ސަބަބުން ޖެހޭ ބައްޔެކެވެ. މަދިރީގެ ސަބަބުން ޖެހޭ ބަލިތަކުން ސަލާމަތްވުމަށް އެންމެ މުހިންމު ކަމަކީ މަދިރި ހެފުމުން ރައްކާތެރިވުމެވެ. މަދިރި ހެފުމުން ރައްކާތެރިވުމަށް، މަދިރި ލޯޝަން ބޭނުންކުރުމާއި މަދިރި ގިނަވާ ވަގުތުތަކުގައި ގޭގެ ދޮރުތައް ލައްޕާފައި ބެހެއްޓުމަކީ މުހިންމު ކަމެކެވެ. މިފަދަ ބަލިތައް ކަމަށް ޝައްކުކުރެވޭ އަލާމާތްތައް ފެންނަނަމަ ވީހާވެސް އަވަހަށް ޑޮކްޓަރަކަށް ދައްކައިގެން ފަރުވާ ހޯދުމަށް ކަމާ ބެހޭ މާހިރުން އިލްތިމާސްކުރެއެވެ.

