ވައިޓް ބަޓަން މަޝްރޫމް (White Button Mushroom – WBM) އަކީ ދުނިޔޭގައި އެންމެ އާންމުކޮށް ބޭނުންކުރާ މަޝްރޫމްގެ ބާވަތެވެ. މިއީ ހަށިގަނޑުގެ ސިއްހަތަށް ވަރަށް ގިނަ ފައިދާތަކެއް ލިބިގެންވާ ތަރުކާރީއެކެވެ. ޚާއްސަކޮށް އިންސާނާގެ ދިފާއީ ނިޒާމް ރަނގަޅު ސިއްހަތެއްގައި ބެހެއްޓުމަށް ވައިޓް ބަޓަން މަޝްރޫމް އަދާކުރާ ދައުރު ފާހަގަކޮށްލެވެއެވެ. މިއަދުގެ ފަތިސްތަރީގައި ވައިޓް ބަޓަން މަޝްރޫމް ގެ ސިއްހީ އަދި ނިއުޓްރިޝަނަލް ފައިދާތަކުގެ މައްޗަށް އަލިއަޅުވާލެވިފައިވާނެއެވެ.
ދިފާއީ ނިޒާމް ވަރުގަދަކުރުން
ވައިޓް ބަޓަން މަޝްރޫމަކީ ދިފާއީ ނިޒާމް ރަނގަޅު ކުރުމަށް ވަރަށް ބޮޑަށް އެހީތެރިވާ ކާނާއެކެވެ. ސައިންޓިފިކް ދިރާސާތަކުން ދައްކާ ގޮތުގައި ވައިޓް ބަޓަން މަޝްރޫމް ބޭނުންކުރުމަކީ ދިފާއީ ނިޒާމްގައި ހުންނަ ބަލިކަށި ސެލްތަކުގެ ބާރު ގަދަކޮށް، ބަލި އުފައްދާ ވައިރަސްތަކާ ހަނގުރާމަކުރުމަށް ބޭނުންވާ ޕްރޮޓީންސް އުފެއްދުން އިތުރުކޮށްދޭ ކަމެކެވެ. މީގެ ސަބަބުން ހަށިގަނޑަށް ވަންނަ ބަލިތަކާ ދެކޮޅަށް މަސައްކަތްކުރުމުގެ ބާރު އިތުރުވެ، އަވަހަށް ބަލިވުމުން ދުރުހެލިވެއެވެ. މަޝްރޫމް ގިނައިން ބޭނުންކުރުމަކީ ދިފާއީ ނިޒާމަށް ބޭނުންވާ ނިއުޓްރިޝަނަލް މާއްދާތައް ގިނައިން ލިބިދޭނެ ކަމެއް ކަމަށް ހޯދުންތަކުން ދައްކައެވެ.
ނިއުޓްރިޝަނަލް މުއްސަނދިކަން
WBM އަކީ ނިއުޓްރިޝަނަލް ގޮތުން މުއްސަނދި އެއްޗެކެވެ. އެހެނިހެން ތަރުކާރީއަށްވުރެ ގިނައިން ޕްރޮޓީންސް، ސެލެނިއަމް، ފޮސްފޯރަސް، އަދި ޕޮޓޭސިއަމް މި މަޝްރޫމްގައި އެކުލެވިގެންވެއެވެ. މީގެ އިތުރުން ވިޓަމިން ބީގެ ބާވަތްތައް (ޚާއްސަކޮށް ރައިބޯފްލޭވިން، ނިއަސިން އަދި ޕެންޓޮތެނިކް އެސިޑް) ވެސް ގިނައެވެ. މަޝްރޫމްތަކަކީ ވިޓަމިން ޑީ ލިބިދޭ މަދު ނޮން-އެނިމަލް މަސްދަރުތަކުގެ ތެރޭގައި ހިމެނޭ އެއްޗެކެވެ. މިއީ ކެލޮރީ މަދު، ފެނުގެ ބައި ގިނަ އެއްޗެއް ކަމުން ބަރުދަން ކޮންޓްރޯލް ކުރުމަށް ވެސް ވަރަށް ފައިދާހުރި ކާނާއެކެވެ.
ކެންސަރާ ދެކޮޅަށް މަސައްކަތްކުރުން
ވައިޓް ބަޓަން މަޝްރޫމްގެ އެންމެ މުހިންމު އެއް ސިއްހީ ފައިދާއަކީ ކެންސަރު އުފެދި ފެތުރުމުން ދުރުހެލިކޮށްދިނުމުގައި އެހީތެރިވުމެވެ. ތަހުލީލުތަކުން ދައްކާ ގޮތުގައި، ޚާއްސަކޮށް އުރަމަތީގެ ކެންސަރު އުފެދުމަށް އެހީތެރިވާ "އެރޮމެޓެސް" (Aromatase) އެންޒައިމް އުފެދުން ހުއްޓުވުމުގައި ވައިޓް ބަޓަން މަޝްރޫމް ވަރަށް ބޮޑަށް އެހީތެރިވެއެވެ. މީގެ އިތުރުން، މަޝްރޫމްގައި ހިމެނޭ އެންޓިއޮކްސިޑެންޓްސް (މިސާލަކަށް: އަރގޮތިއޮނައިން) އަކީ ހަށިގަނޑުގެ ސެލްތައް ހަލާކުވުމުން ދިފާއުކޮށް، ދިފާއީ ނިޒާމްގެ ކެންސަރާ ދެކޮޅަށް މަސައްކަތްކުރާ ބާރު އިތުރުކޮށްދޭ އެއްޗެކެވެ.
ވައިޓް ބަޓަން މަޝްރޫމަކީ ދިފާއީ ނިޒާމް ވަރުގަދަ ކުރުމާއި، ކެންސަރު ފަދަ ބޮޑެތި ބަލިތަކުން ދުރުހެލިވުމަށް އެހީތެރިވާ، ނިއުޓްރިޝަން ގިނަ ތަރުކާރީއެކެވެ. ސަލަޑާއި، ޕިއްޒާ، އަދި އެހެނިހެން ކެއުންތަކަށް މި މަޝްރޫމް އިތުރުކުރުމަކީ ސިއްހަތު ރަނގަޅުކޮށް، ދިރިއުޅުމުގެ ފެންވަރު ރަނގަޅު ކުރުމަށް ކުރެވޭނެ މުހިންމު ކަމެކެވެ.

