އައްޑޫ ސިޓީގައި ސިޒޭޜިއަނެއް ހެދުމުގެ ތެރޭގައި ދިމާވި ކުއްލި ހާލަތާ ގުޅިގެން ނިޔާވި ޒުވާނާގެ އާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތައުޒިޔާ ވިދާޅުވެއްޖެއެވެ.
މި ހާދިސާއަކީ މުޅި ގައުމަށް ފުން ހިތާމައެއް ގެނުވި ކަމެއްކަމަށް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ވިހެއުމުގެ ތެރޭގައި ކުއްލި ޙާލަތެއް މެދުވެރިވެ، އައްޑޫ ސިޓީގައި ޒުވާން އަންހެނަކު ނިޔާވުމަކީ، ފުން ހިތާމައާއި ނުތަނަވަސް އިޙްސާސްތަކެއް ކުރުވި ކަމެއް ކަމަށެވެ. އަދި އެ އަންހެން މީހާއަށް ޝަހީދެއްގެ ދަރަޖަ މާތްﷲ ގެ ހަޟްރަތުގައި ދެއްވައި ސުވަރުގޭގެ ދާއިމީ ނިޢުމަތާއި ރަޙުމަތް ލެއްވުން އެދި ދުޢާ ދަންނަވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުން އުފަންވި ތުއްތު ދަރިފުޅަށް އަވަސް ޝިފާއެއް ދެއްވުމަށާއި މަރުޙޫމާގެ އާއިލާއަށް ޖެތްތެރިކަން މިންވަރު ކުރެއްވުމަށް އެދި ރައީސުލްޖުމްހޫރިއްޔާ ވަނީ ދުޢާ ދަންނަވާފައެވެ.
އައްޑޫ ސިޓީގައި އިއްޔެ ވިހެއުމުގެ ތެރޭގައި ނިޔާވެފައިވަނީ އައްޑޫ ސިޓީ ކައުންސިލްގައި މަސައްކަތް ކުރަމުންދިޔަ ޢާއިޝަތު ނަޒާހަތު އަޙްމަދެވެ. އޭނާ ނިޔާވީ އައްޑޫގައި ހުންނަ އިންޓަނޭޝަނަލް މެޑިކަލް އެންޑް ޑައިގްނޯސްޓިކް ސެންޓަރު (އައިއެމްޑީސީ) ގައި ވިހެއުމަށް އެޑްމިޓްކޮށްފައި އޮތްވާ ހާލު ސީރިއަސްވެގެން ކަމަށް މައުލޫމާތު ލިބެއެވެ.
އައިއެމްޑީސީން ނެރުނު ބަޔާނެއްގައި ބުނީ އެ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ވިހެއުމުގެ ކަންތައްތައް ކުރިއަށް ގެންދިޔަ މާބަނޑު މީހާ އިއްޔެ ހެނދުނު ވިއްސަން ޝެޑިއުލްކޮށްފައި ވަނިކޮށް އާދީއްތަ ދުވަހުގެ ރޭ ފަތިހު ކުއްލިއަކަށް ހާލު ގޯސްވީ ކަމަށެވެ. ވިހެއުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދެމުން އައި އެ މީހާގެ ހާލު އެ ހާދިސާއާ ހަމައަށް ވެސް ރަނގަޅު ކަމަށާއި، ހާލު ގޯސްވާން ފެށިއިރު ބަލި މީހާގެ ފަރާތުން ފެނުނީ ކުރިން ނުފެންނަ ހާލަތެއްކަމުން ވަގުތުން އިމަޖެންސީގައި ފަރުވާދޭން ފެށި ކަމަށްވެސް އެ ބަޔާނުގައި ވެއެވެ. މާބަނޑު މީހާ އިމަޖެންސީގައި އޮޕަރޭޝަން ކުރަންޖެހި، އެ އޮޕަރޭޝަނުގައި ސަލާމަތް ކުރެވުނީ ދަރިފުޅު އެކަނި ކަމަށްވެސް ވަނީ އެ ހޮސްޕިޓަލުން ވަނީ ބުނެފައެވެ.
އައިއެމްޑީސީން ބުނީ މި މައްސަލަ ސިއްޙީ ވުޒާރާއާއި ގުޅުން ހުރި އެހެން އިދާރާތަކުންވެސް ބަލަމުން އަންނަ ކަމަށާއި، ތަހުގީގުތަކަށް ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށެވެ. މި ހާދިސާއާ ގުޅިގެން ސިއްހީ ޚިދުމަތްތަކުގެ ފެންވަރާއި ރައްކާތެރިކަމާ މެދު ސުވާލުތަކެއް އުފެދިފައިވާއިރު، ސަރުކާރުގެ އިދާރާތަކުން މިކަމަށް ޚާއްޞަ ސަމާލުކަމެއް ދީގެން ބަލާނެކަމަށް ބެލެވެއެވެ.

