އަންނަ ރަމަޟާން މަހަށް ރޯދަ ހަދިޔާ ބެހުމަށް ބޭނުންވާ ގޭބިސީތަކުގެ މަޢުލޫމާތު އެއްކުރުމުގެ މަސައްކަތުގެ 80 އިންސައްތަ ނިމިފައިވާ ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާއްމު މަސައްކަތްތަކާއި ބެހޭ ވުޒާރާއިން މިއަދު ވަނީ ހާމަކުރައްވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ނިންމެވުމަކީ، މިދިޔަ އަހަރެކޭ އެއްފަދައިން ކުރިއަށް އޮތް ރޯދަ މަހުވެސް ކޮންމެ ގޭބިސީއަކަށް މަސްދަޅު ކޭހެއް ރޯދަ ހަދިޔާގެ ގޮތުގައި ދިނުމެވެ.
މި މަސައްކަތް މިހާރު ކުރިއަށްދަނީ ރަށްރަށުގެ ކައުންސިލްތައް މެދުވެރިކޮށް ގޭބިސީތަކުގެ މަޢުލޫމާތު އެއްކުރުމުގެ ގޮތުގައެވެ. ރޯދަ ހަދިޔާ ދިނުމަށް ހަމަޖައްސާފައިވަނީ ގޭބިސީތަކުގެ ޢަދަދަށް ބެލުމަށްފަހުއެވެ. އެގޮތުން އެއް ގެއެއްގައި ގިނަ ގޭބިސީތަކެއް ދިރިއުޅޭނަމަ، އެ ހަދިޔާ ލިބުމަށްޓަކައި އެ ގޭބިސީތައް ވަކިވަކިން ރަޖިސްޓްރީ ކުރަން ޖެހޭނެއެވެ.
ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާއްމު މަސައްކަތްތަކާއި ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ މުހައްމަދު ރަފީޤު ވިދާޅުވީ، ކައުންސިލްތަކުން މަޢުލޫމާތު އެއްކުރުމަށްފަހު ވުޒާރާއަށް އަންގަމުންދާ ކަމަށާއި، މިހާރު މަސައްކަތުގެ 80 އިންސައްތަ ނިމިފައިވާ ކަމަށެވެ. މީގެ އިތުރުން ރަފީޤު ވިދާޅުވީ، އަތޮޅުތެރެއަށް ރޯދަ ހަދިޔާ ފޮނުވުމުގެ އިތުރަށް މާލެ ސަރަޙައްދުގައި ރޯދަ ހަދިޔާ ބެހުމަށް މިދިޔަ ފަހަރަށްވުރެ ރަނގަޅު އިންތިޒާމެއް ހަމަޖެއްސުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. “މިއަހަރު މަސްދަޅު ކޭސް ބަހަން ފަށާއިރުވެސް ދަތިތަކެއް ނެތި އެކަން ކުރެވޭނެ. އެކި އިދާރާތައް ގުޅިގެން މި މަސައްކަތް މިކުރަނީ. އެހެންވީމަ ކުރީ ފަހަރަށްވުރެ ރަނގަޅު އިންތިޒާމެއް ހަމަޖައްސައިގެން އެކަން ކުރެވޭނެ ކަމަށް މި ބަލަނީ.”
ރޯދަ ހަދިޔާގެ ގޮތުގައި ދޭ މަސްދަޅު ކޭސް އުފެއްދުމުގެ މަސައްކަތް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން މިހާރު ދަނީ ކުރަމުންނެވެ. މިފްކޯއިން ވިދާޅުވީ، މި މަސައްކަތް މިދިޔަ އޮކްޓޯބަރު މަހުގެ 27 ވަނަ ދުވަހު ފަށާފައިވާ ކަމަށާއި، މިހާތަނަށް 33 އިންސައްތަ ނިމިފައިވާ ކަމަށެވެ. އެ ކުންފުނީގެ އަމާޒަކީ ކުރިއަށް އޮތް ޖެނުއަރީ މަހުގެ ދެވަނަ ހަފްތާއަށް މަސްދަޅު އުފެއްދުމުގެ މަސައްކަތް ނިންމާލުމެވެ. މިފްކޯއިން ފާހަގަކުރެއްވި ގޮތުގައި، މި އަދަދު ކަނޑައަޅާފައިވަނީ މިދިޔަ ރޯދަ މަހު ދިން އަދަދަށް ރިޢާޔަތްކޮށް، ދުރާލާ ތައްޔާރުވުމަށްފަހުގައެވެ.
މިދިޔަ ރަމަޟާން މަހު ސަރުކާރުން ވަނީ ޖުމްލަ 111،231 މަސްދަޅު ކޭސް ރޯދަ ހަދިޔާގެ ގޮތުގައި ބަހާފައެވެ. އޭގެ ތެރޭގައި މާލޭ ސަރަޙައްދުގެ 50،519 ކޭހާއި، އަތޮޅުތެރޭގެ 60،712 ކޭސް ހިމެނެއެވެ. މަސްދަޅު ހަދިޔާގެ އިތުރުން، ކުރިއަށް އޮތް ރަމަޟާން މަހު ޑޮމެސްޓިކް ރޭޓުގައި ކަރަންޓު ބިލް ކުރާ ކޮންމެ ގޭބިސީއަކަށް ކަރަންޓު ބިލުން ޑިސްކައުންޓެއް ދިނުމަށްވެސް ސަރުކާރުން ވަނީ ނިންމަވާފައެވެ.

