ރައްޔިތުންގެ މަޖިލީހުން، ޤާނޫނު އަސާސީއަށް ހުށަހެޅުނު ދެ އިސްލާޙުގެ ތެރެއިން، މަޖިލީސް މެންބަރުންގެ ގޮނޑި ގެއްލުމާ ގުޅޭގޮތުން ހުށަހެޅުނު އިސްލާޙުގެ މާއްދާއެއް އުނިކޮށް، އަތޮޅު ކައުންސިލްތައް އުވާލުމަށް ހުށަހެޅުނު އިސްލާޙު ފާސްކޮށްފިއެވެ. މި އިސްލާޙު ފާސްވީ 75 މެންބަރުންގެ ވޯޓުންނެވެ.
މި ދެ އިސްލާޙު ސަރުކާރުގެ ފަރާތުން ޤާނޫނު އަސާސީއަށް ހުށަހެޅުއްވީ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާޢުއެވެ. ފުރަތަމަ އިސްލާޙުގައި ހުށަހަޅާފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު އޭނާ ނިސްބަތްވާ ޕާޓީން ވަކިކޮށްފި ހާލަތެއްގައި ގޮނޑިއާމެދު ގޮތެއް ނިންމުމަށް އެ މެންބަރެއްގެ ދާއިރާގެ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށެވެ. ދެވަނަ އިސްލާޙަކީ ޤާނޫނު އަސާސީއަށް ބަދަލު ގެނެސްގެން އަތޮޅު ކައުންސިލްތައް އުވާލުމާ ގުޅޭ އިސްލާޙެވެ.
މެންބަރުންގެ ގޮނޑި ގެއްލުމާ ގުޅޭގޮތުން ހުށަހެޅުނު އިސްލާޙަށް ގިނަ މެންބަރުން ތާއީދު ނުކުރެއްވިއެވެ. މިހާރު ޤާނޫނު އަސާސީގައިވާ ގޮތުން މެންބަރަކު ޕާޓީން ވަކިކުރާ ހާލަތެއްގައި އެ މެންބަރެއްގެ ގޮނޑި ގެއްލެއެވެ. މެންބަރުން ވިދާޅުވީ، ފެންނަ ނުފެންނަ ވޯޓެއް ނަގަން ޖެހިއްޖެނަމަ ދެފަހަރަށް އެއް ދާއިރާއެއްގައި އިންތިޚާބު ބާއްވަން ޖެހި ޚަރަދުތައް ބޮޑުވާނެ ކަމަށެވެ. މީގެ އިތުރުން މެންބަރުން ފާހަގަކުރެއްވީ، ރައްޔިތުން މެންބަރުން އިންތިޚާބު ކުރަނީ ވަކި ޕާޓީއަކަށް އިތުބާރު ކޮށްގެން ކަމަށްވާއިރު، ޕާޓީން ވަކިކުރާ ހާލަތުގައި ގޮނޑި ގެއްލުމަކީ އެންމެ ރަނގަޅު ގޮތް ކަމަށާއި، އޭގެ ބަދަލުގައި ދެވަނަ ފަހަރަށް އިންތިޚާބު ބާއްވައި ރައްޔިތުން ބޭނުންވާ މެންބަރަކު އިންތިޚާބު ކުރުމަކީ އެންމެ ރަނގަޅު ގޮތް ކަމަށެވެ. އެހެންކަމުން މުޅި މަޖިލީހުގެ ކޮމިޓީގައި މި މާއްދާ ވަނީ އުވާލަން ފާސްކޮށްފައެވެ.
ޤާނޫނު އަސާސީއަށް ހުށަހެޅުނު އިސްލާޙުތަކުގެ ތެރެއިން އަތޮޅު ކައުންސިލް އުވާލުމުގެ އިސްލާޙަށް ގިނަ މެންބަރުން ތާއީދު ކުރެއްވިއެވެ. މުޅި މަޖިލީހުގެ ކޮމިޓީން ނިންމީ މި އިސްލާޙު ފާސްކުރުމަށެވެ. ކޮމިޓީން ނިންމި ގޮތުގެ ރިޕޯޓް މަޖިލީހުގެ ތަޅުމަށް ހުށަހެޅުމަށްފަހު، މަޖިލީހުގެ 75 މެންބަރުންގެ ވޯޓާއެކު މި އިސްލާޙު ވަނީ ފާސްވެފައެވެ. މިއާއެކު ޤާނޫނު އަސާސީއަށް ބަދަލު ގެނެސް އަތޮޅު ކައުންސިލްތައް އުވާލުމުގެ މަގު ފަހިވެގެންދާނެއެވެ.

