ދިވެހިރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަން އިން، ދުނިޔޭގެ އެކި ކަންކޮޅުތަކަށް ހިދުމަތް ފުޅާކުރުމަށްޓަކައި، ހާންއެއާ (Hahn Air) އާ ގުޅިގެން މުހިންމު ޕާޓްނާޝިޕެއް ގާއިމުކޮށްފިއެވެ. މި އެއްބަސްވުމާއެކު، މޯލްޑިވިއަންއަކީ މިހާރު ދުނިޔޭގެ 350 އަށް ވުރެ ގިނަ އެއާލައިންތަކާ ގުޅިގެން މަސައްކަތްކުރާ ހާންއެއާގެ ބޮޑު ނެޓްވޯކްގެ ބައެކެވެ.
މި ޕާޓްނާޝިޕްގެ ދަށުން، މޯލްޑިވިއަންގެ ދަތުރުތައް މިހާރު ހާންއެއާ ޓެކްނޮލޮޖީސްގެ އެކްސް 1 ކޯޑުގެ ދަށުން، ދުނިޔޭގެ އެންމެ ބޮޑެތި ގްލޯބަލް ޑިސްޓްރިބިއުޝަން ސިސްޓަމްސް (ޖީޑީއެސް) ތަކުގައި ލިބެން ހުންނާނެއެވެ. މީގެ ސަބަބުން، ދުނިޔޭގެ 190 މާކެޓްގައި ހަރަކާތްތެރިވާ ޓްރެވަލް އޭޖެންޓުންނަށް، ސްޓެންޑާޑް ޖީޑީއެސް ޕްރޮސެސް ބޭނުންކޮށްގެން، އިންސޮލްވެންސީ-ސޭފް އެޗްއާރު-169 ޓިކެޓްތައް ބުކްކުރެވޭނެއެވެ.
މޯލްޑިވިއަނުން ބުނާގޮތުގައި މި ޕާޓްނަރޝިޕްގެ ސަބަބުން އެ ކުންފުނިން ފުޅާދާއިރާއެއްގައި ހިދުމަތް ފޯރުކޮށްދިނުމުގެ ގާބިލްކަން އިތުރުވެގެންދާނެއެވެ. އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުން ރާއްޖެއަށް އަންނަ ފަތުރުވެރިންނަށް އަދި ރާއްޖޭގެ ތެރޭގައި ކުރާ ދަތުރުތަކަށް ޓިކެޓް ހޯދުން އިތުރަށް ފަސޭހަވެގެންދާނެ ކަމަށް އެ ކުންފުނިން ފާހަގަކުރެއެވެ.
މޯލްޑިވިއަނުން ދެކޭގޮތުގައި، ހާންއެއާގެ ބޮޑު ނެޓްވޯކްގެ ފައިދާ ނަގާ، ދުނިޔޭގެ އެންމެ މަގުބޫލު މަންޒިލްތަކުގެ ތެރޭގައި ހިމެނޭ ރާއްޖެއަށް ދަތުރުކުރުމަށް ފަސޭހަ އަދި އިތުބާރު ހުރި ގޮތްތައް ފޯރުކޮށްދިނުމަށް މޯލްޑިވިއަންއިން ދެމުންދާ އިސްކަން މި އެއްބަސްވުމުގެ ސަބަބުން ވަރަށް ބޮޑަށް ވަރުގަދަވެގެންދާނެއެވެ. މި ޕާޓްނާޝިޕަކީ، މޯލްޑިވިއަނުން އެ ކުންފުނީގެ ދަތުރުތައް ބައިނަލްއަޤްވާމީ ގިނަ މަންޒިލްތަކަަށް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ މުހިންމު ފިޔަވަޅެކެވެ.

