މަސްތުވާތަކެއްޗާ ދެކޮޅަށް ދިވެހި ފުލުހުންގެ ޚިދުމަތުން ފެށި ޚާއްސަ އޮޕަރޭޝަން ކަމަށްވާ “އޮޕަރޭޝަން އަލިމަގު” ގައި މިހާތަނަށް 29.68 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށް ފުލުހުން މިއަދު ވަނީ ހާމަކޮށްފައެވެ. މި އޮޕަރޭޝަނަކީ މަސްތުވާތަކެތި ބޭނުންކޮށް އަދި އެތަކެތީގެ ވިޔަފާރިކުރާ ފަރާތްތަކާ ދެކޮޅަށް ފުޅާ ދާއިރާއެއްގައި ކުރިއަށްގެންދާ މަސައްކަތެކެވެ.
“އޮޕަރޭޝަން އަލިމަގު” އާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ވިދާޅުވީ، ރާއްޖޭގެ 5 ސަރަހައްދެއްގެ 39 ރަށެއްގައި މި އޮޕަރޭޝަން ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ. މަސްތުވާތަކެއްޗާ ދެކޮޅަށް ހިންގި މި ބޮޑު މަސައްކަތުގައި 500 ފުލުހުން ބައިވެރިވެފައިވެއެވެ.
މި އޮޕަރޭޝަނުގެ ތެރެއިން 105 ތަނެއް ބަލައި ފާސްކޮށްފައިވާއިރު، 110 މީހަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. މީގެ އިތުރުން، މަސްތުވާތަކެތި އުފުލުމަށް ބޭނުންކުރާ ކަމަށް ޝައްކުކުރެވޭ 1 ކަނޑު އުޅަނދާއި 9 އެއްގަމު އުޅަނދުވެސް ފުލުހުން ވަނީ ބަލައި ފާސްކޮށްފައެވެ.
ފުލުހުން ހާމަކުރެއްވި ގޮތުގައި، ހައްޔަރުކުރި މީހުންގެ ތެރެއިން 61 މީހެއްގެ ކުޑަކަމުދާ ތަކެތި ޓެސްޓްކުރިއިރު މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައިވެއެވެ. އަދި އެ މީހުން ކޯޓަށް ހާޒިރުކުރުމަށްފަހު 38 މީހެއްގެ ބަންދުގެ މުއްދަތު އިތުރުކުރިއިރު، އެ މީހުންގެ ތެރޭގައި ކުށުގެ ރެކޯޑު އޮންނަ ފަރާތްތައްވެސް ހިމެނޭ ކަމަށް ފުލުހުން ވިދާޅުވިއެވެ. ރެއިޑްކުރި ތަންތަނުން މަސްތުވާތަކެތީގެ އިތުރުން 188،959.84 ރުފިޔާގެ ފައިސާވެސް ވަނީ އަތުލައިގެންފައެވެ.
“އޮޕަރޭޝަން އަލިމަގު” ފަށާފައިވަނީ މި މަހުގެ 1 ވަނަ ދުވަހުން ފެށިގެންނެވެ. މި އޮޕަރޭޝަނުގެ ތެރެއިން މި މަހުގެ 13 ވަނަ ދުވަހު ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އެއް ވަގުތެއްގައި ތަންތަން ބަލައި ފާސްކުރުމުގެ ބޮޑު އޮޕަރޭޝަނެއް ވަނީ ހިންގާފައެވެ. ފުލުހުން ވިދާޅުވާ ގޮތުގައި މަސްތުވާތަކެއްޗާ ދެކޮޅަށް ކުރިއަށްގެންދާ މި އޮޕަރޭޝަން ކުރިއަށް އޮތް ދުވަސްތަކުގައިވެސް ހުއްޓުމެއްނެތި ކުރިއަށްދާނެއެވެ.

