ތ. ގުރައިދޫގައި އެއާޕޯޓު ހެދުމަށްޓަކައި ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް އެއްކޮށް ނިމިފައިވާ ކަމަށް ދިވެހިރާއްޖޭގެ އެންމެ ބޮޑު ކޮންޓްރެކްޓިން ކުންފުނި ކަމަށްވާ އެމްޓީސީސީން (މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ) މިއަދު ބުނެފިއެވެ. ބިން ހިއްކުމުގެ މަސައްކަތް ނިމުމާއެކު، މިހާރު ކުރިއަށް ދަނީ އެ ސަރަހައްދުގައި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތުގެ ތެރޭގައި ހިމެނޭ ޖިއޯ ބޭގް އިންސްޓޮލޭޝަންގެ މަސައްކަތްތަކެވެ.
އެމްޓީސީސީން މި މަޝްރޫއުގެ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފެށީ މިދިޔަ އަހަރުގެ ތެރޭގައެވެ. 106.02 މިލިއަން ރުފިޔާގެ މި މަޝްރޫއުގެ ދަށުން ޖުމްލަ 13 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތުގެ ގޮތުގައި 979 މީޓަރުގެ ސަރަހައްދެއްގައި ހިލަ ރެވެޓްމެންޓް ޖެހުމާއި، 609 މީޓަރުގެ ސަރަހައްދެއްގައި ޖިއޯބޭގް ރިވެޓްމެންޓް ޖެހުމަށްވެސް ވަނީ ނިންމާފައެވެ.
2272 މީހުންގެ އާބާދީއެއް އޮންނަ ތ. ގުރައިދޫއަކީ އަތޮޅުގެ ވިޔަފާރީގެ މުހިންމު މަރުކަޒެކެވެ. މި ރަށުގެ ރައްޔިތުން އާމްދަނީ ހޯދުމަށް މަސްވެރިކަމާއި، ދަނޑުވެރިކަމާއި، ފަން ވިޔުމުގެ އިތުރުން ފަތުރުވެރިކަމުގެ ދާއިރާގައިވެސް މަސައްކަތްކުރެއެވެ. އެހެންކަމުން، ގުރައިދޫގައި އެއާޕޯޓެއް ގާއިމުވުމަކީ އެ ރަށު ރައްޔިތުން ދެކެމުން އައި ހުވަފެނެކެވެ.
އެމްޓީސީސީން ވިދާޅުވާ ގޮތުގައި މި އެއާޕޯޓާއެކު ގުރައިދޫގައި ގެސްޓް ހައުސް ވިޔަފާރިއަށް ބޮޑެތި ކުރިއެރުންތައް ލިބިގެންދާނެއެވެ. އަދި މުޅި ތ. އަތޮޅަށް އިގްތިސާދީ އަދި އިޖްތިމާއީ ގިނަ ފައިދާތަކެއް ލިބިގެންދާނެ ކަމަށް އެ ކުންފުނިން ވަނީ ފާހަގަކޮށްފައެވެ. މި މަޝްރޫއުގެ ސަބަބުން އެ ސަރަހައްދުގައި ފަތުރުވެރިކަން އިތުރަށް ތަރައްގީވެ، ރައްޔިތުންގެ ދިރިއުޅުމަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށްވެސް އެމްޓީސީސީން ބުނެއެވެ.
1980 ވަނަ އަހަރު އުފެދުނު އެމްޓީސީސީން ވަނީ ވޭތުވެދިޔަ 44 އަހަރު ތެރޭގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގިނަ މަޝްރޫއުތަކެއް ކާމިޔާބުކަމާއެކު ނިންމާފައެވެ. ރާއްޖޭގެ އުމްރާނީ ތަރައްގީ އާއި އިޖުތިމާއީ ވަސީލަތްތައް ބިނާކުރުމުގައި އެމްޓީސީސީން މުހިންމު ދައުރެއް އަދާކުރަމުންދާ ކަމަށް އެ ކުންފުނިން ބުނެއެވެ.

