ގއ. ގެމަނަފުށީގައި އިމާރާތް ކުރާ މިސްކިތުގެ މަސައްކަތްތަކުގެ އަދާހަމަ ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ދީފިއެވެ. މި މަސައްކަތްތައް އަވަސްކުރުމަށް އިސްލާމިކް މިނިސްޓްރީން އާރްޑީސީއާ ހަވާލުކޮށްފައިވަނީ މިދިޔަ ސަރުކާރުން ފެށިގެން ވެސް މަސައްކަތްތައް ލަސްވެ، ގިނަ ބައިތައް ނުނިމި ހުރުމާ ގުޅިގެންނެވެ.
އާރްޑީސީއިން މިއަދު މީޑިއާތަކަށް މައުލޫމާތު ދެމުން ބުނީ، ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމްގެ ދަށުން ގެމަނަފުށީގައި އިމާރާތް ކުރުމަށް ހަމަޖެހިފައިވާ މިސްކިތުގެ މަސައްކަތްތަކުގެ ތެރެއިން ފެންސު ޖެހުމުގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ. މި މަސައްކަތް ކުރިން ހަވާލުކޮށްފައިވަނީ އީވޯސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެވެ. ނަމަވެސް އެކި ސަބަބުތަކާ ހުރެ މަސައްކަތް ވަރަށް ބޮޑަށް ލަސްވެފައިވާތީ، 5 އޮގަސްޓް 2025 ގައި މިސްކިތުގެ ބާކީ މަސައްކަތްތައް ނިންމުމަށް އާރްޑީސީއާ ވަނީ ހަވާލުކޮށްފައެވެ.
ގެމަނަފުށީގައި އިމާރާތް ކުރަމުންދަނީ 300 މީހުންގެ ޖާގައިގެ މިސްކިތެކެވެ. މި މަޝްރޫޢުގެ ދަށުން މިސްކިތުގެ މަސައްކަތް އެއްކޮށް ނިމޭއިރު ވުޟޫކުރާނެ ބަޔަކާއި، މުންނާރު، މިސްކިތުގެ ލޭންޑްސްކޭޕިންގ އަދި ވަށާފާރުގެ މަސައްކަތް ވެސް ނިމިގެންދާނެއެވެ. މީގެ އިތުރުން މި މިސްކިތުގައި ސޯލާރ ޕެނަލް ހަރުކުރާ ގޮތަށް ވެސް ވަނީ ހަމަޖެހިފައެވެ.
މި މަޝްރޫޢަކީ 7،780،395.62 ރުފިޔާއަށް އާރްޑީސީއާ ހަވާލުކޮށްފައިވާ މަސައްކަތެކެވެ. މި މަސައްކަތް އެއްކޮށް ނިންމުމަށް ކުންފުންޏަށް ދީފައިވަނީ 240 ދުވަހުގެ މުއްދަތެކެވެ. އާރްޑީސީއިން މިހާރު މަސައްކަތްތައް ފަށާފައިވާއިރު، ގެމަނަފުށީ ރައްޔިތުންނަށް މިސްކިތުގެ ޚިދުމަތް އަވަހަށް ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށް އެ ކުންފުނިން ބުނެއެވެ.

