އާސަންދަ ސްކީމްގެ ދަށުން އައިނު ހެއްދުމަށް ދޫކުރާ އެހީގެ އަދަދު 2،000ރ. އަށް ބޮޑުކުރި ފަހުން، މިދިޔަ ފަސް މަސް ދުވަހުގެ ތެރޭގައި 24،000 އަށްވުރެ ގިނަ މީހުން މި ހިދުމަތް ބޭނުންކޮށްފިއެވެ. މީގެ ކުރިން އައިނު ހެއްދުމަށް އާސަންދައިން ދޫކުރަމުން ގޮސްފައި ވަނީ 1،000ރ. އެވެ.
ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން މިއަދު ހާމަކުރެއްވި ގޮތުގައި، ދެ އަހަރުން އެއް އަހަރު ދޭ އައިނު ހެއްދުމުގެ އެހީ މުރާޖައާކޮށް 2،000ރ. އަށް އިތުރުކުރެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން މި އަހަރުގެ ޖޫން މަހުން ފެށިގެންނެވެ. އެންސްޕާއިން ވިދާޅުވީ، މި ބަދަލާއެކު ރައްޔިތުންނަށް ލިބޭ ލުއިފަސޭހަ ކަން އިތުރުވެފައިވާ ކަމަށެވެ.
އެންސްޕާއިން ދެއްވި ތަފާސްހިސާބުތަކަށް ބަލާއިރު، ޖޫން މަހުން ފެށިގެން އޮކްޓޯބަރު މަހުގެ ނިޔަލަށް ޖުމްލަ 24،499 މީހަކަށް އައިނު ހައްދާދިނުމުގެ ހިދުމަތް ފޯރުކޮށްދީފައިވެއެވެ. މިއީ އާސަންދައިގެ ތާރީހުގައި ކުރު މުއްދަތެއްގެ ތެރޭގައި މި ހިދުމަތް ބޭނުންކުރި މީހުންގެ އެންމެ ބޮޑު އެއް އަދަދެވެ.
މި މުއްދަތުގެ ތެރޭގައި، ސަރުކާރު ހޮސްޕިޓަލުތަކުން 7،382 ފަރާތަކަށް އައިނު ހައްދާދިނުމަށް ޖުމްލަ 14،764،000ރ. ހޭދަވެފައިވެއެވެ. އަދި ޕްރައިވެޓް ހިދުމަތްދޭ ފަރާތްތަކުން 17،117 ފަރާތަކަށް އައިނު ހައްދާދީފައިވާއިރު، މިކަމަށް އާސަންދައިން ދޫކުރި ފައިސާގެ ޖުމްލަ އަދަދު 32،668،401.71ރ. އަށް އަރައެވެ.
ޖުމްލަ ގޮތެއްގައި، މި ފަސް މަސް ދުވަހުގެ ތެރޭގައި އައިނު ހެއްދުމަށް އާސަންދައިން 47 މިލިއަން ރުފިޔާއަށްވުރެ ގިނަ ފައިސާ ހޭދަކޮށްފައިވާކަން މި ތަފާސްހިސާބުތަކުން ދައްކައެވެ. މިއީ ރައްޔިތުންނަށް ލުއިފަސޭހަ ގޮތަކަށް ޞިއްޙީ ހިދުމަތްތައް ފޯރުކޮށްދިނުމަށް ސަރުކާރުން ދެއްވާ އަހަންމިއްޔަތުކަން ރަމްޒުކޮށްދޭ އަދަދެކެވެ.

