މާލޭގެ އިމާރާތަކުން ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލައިގައި ހައްޔަރުކުރި ރައުދު އަހުމަދު ޒިލާލަށް ހުކުމް އިއްވަން މިއަދު މެންދުރު 13:00 އަށް ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފިއެވެ. މި މައްސަލަ ނިންމާފައިވަނީ ދައުލަތާ އެކު އިއުތިރާފް އެއްބަސްވުމެއް ހަދާފައިވާތީ، އަވަސް ނިޔާގެ މައްސަލައެއްގެ ގޮތުގައެވެ.
ޔުމްނު ވެއްޓުނު ހާދިސާ ހިނގާފައިވަނީ މިދިޔަ އޭޕްރީލް މަހުގެ 18 ވަނަ ދުވަހުގެ ރޭ، ހ. ފެންޓެނޯއީ ގެއިން ހ. މިޓާޒްގޭގެ ފުރާޅު މައްޗަށެވެ. އެ ހާދިސާއަށް ފަހު ޔުމްނުއަށް ފުރަތަމަ ފަރުވާ ދިނީ އައިޖީއެމްއެޗްގައި ވެންޓިލޭޓަރުގައެވެ. އޭގެ ފަހުން އޭނާ އިތުރު ފަރުވާއަށް މެލޭޝިއާއަށް ފޮނުވާފައިވާއިރު، ސަރުކާރުން ވެސް ވަނީ އެކަމަށް އެހީތެރިކަން ފޯރުކޮށްދީފައެވެ.
ރައުދުގެ މައްޗަށް ދައުލަތުން ދައުވާ ކުރީ “އެހީއަށް ބޭނުންވެފައިވާ މީހަކަށް އެކަށީގެންވާ ސަބަބެއް ނެތި އެހީތެރިކަން ފޯރުކޮށް ނުދިނުމުގެ” ދައުވާއެވެ. މިދިޔަ ބުދަ ދުވަހު ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމުގައި ރައުދު ވަނީ މި ދައުވާއަށް އިއުތިރާފްވެފައެވެ. ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހުން މި މައްސަލަ ކްރިމިނަލް ކޯޓަށް ހުށަހެޅީ ޖޫން 4 ވަނަ ދުވަހުއެވެ.
ޕީޖީ އޮފީހުން ބުނެފައިވާ ގޮތުގައި، ދައުވާ އުފުލަނީ 18 އެޕްރީލް 2025 ގައި 04:54 އެހައިކަށްހާއިރު ހ. ފެންޓެނޯއީ ގޭގެ 9 ވަނަ ފަންގިފިލާގެ ސިޑި ގޮޅީގައި ހުންނަ ފެން ލައިޓުން (ކުޑަދޮރަކުން) ހ. މިޓާޒް ގޭގެ ފުރާޅު މައްޗަށް ޔުމްނު ވެއްޓުނުކަން އެނގިހުރެ، އޭނާއަށް އެހީތެރިވެދީފައި ނުވާތީއާއި، އޭނާއަށް އެހީތެރިކަން ހޯދުމަށް އެދި ކަމާ ގުޅުންހުރި އެއްވެސް އިދާރާއަކަށް ރިޕޯޓުކޮށްފައިނުވާތީއެވެ. މި ކުށުގެ ދައުވާ ރައުދުގެ މައްޗަށް ސާބިތުވެއްޖެނަމަ އަންނާނީ 1 މަހާއި 6 ދުވަހަށް ޖަލު ހުކުމެކެވެ.
އުމުރުން 22 އަހަރުގެ ރައުދު، މި މައްސަލައާ ގުޅިގެން އޭޕްރީލް މަހުގެ 24 ވަނަ ދުވަހު ހައްޔަރުކުރިއިރު، އޭނާގެ މައްޗަށް ތުހުމަތުކުރެވުނީ ޔުމްނު ވެއްޓުމުގައި ބައިވެރިވުން އޮތުމާއި، ހާދިސާ ހިނގި ވަގުތު މަސްތުގެ ހާލަތުގައި ހުރުމާއި، ޖިންސީ ބޭނުންހިފުމުގެ ކުށަށް އަރައިގަތުުމުގެ ތުހުމަތުގައެވެ. ނަމަވެސް، މިހާރު އޭނާ ވަނީ ދޫކޮށްލާފައެވެ.

