ސްރީލަންކާގެ ޓްރިންކޮމޮލީގެ ކިނިޔާ ސަރަހައްދުގައި ދަތުރުކުރަމުންދިޔަ ފެރީއެއް އަޑިޔަށް ގޮސް ދަރިވަރުންތަކަކާއި އާންމުންގެ ބަޔަކު މަރުވެއްޖެއެވެ.
އެޤައުމުގެ މީޑިޔާ ރިޕޯޓްތަކުގައި ބުނާގޮތުގައި ސްރީލަންކާގެ އިރުމަތީގައި އޮންނަ ޓްރިންކޮމޮލީގެ ކިނިޔާ ސަރަހައްދުގައި ފެރީއެއް އަޑިޔަށް ގޮސް ހަތަރު ދަރިވަރުންނާއި އާންމުންގެ ހަމީހަކު މަރުވެފައިވާ ކަމަށާއި އެފެރީން ދަތުރުކުރަމުން ދިޔަ ބައެއް މީހުން އަދިވެސް ނުފެންނަ ކަމަށެވެ.
އެފެރީއަކީ ފަސެންޖަރުން ގޮވައިގެން ދަތުރުކުރި ފެރީއެއް ކަމުން އޭގެން ދަތުރުކުރި މީހުންގެ ތެރެއިން 11 މީހުންނަށް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށާއި ފެރީއިން ދަތުރު ކުރި ފަސިންޖަރުންގެ އަދަދު ކަށަވަރުކޮށް ބުނަން ނޭގޭ ކަމަށް ރިޕޯޓްތަކުގައި ހާމަކޮށްފައިވެއެވެ. ބައެއް މީޑީޔާތަކުން ހާމަކުރާ ގޮތުގައި އެއް ސްކޫލެއްގެ 20 ދަރިވަރަކު އެފެރީން ދަތުރުކުރަމުން ދިޔައެވެ. ޗުއްޓީ ހޭދަކުރަން އެކުދިން ކުރި ދަތުރުވެގެން ދިޔައީ ބައެއް ކުދިންގެ އެންމެ ފަހު ދަތުރަށެވެ.
ލަންކާ ސިފައިންގެ ޑައިވަރުން މިހާރު ވަނީ ފެރީ އަޑިއަށް ދިޔަ ސަރަހައްދަށް ޑައިވް ކޮށްގެން މީހުން ހޯދުމުގެ މަސައްކަތް ފަށާފައެވެ. އަދި އެފެރީ އަޑިޔަށް ދާން މެދުވެރިވި ސަބަބެއް ހާމަކޮށްފައިނުވެއެވެ.
ލަންކާ އަކީ ގިނަ ދިވެހިން ދިރިއުޅެމުން އަންނަ ޤައުމެކެވެ. އެހެންނަމަވެސް މިހާދިސާގައި އެއްވެސް ދިވެއްސަކު ނުހިމެނެއެވެ.

