މިދިޔަ އަހަރުގެ ޖޫން މަހުގެ 24 ފެށިގެން މިހާތަނަށް ދިވެހި 200 ސީމަނުންނަށް ސީފެއަރަސް އައިޑެންޓިޓީ ޑޮކިއުމަންޓް ދޫކޮށްފި ކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާއި ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ. މިކަމުގެ ސަބަބުން ދިވެހި ސީމަނުންނަށް ބައިނަލްއަޤްވާމީ ފެންވަރުގައި މަސައްކަތް ކުރުމުގެ ފުރުޞަތު ފުޅާވެގެން ގޮސްފައިވާ ކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.
ވުޒާރާއިން ނެރުނު ޚާއްސަ ފޮތެއްގައި، ފާއިތުވި ދެ އަހަރުގެ ކާމިޔާބީތައް ހިމަނައި، އެސް.އައި.ޑީ ދޫކުރުމުގެ މުހިންމުކަން ފާހަގަކޮށްފައިވެއެވެ. 2016 ވަނަ އަހަރުން ފެށިގެން އައި.އެލް.އޯގެ މެރިޓައިމް ލޭބަރ ކޮންވެންޝަނުން ސީމަނުންނަށް ދޫކުރުން ލާޒިމްކުރާ އެސް.އައި.ޑީ، 2024 ވަނަ އަހަރުގެ ޖޫން މަހާއި ހަމައަށް ދިވެހި ސީމަނުންނަށް ދޫކޮށްފައިނުވާތީ، މި ސިނާޢަތުގައި މަސައްކަތް ކުރާ ގިނަ ދިވެހިންނަށް ބޯޓު ދަތުރުކުރާ ލައިނަރތަކުގެ ވަޒީފާތަކަށް ދިއުމުގެ ފުރުޞަތު ގެއްލިފައި އޮތް ކަމަށް ވުޒާރާއިން ބުނެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޚާއްސަ އިސްނެންގެވުމާއެކު މި މައްސަލައަށް ޙައްލެއް ހޯދައި، 2024 ވަނަ އަހަރުގެ ޖޫންމަހުގެ 24 ވަނަ ދުވަހުން ފެށިގެން ދިވެހި ސީމަނުންނަށް އައި.އެމް.އޯއާއި އައި.އެލް.އޯ ޤަބޫލުކުރާ ފެންވަރުގެ އެސް.އައި.ޑީ ދޫކުރަން ފެށުނެވެ. މި ޑޮކިއުމަންޓްގެ ސަބަބުން ދިވެހި ސީމަނުންނަށް ރާއްޖެއިން ބޭރުގެ ބޯޓު ފަހަރުގައި މަސައްކަތް ކުރުމުގެ ފުރުޞަތު ފަހިވެ، އާމްދަނީ ހޯދޭނެ އިތުރު މަގުތައް ހުޅުވިގެންދާނެ ކަމަށް ވުޒާރާއިން ވިދާޅުވިއެވެ.
މީގެ ކުރިން އެސް.އައި.ޑީ ނެތުމުގެ ސަބަބުން ދިވެހި ސީމަނުންނަށް ބޮޑެތި ދަތިތަކާ ކުރިމަތިލާން ޖެހުނެވެ. ބައެއް ޤައުމުތަކުން އެސް.އައި.ޑީ ނެތުމުގެ ސަބަބުން ދިވެހި ސީމަނުން އެތެރެވިޔަ ނުދީ އަނބުރާ ފޮނުވާލާފައިވާއިރު، ބައެއް ޙާލަތްތަކުގައި ބޮޑެތި ޖޫރިމަނާތައްވެސް ކޮށްފައިވެއެވެ. އަދި 2023 ވަނަ އަހަރުގެ ފަހުކޮޅު ސީމަނުން ރެކްރޫޓް ކުރާ ކުންފުނިތަކުން ދިވެހިންނަށް ވަޒީފާ ދިނުން ހުއްޓާލުމުގެ ސަބަބުން ގިނަ ބައެއްގެ ވަޒީފާ ގެއްލިގެން ދިޔައެވެ. ރައީސް މުޢިއްޒުގެ އިސްނެންގެވުމާއެކު މި ސިނާޢަތަށް އަލުން ދިރުމެއް ގެނެސްދެވިފައިވާ ކަމަށް ވުޒާރާއިން ފާހަގަކުރެއެވެ.
މީގެ އިތުރުން، ނިއަރ ކޯސްޓަލް އޭރިޔާގައި ދަތުރުކުރާ އާގު ބޯޓުފަހަރުގައި މަސައްކަތް ކުރާ މީހުންނަށް ފުރުޞަތު އިތުރުކުރުމަށްޓަކައި ސެޓްފިކެޓް އޮފް ކޮމްޕިޓެންސީ (ސީއޯސީ) ދޫކުރަންވެސް ވަނީ ފަށާފައެވެ. މި ބަދަލުގެ ތެރެއިން ސެޓްފިކެޓް 3 އިން މެރިން އޮޕަރޭޝަންސް ނުވަތަ ސެޓްފިކެޓް 3 އިން މެރިން އިންޖިނިއަރިންގ ފުރިހަމަކޮށްފައިވާ ފަރާތްތަކަށް އޯރަލް އިމްތިހާނަށްފަހު ސީއޯސީ ދޫކުރެވޭނެއެވެ. މި ފުރުޞަތުގެ ދަށުން މިދިޔަ 2 އަހަރުގެ ތެރޭގައި 14 ޑެކް ސީއޯސީ ސެޓްފިކެޓް ދޫކޮށްފައިވެއެވެ. މިކަމުގެ ސަބަބުން ކޯސްޓަލް ބަނދަރުތަކަށް ދަތުރުކުރާ ބޯޓު ފަހަރުގެ އޮފިސަރުންގެ ވަޒީފާގެ ފުރުޞަތުތައް ދިވެހި ސީމަނުންނަށް ލިބޭނެ ކަމަށް ވުޒާރާއިން ވިދާޅުވިއެވެ.

