ސަރުކާރުން ފަށާ ޓެކްސީ ލައިންގެ ޚިދުމަތަކީ ޓެކްސީ ޑްރައިވަރުންގެ ވިޔަފާރި އަތުލުން ނޫންކަމަށާއި، އެންމެ މުހިއްމު ބޭނުމަކީ މާލެ ސަރަޙައްދުގައި ފެންވަރު ރަނގަޅު ޓެކްސީ ޚިދުމަތެއް ފޯރުކޮށްދިނުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ރޭ އަމީނިއްޔާ ސްކޫލުގައި މަންޗަންގޮޅި ރައްޔިތުންނާ ބަދަލުކުރުމަށް ބޭއްވި ރަސްމިއްޔާތެއްގައެވެ. ސަރުކާރުން ޓެކްސީ ލައިން ފެށުމާ ގުޅިގެން ޓެކްސީ ޑްރައިވަރުންގެ ކަންބޮޑުވުންތައް ހާމަވެފައިވާ ދަނޑިވަޅެއްގައި، ރައީސް މުޢިއްޒު ވަނީ އެކަމަށް ޖަވާބު ދެއްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ސަރުކާރުގެ އެ މަސައްކަތުގެ މަޤްޞަދަކީ މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ޓެކްސީ ޚިދުމަތުގެ އެންމެ ރަނގަޅު ފެންވަރު (ބެސްޓް ސަރވިސް) ލިބުން ކަމަށެވެ. “ސަރުކާރުން މި ފަށާ ޓެކްސީ ލައިނަކީ އެއްގޮތަކަށް ޓެކްސީ ޑްރައިވަރުންގެ ވިޔަފާރި އަތުލުމެއް ނޫން. އަޅުގަނޑުމެން ބޭނުންވަނީ ބެސްޓް ސަރވިސް މާލޭގަ ދިރިއުޅޭ ރައްޔިތުންނަށް ޓެކްސީ ޚިދުމަތުން ލިބެން،” ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މާލޭގައި ޓެކްސީ ލައިންގެ ޚިދުމަތް ކުރިއަށްގެންދާނީ އެމްޓީސީސީންނެވެ. މި މަސައްކަތަށް 407 ޑްރައިވަރުން ހޯދުމަށް އެ ކުންފުނިން މިހާރު ވަނީ އިޢުލާނުކޮށްފައެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި ގޮތުގައި، މި ޚިދުމަތަށް 150 އީ-ވެހިކަލް (އިލެކްޓްރިކް ކާރު) ގެނައުމަށް ތައްޔާރުވެފައިވާއިރު، އެ ވެހިކަލްތައް ޖަނަވަރީ ނުވަތަ ފެބްރުވަރީ މަސް ތެރޭގައި ރާއްޖެ ގެނެވޭނެއެވެ. ޑްރައިވަރުން ނެގުމުގައި، މިހާރު އެ މަސައްކަތްކުރާ ފަރާތްތަކަށް އިސްކަންދެއްވާނެކަމަށް ވެސް ރައީސް މުޢިއްޒު ވިދާޅުވިއެވެ.
ރައީސް މުޢިއްޒު ވިދާޅުވީ، މިހާރު ޑްރައިވަރުންގެ ޝަކުވާއަކަށްވެފައި އޮންނަނީ އެއްވަރެއްގެ އާމްދަނީއެއް ނުލިބުން ކަމަށެވެ. ނަމަވެސް، މި ހުޅުވާލި ފުރުޞަތާއެކު މަހަކު ނުވަތަ ހަފްތާއަކު ލިބެންޖެހޭ އާމްދަނީ ޑްރައިވަރުންނަށް ޤަވާއިދުން ލިބި، އާއިލާއާއެކު ވަގުތު ހޭދަކުރާނެ ވަގުތު ލިބި، އަބުރުވެރި ދިރިއުޅުމެއް އުޅުމުގެ ފުރުޞަތު ލިބިގެންދާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި، މި ޚިދުމަތުގެ ސަބަބުން ޓެކްސީއަށް އަރާ ފަރާތްތަކަށް ރަނގަޅު ޚިދުމަތެއް ލިބިގެންދާނެކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މާލޭގައި އެއްގަމު ދަތުރުފަތުރު ކުރުމަށް ކާރު ހޯދުމަކީ މިހާރު ގޮންޖެހުން ބޮޑު ކަމެކެވެ. އެތައް ބަޔަކަށް ޚިދުމަތް ނުލިބޭތީ ރައްޔިތުންގެ ކަންބޮޑުވުން ބޮޑުވެފައިވާއިރު، ސަރުކާރުން ވަނީ މިކަމަށް ޚާއްޞަ އެޕްލިކޭޝަނަކާއެކު 24 ގަޑިއިރު ކާރުގެ ޚިދުމަތް ލިބޭނެ އިންތިޒާމު ހަމަޖައްސާނެކަމަށް ބުނެފައެވެ. ރައީސުލްޖުމްހޫރިއްޔާ މަންޗަންގޮޅި ރައްޔިތުންނާ ބައްދަލުކުރެއްވި މި ރަސްމިއްޔާތުގައި، އަވަށަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، ވަޒީރުންގެ އިތުރުން ކުންފުނިތަކުގެ ވެރިން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

