ހުޅުމާލޭގައި ޢިމާރާތް ކުރުމަށް ހަމަޖެހިފައިވާ “ދާރުއްސަލާމް” ވަޤްފު އިމާރާތުގެ ބިންގާ ރައީސް ޑރ މުހައްމަދު މުއިއްޒު އަޅުއްވައި ދެއްވައިފިއެވެ. މި މަޝްރޫޢަކީ ރާއްޖޭގެ އިސްލާމީ ދާއިރާއަށް މާލީ ގޮތުން ބޮޑެތި ކުރިއެރުންތަކެއް ހޯދައިދިނުމަށް ސަރުކާރުން އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ދަށުން ކުރިއަށް ގެންދާ މުހިއްމު މަޝްރޫޢެކެވެ.
ދާރުއްސަލާމް ވަޤުފް އިމާރާތް ޢިމާރާތް ކުރުމުގެ މަސައްކަތް ސަރުކާރުން ޙަވާލުކޮށްފައިވަނީ ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރުއާރުސީ) އާއެވެ. މި އިމާރާތް އަޅަނީ ހުޅުމާލޭގެ ޕްލޮޓް ނަންބަރު 11646 (އަމީން އެވެނިއު ކުރިމަތީ)ގައި އޮންނަ ބިމުގައެވެ. ޒަމާނީ ވަސީލަތްތަކާއެކު 12 ފަންގިފިލާއަށް އިމާރާތް ކުރުމަށް ހަމަޖެހިފައިވާއިރު، ބޭސްމަންޓުގައި ޕާކިންގ ސަރަޙައްދެއް އަދި ގްރައުންޑް ފްލޯގައި ރިސެޕްޝަން އާއި އިތުރު ޕާކިންގ ވަސީލަތްތައް ޤާއިމްކުރެވޭނެއެވެ.
މި ޢިމާރާތުގެ 2 ވަނަ އަދި 11 ވަނަ ފަންގިފިލާގައި ބޮޑު ކޮންފަރެންސް ހޯލެއް ޤާއިމްކުރުމަށް ހަމަޖެހިފައިވެއެވެ. ދެން ހުރި ފަންގިފިލާތަކުގައި ޒަމާނީ އޮފީސް ބައިތަކާއި، ބައްދަލުވުންތަކަށް ޚާއްސަ ކޮޓަރިތަކުގެ އިތުރުން ނަމާދުކުރާ ކޮޓަރިއެއްވެސް ހިމެނެއެވެ. މީގެއިތުރުން، ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ފަސޭހަވާނެ ގޮތަށް ލިފްޓުތަކާއި ވަދެނިކުމެވޭނެ އިންތިޒާމްތައް ޤާއިމްކުރުމަށް ވަނީ ހަމަޖެހިފައެވެ. މި ޢިމާރާތުގައި ޑޭ ކެއަރ ސެންޓަރެއް ތަރައްޤީ ކުރުމަށްވެސް ހަމަޖެހިފައިވާއިރު، ރޫފް ޓޮޕް ޤާއިމްކުރެވޭނީ އޯޕަން ޓެރަސްއެއްގެ ގޮތުގައެވެ.
244 މިލިޔަން ރުފިޔާ ޚަރަދުކޮށްގެން ހިންގާ މި މަޝްރޫޢު ނިންމުމަށް 24 މަސް ދުވަހުގެ މުއްދަތެއް ކަނޑައަޅާފައިވެއެވެ. މި މަޝްރޫޢުއަކީ ބޭންކް އޮފް މޯލްޑިވްސް އިސްލާމިކް ފައިނޭންސިންގގެ ދަށުން ކުރިއަށް ގެންދާ މަސައްކަތެކެވެ. ކޮންސްޓްރަކްޝަން ނިމުމަށްފަހު، 5 އަހަރު ދުވަހުގެ މުއްދަތަށް އިމާރާތުގެ މެއިންޓެނަންސް މަސައްކަތް އާރުއާރުސީއިން ކުރިއަށް ގެންދާ ގޮތަށް ވަނީ ހަމަޖެހިފައެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ލަފާކުރާ ގޮތުގައި، މި އިމާރާތުން އަހަރަކު 52 މިލިޔަނަށްވުރެ ގިނަ ރުފިޔާ އާމްދަނީގެ ގޮތުގައި ލިބޭނެއެވެ. މި އާމްދަނީގެ %20 ދިވެހިރާއްޖޭގެ ޒަކާތު ހައުސްއަށް ޖަމާކުރެވޭނެއެވެ. ބާކީ %80 ޖަމާކުރެވޭނީ އިސްލާމިކް ވަޤްފު ފަންޑަށެވެ. މިކަމުގެ ސަބަބުން އިސްލާމީ ދާއިރާއަށް މާލީ ގޮތުން ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.
މި މަޝްރޫޢަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދާ އެއްގޮތަށް ރާއްޖޭގައި ވަޤްފު ފަންޑު އިތުރަށް ފުޅާކުރުމަށް ކުރިއަށް ގެންދަވާ މަސައްކަތްތަކުގެ ތެރެއިން އެއް މަޝްރޫޢެވެ. ދާރުއްސަލާމްގެ އިތުރުން މާލޭގައި ޢިމާރާތް ކުރާ ދާރުލް އަރްޤަމް ވަޤްފު އިމާރާތުގެ މަސައްކަތްވެސް މިހާރު ވަނީ ޢަމަލީ ގޮތުން ފަށާފައެވެ. މީގެއިތުރުން، އައްޑޫ ސިޓީއާއި، ތިނަދޫ ސިޓީއާއި ކުޅުދުއްފުށި ސިޓީގެ އިތުރުން ގއ. ވިލިނގިލީގައިވެސް ވަޤްފު މަޝްރޫޢުތައް ފެށުމަށް ނިންމަވައި، އެ މަސައްކަތްތައް ކޮންޓްރެކްޓަރުންނާ ޙަވާލުކޮށްފައިވާކަން ސަރުކާރުން ފާހަގަކުރައްވައެވެ. ސަރުކާރުން ވިދާޅުވަނީ މި މަޝްރޫޢުތަކަކީ ދިވެހިރާއްޖޭގެ އިސްލާމީ ދާއިރާއަށް އިންޤިލާބީ ބަދަލުތަކެއް ގެނުވާނެ މަޝްރޫޢުތަކެއް ކަމަށެވެ.

