ތިނަދޫ ސިޓީ ކައުންސިލުން މިއަދު ކުރި އިއުލާނުގައި ވާގޮތުން ގދ. ތިނަދޫގެ ރަށްވެހިކަން ދޫކޮށްލާނަމަ 5،000 ރުފިޔާގެ ފީއެއް ނެގުމަށް ނިންމައިފިއެވެ.
ތިނަދޫ ސިޓީގެ އާބާދީ ހިފެހެއްޓުމުގެ މަޤްޞަދުގައި، ރަށްވެހިކަމުން އުނިވާ ފަރާތްތަކުގެ އަތުން މިދިޔަ އަހަރުގެ ޖެނުއަރީމަހުގެ ތެރޭގައި ބޮޑު އަދަދަކުން ފީއެއް ނަގަން ފެށި ނަމަވެސް މި އަހަރުގެ 09 ޖުލައި 2025 ގައި ތެރޭގައި، ނަގަމުންދާ ފީ ނެގުމުގައި އިޖުރާޢަތުތައް ފުރިހަމަ ނުކޮށް ފީ ނަގަމުންދާ ކަމަށާއި އެކަން އިޞްލާޙުކޮށް އިޖުރާޢަތުތައް ފުރިހަމަ ކުރުމަށް ލަފާދެއްވުމުން އެ ކައުންސިލުން ވަނީ މި ފީ ނެގުން ހުއްޓާލާފައެވެ.
އެލް.ޖީ.އޭގެ ލަފާފުޅާ އެއްގޮތަށް، ކައުންސިލްގެ ކުރީގެ ނިންމުން 5000 ރުފިޔާގެ ފީ ނެގުން ވަގުތީގޮތުން ހުއްޓާލައި، ފީ ނެގުމާއި ގުޅޭ އިޖުރާޢަތުތައް ފުރިހަމަ ކުރުމަށްޓަކައި 10 އޮގަސްޓް 2025 ގައި ރައްޔިތުންނާއެކު ބައްދަލުވުމެއް ބާއްވާފައިވެއެވެ.
މި ބައްދަލުވުމުގައި، ރަށްވެހިކަމުން އުނިކުރުމުގެ ފީގެ ގޮތުގައި ނަގާނެ ޢަދަދުތަކުގެ ގޮތުގައި 0 އިން ފެށިގެން 5000 ރުފިޔާއާއި ދެމެދުގެ ފީ ހިމެނޭ ގޮތަށް އިޚްތިޔާރު ދެވިފައިވާ ގޫގުލް ފޯމެއް މެދުވެރިކޮށް ރައްޔިތުންގެ ޚިޔާލު ހޯދުމަށް ހުށަހެޅުނު ހިނދު، ބައްދަލުވުމުގައި ބައިވެރިވި މެޖޯރިޓީ ރައްޔިތުން ވަނީ 5000 ރުފިޔާގެ ފީއެއް ނެގުމަށް ފެންނަ ކަމަށް ޚިޔާލު ދީފައެވެ.
މިކަމާ ގުޅޭގޮތުން ޫހުވަދޫ މީޑިއާއިން މިކަމާ ބެހޭ ކުރި ސުވާލަށް ޖަވާބު ދެއްވަމުން ކައުންސިލުން ބުނީ ގޫގުލް މެދުވެރިކޮށް ފޯމު ފުރައިގެން ހިޔާލު ދިން މީހުންގެ ތެރެއިން %35 މީހުން ހިޔާލު ދިނީ 5000ރ ނެގުމަށްކަމަށެވެ. އެކަމަކު އެއީ ކިތައް މީހުންނަށް ކަމެއް ކައުންސިލުން ބުނެފައެއް ނެތެވެ. އަދި ލާފައި އިނީ ކިތައް ފޯމު ކަމެއް، ގޫގުލް މެދުވެރިކޮށް މައުލޫމާތު ދިނީ ނުވަަތަ އެގޮތަށް ހިޔާލު ދިނީ ކިތައް މީހުންކަމެއްވެސް ހާމަކޮށްފައެއް ނުވެއެވެ.
ކޮންމެއަކަސް ރައްޔިތުންގެ މި ޚިޔާލާ އެއްގޮތްވާ ގޮތުގެ މަތިން، 16 ނޮވެމްބަރ 2025 ގައި ބޭއްވުނު ކައުންސިލްގެ 4 ވަނަ ދައުރުގެ 204 ވަނަ ރަސްމީ ބައްދަލުވުމުން ވަނީ، ތިނަދޫ ސިޓީގެ ރަށްވެހިކަމުން ވަކިވާން އެދޭ ފަރާތްތަކުން އިދާރީ ޚިދުމަތުގެ ފީއެއްގެ ގޮތުގައި 5000 ރުފިޔާ ނެގުމަށާއި، ކުރީގެ ނިންމުން ބާޠިލް ކުރުމަށް ފާސްކޮށްފައެވެ.

